ޖީއެމްސީއީ ނުވަތަ ޖެމްކިއު އިންވެސްޓްމަންޓް ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއް ކަމަށާއި މި ސްކީމް ހިންގައި، ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަވްވާނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގައި ރަޖިސްޓްރީކޮށް، ހުއްދަ ނަގައިގެން ކަމަށެވެ.
އެހެން ނަމަވެސް ޖެމްކިއު ނަމުގައި ހިންގާ ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސްކީމެއް ނޫން ކަމަށާއި މި ސްކީމަކީ ގާނޫނޫ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫންކަން އެނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެިވުމުގެ ހައްގު ވިއްކާލުމަކީވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ޓެކްނޮލޮޖީއާއެކު ތައާރަފުވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި ދިވެހި ފުލުހުންގެ ހިދުމަތުން ގުޅިގެން މި މައްސަލަ ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މި ސްކީމް ހިންގައި، ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާ ގުޅިގެން ކުރަމުންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ޖީއެމްސީއީ ނުވަތަ ޖެމްކިއު ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުން ގެންދާ އިންވެސްޓްމެންޓް ސްކީމަކީ އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، އިންޓާނެޓް މެދުވެރިކޮށް ހިންގާ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގައި ބައިވެރިވާ ފަރާތްތަކަށް ޔޫއެސްޑީޓީ ނަމަކަށް ކިޔާ ޑިޖިޓަލް ފައިސާ (ކްރިޕްޓޯކަރަންސީ) ބޭނުންކޮށްގެން އިންވެސްޓްކުރެވެއެވެ.
އިންވެސްޓަރުންނަށް ކޮންމެ ދުވަހަކު އެ ފަރާތެއްގެ އިންވެސްޓްމެންޓް ދަރަޖަ (ޓިއާ ލެވެލް)އަށް ބިނާކޮށް، ޕްލެޓްފޯމުގައިވާ ވަކި ބަޓަނަކަށް ފިތާލުމުން އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ އެހީގައި ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދައްކުވައިދެއެވެ.