ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދިއުމާއެކު ޑިމޮކްރަޓްސްގެ ބައެއް މެންބަރުން ރައްދު ދެއްވައިފިއެވެ.
ނަޝީދާއި އީވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލު ކުރައްވަމުން ގެންދަވާ ކަމަށް ބުނެ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހު ދެ ބޭފުޅުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދާފައެވެ. ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް 54 މެންބަރަކު ސޮއިކުރެއްވިއިރު، އީވާގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވީ 50 މެންބަރުންނެވެ.
އެ މައްސަލަ އަނބުރާ ގެންދިއުމާއެކު މިއަދުގެ މަޖިލިސް ނިންމާލި އިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ މަޖިލީސްގެ ތަޅުމުގައި ހުންނަވައިގެން ލަވައެއް ވިދާޅުވާ މަންޒަރު ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ލަވައިގައި ކިޔަނީ "ވަޔަށާ އޮއިވަރު ރަނގަޅަށް ނުބަލާ ހިޔަލެއްގައި ތިބެ ދަތުރަށް ނުފުރާ،" މިހެންނެވެ.
ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި މި ވީޑިއޯ ހިއްސާ ކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ "ރިޔަލެއް މާ ބޮޑު އޮތަކަސް ލިބިފާ، ދިޔަގަނޑު ނުހިކޭނަމައީ އެކުގާ، ވަޔަށާ އޮއެވަރު ރަނގަޅަށް ނުބަލާ، ހިޔަލެއްގާތިބެ ދަތުރައް ނުފުރާ،" މިހެންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 86،151 (39.05 ޕަސެންޓު) ވޯޓާ އެކު ދެވަނައެވެ. އިންތިހާބުގެ އެއްވަނަ ހޯއްދަވާފައި ވަނީ 101،613 (46.06 ޕަސެންޓު) ވޯޓާ އެކު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.
މި ދަނޑިވަޅުގައި އިންތިހާބުގެ ތިންވަނަ ލިބިވަޑައިގަތް ޑިމޮކްރަޓްސްގެ އެހީއަށް ރައީސް ސޯލިހު ވަނީ ނުހަނު ބޭނުންވެ ވަޑައިގެންފައެވެ. އަދި ކުއްލި ގޮތަކަށް އެމްޑީޕީން ނަޝީދާއި އީވާގެ މައްސަލަ ގެއްދިއުމުން އިންތި މި ވަނީ އެމްޑީޕީއަށް މަލާމާތުގެ ރާގަކަށް ރައްދު ދެއްވާފައެވެ. އަދި ޑިމޮކްރަޓްސްގެ ގިނަ މެންބަރުން ބުނަމުންދަނީ ސޯލިހުގެ ފަހަތްޕުޅަށް ނާރާނެ ކަމަށެވެ.
އިންތިޔާޒާއި އެކުގައި ތިއްބެވި އެހެން މެންބަރުން ލަވަ ނިންމަވާލެއްވީ ބާރު ހިނިގަނޑަކާއެކުގައެވެ.