ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރިކުރުމުގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައާ ގުޅިގެން ޝަމްއާން ހައްޔަރުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ.

ޝަމްއާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ. އަދި ތަހުގީގީ އިދާރާތަކުން ހުށަހެޅި ހުށަހެޅުންތަކާއި ގުޅިގެންނާއި، ހެއްކަށް ނުފޫޒު ފޯރުވާނެކަމަށް ބެލެވޭތީ، ފަހުން ޝަރީއަތް ނިމެންދެން ޝައްމާން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަމުރު ބާތިލު ކުރުމަށް އެދި ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމުގައި ޝައްމާނުގެ ވަކީލު ނޫރުއްސަލާމު ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަނުގެ މައްސަލަ ބެލުމަށް އުފައްދާފައި، ގާނޫނީ ބާރު ދެއްވާފައިވާ އޭސީސީގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުގީގެއް ނުހިންގޭނެ ކަމަށެވެ.

އަދި ހައިކޯޓުން އެގޮތަށް ނިންމާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވެސް ޝަމްއާންގެ ގާނޫނު ވަކީލު ފާހަގަކޮށްފައި ވެއެވެ. ހަމަ އެހެންމެ އެއީ ކޮރަޕްޝަންގެ މައްސަލައަކަށްވާތީ، އޭސީސީއާ ނުލަައި ފުލުހުންނަށް އެކަނި ކޮރަޕްޝަނުގެ މައްސަލަ ބެލިދާނެތޯ ވަކީލު ވަނީ ސުވާލު އުފައްދާފައެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އަޑު އެހުންތަކުގައި ޝަމްއާންގެ ވަކީލު އިތުރަށް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާއާ ހިލާފުވެފައިވާކަން ހައިކޯޓުގެ ހުކުމުންވެސް އެގެން އޮތް ކަމަށެވެ.

"ހައިކޯޓުގެ ރިޕޯޓުގައި 62 ވަނަ ނަންބަރުގައި ބަޔާން މިކުރަނީ އެކަން ކުރެވޭނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނޫނީ އެ ކޮމިޝަނާއި ފުލުހުން ގުޅިގެން ކަމަށް މާނަކޮށްފިނަމަ، މި ހާލަތުގައި މަނީލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރަށް ހުރަސް އެޅިގެންދާނެ. އޭރުން މަނީލޯންޑަރިންގެ ކުށް ބިނާވެގެންދާނީ ކޮންމެވެސް އެހެން އިދާރާއަކުން ކޮށްދޭ ކަމެއް ނުވަތަ އެހެން އިދާރާއަކުން އެއްބާރުލުންދޭ ގޮތެއްގެ މައްޗަށެވެ." ވަކީލު ވިދާޅުވިއެވެ.

ރައްދުގައި ދައުލަތުގެ ވަކީލު ވަނީ އޭސީސީގެ އެއްވެސް ބައިވެރިވުމެއް ނެތި ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް އެކަނި ބެލިދާނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާ ކަމަށް ޝަމްއާންގެ ފަރާތުން ވިދާޅުވާ ވިދާޅުވުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ބުނެފައެވެ. މީގެ އިތުރުން ވެސް ހައި ކޯޓުން ކަނޑައަޅާފައި އޮތީ އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު މުތުލަގަށް ފުލުހުންނަށް ދެވޭ ގޮތަކަށް ނޫން ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

އަދި މި މައްސަލާގައި ދައުލަތުން ވަނީ ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަކީ، އިސްތިއުނާފު ނުކުރެވޭނެ މައްސަލަތަކެއްކަން ކަނޑައެޅުމުގެ އިތުރުން އެ ނޫން ގޮތަކަށް ނިންމާ ހާލަތެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެއްވެސް ބައިވެރިވުމެއްނެތި ކޮރަޕްޝަނުގެ މައްސަލަތައް ފުލުހުންނަށް ބެލިދާނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ، ނިންމުން ދަަމަހައްޓައިދިނުމަށް އެދިފައެވެ.

ދެން މި މައްސަލައިގައި އޮންނާނީ ސްޕްރީމް ހުކުމް ކުރާ އަޑުއެހުން ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އަޑު އެހުން ނިންމާލަމުން އިއުލާންކޮށްފައެވެ. އެކަމަކު އެ އަޑުއެހުން އޮންނާނެ ވަކި ތާރީހެއް މިއަދު އިއުލާނެއް ނުކުރައްވަ އެވެ.