ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލައްވަން ވީ ފަރާތެއް އެނގިވަޑައި ނުގަންނަވާކަމަށާ އަދި ވޯޓު ދިނުމުގައި އިހްތިޔާރު ކުރައްވަން ވީ ރަނގަޅު ނިންމުމަކީ ކޮބައިކަންވެސް އެނގިވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގެ ނަތީޖާއާ ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ މީރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ކަމަށެވެ. އެހެންނަމަވެސް އިއްޔެ މީރާގެ ބައްޕާފުޅު، ރައީސް ނަޝީދު ވަނީ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު އަށް ތާއިދު ކުރައްވަފާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

ރައީސް ނަޝީދުގެ މި ޓްވީޓާއެކު، އަބަދުވެސް ރައީސް ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅަށް ތައުރީފު ކުރައްވާ މީރާ، ވަނީ ރައީސް ސޯލިހް އަށް ވޯޓުދެއްވާނެ ކަމަށް ވިދާޅުވެވުނު ވާހަކަތައް 'އަނބުރާ' ގެންދަވާ ކަމަށް ވިދާޅުވެފައެވެ. "އަހަންނަށް ވިސްނާ ނުލާ އެ ޓްވީޓް ކުރެވުމަކީ މޮޔަކަމެއް. އޭގެ ކުރިން އެކަން ރަނގަޅަށް ދެނެގަންނަން ޖެހޭ. އާންމުކޮށް އަހަންނަކީ މީހުން ކުރާ ކޮމެންޓާ މެދު އަޅާލާ މީހެއްވެސް ނޫން." މީރާ ވިދާޅުވިއެވެ.

މީގެ އިތުރުން މީރާ ވަނީ އެމްޑީޕީއިން އޭނާގެ ނަން ބޭނުން ކުރަމުން ގެންދާތީ އެކަމާވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި ގޮތުން މީރާ ވަނީ އޭނާ އެމްޑީޕީއަށް ތާއިދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ޑރ. މުއިއްޒުގެ 'ބިރުވެރިކަމާ' އެއްވަރަށް ރައީސް ސޯލިހްގެ ބިރުވެރިކަންވެސް ބޮޑުކަމަށް މީރާ ވިދާޅުވިއެވެ. "އެމްޑީޕީ އާ އެކު މިހާރު އޮތީ އަދާލަތު ޕާޓީ، ހޯމް މިނިސްޓަރު ޝައިހް އިމްރާން، ޝައިހް އިލްޔާސް، ޝައިހް އިޔާޒް، ސަން ސިޔާމް ފަދަ ހަރުކަށި ފިކުރުތަކާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ މީހުން." މީރާ ވިދާޅުވިއެވެ.

މީގެ އިތުރުން މީރާ ވިދާޅުވީ މިކަމުގައި ރަނގަޅު އެއްވެސް ކޮޅެއް ނުފެންނަ ކަމަށާއި މިކަމުގައި އެއްވެސް ހައްލެއް ވެސް ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.