އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ޖާމަނީގެ ޗެމްޕިއަން ބަޔާން މިއުނިކް އާ ނިއު ޒިލޭންޑްގެ އެމަޗުއާ ޓީމު އޯކްލެންޑް އެފްސީ ކުޅުނު މެޗު 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަޔާން ކާމިޔާބުކޮށްފިއެވެ.
ސިންސިނާޓީ ސިޓީގައި ކުޅުނު މިމެޗުގައި ބަޔާންއިން 30 އަށް ވުރެ ގިނަ ޝޮޓް އޮކްލެންޑްގެ ގޯލަށް އަމާޒުކުރި އިރު ބަޔާންގެ ތަފާތު 5 ކުޅުންތެރިއަކު ވަނީ މިމެޗުގައި ލަނޑު ޖަހާފައެވެ. މި ގޮތުން، އެޓީމުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 6 ވަނަ މެޗުގައި ކިންސްލީ ކޯމަންއެވެ. އޭނގެ ފަހުން ޑިފެންޑަރު ސާޝާ ބޯއޭ ވެސް ލަނޑެއް ޖެހި އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން މައިކަލް އޮލީސޭ ދެ ލަނޑު ޖަހިއެވެ. އަދި ކޯމަންގެ އިތުރު ލަނޑަކާ ބަޔާންގެ ލެޖެންޑް ތޯމަސް މުލާގެ ލަނޑެއް ފެނިގެން ދިޔައެވެ.
6-0 އިން ކުރީގައި އޮވެގެން ބަޔާނުން ފުރަތަމަ ހާފް ނިންމާލި އިރު ދެވަނަ ހާފްގައި ޒުވާން ފޯވަޑް ޖަމާލް މުސިއާލާގެ ހެޓްރިކެއް ފެނިގެން ދިޔައެވެ. އަދި މުލާ ކްލަބަށް ޖަހާ ދިން 250 ވަނަ ލަނޑު ވެސް ފެނިގެން ދިޔައެވެ.
ޕާޓް ޓައިމްކޮށް ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ މައްޗަށް ބިނާވެފައިވާ އޮތް އޮކްލޭންޑް އެފްސީއަށް މުޅި މެޗުގައި ވެސް ބަޔާންގެ ގޯލަށް އަމާޒުކުރެވުނީ އެންމެ ޝޮޓެކެވެ. އެޓީމަކީ މި މުބާރާތުގައި ބައިވެރިވާ ހަމައެކަނި އެމަޗުއާ ޓީމަށްވާ އިރު އެހެން ވަޒީފާތަކުގައި އުޅެން ޖެހުމުގެ ސަބަބުން އެޓީމުގެ ބައެއް ކުޅުންތެރިންނަށް މި މުބާރާތުގައި ކުޅުމަށް ވެސް ނާދެވުނު ކަމަށް މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.
މިމެޗުން މޮޅުވެ ބަޔާން މިވަނީ ގްރޫޕް ސީގެ އެއްވަނައަށް އަރާފައެވެ.
ދުނިޔޭގެ އެކި ގައުމުތަކުން 32 ކްލަބް ވާދަ ކުރާ މި މުބާރާތުގައި ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާ އިރު ވާދަވެރި މެޗެއް ފެނިގެންދާނެއެވެ. އެއީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ސްޕެއިން އެތްލެޓިކޯ މެޑްރިޑެވެ. މިރޭ ދަންވަރު 3 ޖަހާ އިރު ބްރެޒިލްގެ ޕާމެރާސް އަދި ޕޯޗުގަލްގެ ޕޯޓޯ ވާދަކުރާ އިރު މާދަން ހެނދުނު 7 ޖަހާ އިރު ބްރެޒިލްގެ ބޮޓަފޯގާއާ އެމެރިކާގެ ސިއޭޓަލް ސައުންޑާސް ވާދަކުރާނެއެވެ.