މަސްތުވާތަކެއްޗާ އެކު އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ ހުކުރު ދުވަހުގެރޭ ހައްޔަރުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ފުލުހުން މަސްތުވާތަކެއްޗާ އެކު ހުޅުމާލޭން ހައްޔަރުކުރީ އަހްމަދު އަފީފް، ހ. މެޑޯސްވީޓް އެވެ.
ފުލުހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިދިޔަ ހުކުރު ދުވަހުގެރޭ އަފީފް ހައްޔަރުކުރީ އޭނާގެ އަމަލުތައް ހުރި ގޮތުން އޭނާ ގާތު މަޑުކުރަން އެންގުމުން އޭނާގެ އަތުގައި އޮތް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމުން އޭނާ ހުއްޓުވައި، އެ ވަގުތު ހުރިތަން ބަލައި ފާސްކުރުމަށް ފަހުގައެވެ.
އެގޮތުން އަފީފް އެ ވަގުތު ހުރި ތަން ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ފެކެޓު ފެނިފައިވާ ކަމަށް ފުލުހުންގެ މައުލޫމާތުގައި ވެއެވެ.
ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގައި 10 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.