މީގެ ކުރިން 'ދަ ޕްރެސް' އިން ކުރިއަށް ގެންދިޔަ ހިޔާލުހޯދުމުގެ ވޯޓެއްގެ ނަތީޖާގެ އަލީގައި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ރައީސް ކާނަމް މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ނުހޮވޭ ކަމަށް ލިޔުނީމެވެ.

އެ އާޓިކަލް އާ ގުޅިގެން ފުންނާބު އުސް ލޯޔަރަކު ފާޅުކުރި ހިޔާލެއްގައި އެއީ ތާކުންތާކު ޖެހޭ ލިޔުމެއް ނޫންކަމަށް ބުނެ ކޮމެންޓް ކުރިއެވެ. ދެން ކޮމެންޓް ކުރި ބައެއް މީހުން، އާޓިކަލްގައި އޮތް އަންދާޒާ އާ މެދު އާނބަސް ބުނެފައި ވެއެވެ.

އިއްޔެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިގެން ދިޔަ އިރު، ކުރީ އާޓިކަލްގައި ފާހަގަ ކުރި 3 ބޭފުޅުންގެ ތެރެއިން އިލްޔާސް ލަބީބަށް ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ އިތުރަށް އޭނާ 5 ހާސް ވޯޓު ހޯއްދެވީމައި މި އާޓިކަލްގައި އޭނާގެ ވާހަކައެއް ނުދައްކާނަމެވެ. ނަމަވެސް ގާސިމް އިބްރާހިމް އާއި ނާޒިމްގެ ވާހަކަ އަދިވެސް ދައްކަން ޖެހެއެވެ.

މި ދެބޭފުޅުން ކުރިމަތިލެއްވީ އަޅެ ކީއްކުރަންހެއްޔެވެ؟

އެތައް ބަޔަކު ވަގަށް ޕާޓީގެ ދަފްތަރުގައި ޖައްސައިގެން 22،607 މީހުން ހަމަކޮށްގެން ތިބި ޖޭޕީ އަކީ ކުރީގެ ޖޭޕީއެއް ނޫނެވެ. ޕާޓީގެ ހަރަކާތެއް ނުހިނގާ 'މަރުވެފައި އޮންނަތާ އެތައް އަހަރެއް ފަހުން' ރިޔާސީ އިންތިހާބާ ދިމާކޮށް "ހާސްކަނޑާލަން" ލަވަޖަހަމުން ދިޔަ އިރު ސިޔާސީ މަސްރަހު ބަދަލުވެފައި އޮތް ގޮތް ގާސިމަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އަމިއްލަ ރިސޯޓުގައި އަސްދޫންޏަށް ކާންދެއްވަން އިންނަވާތާ އެތައް ދުވަހެއް ފަހުން، ދަމަކުން ބަޑިއެއް ޖަހާހެން މ. ކުނޫޒަށް ވަޑައިގަތަސް އެއީ ދިރުމެއް އޮތް ތަނެއް ނޫންކަންވެސް އޭނާއަކަށް އެނގިވަޑައެއް ނުގަންނަވައެވެ.

އަލުން ބަލުން ފަށަން ޖެހިފައި އޮތް ކަމެއްވެސް އެނގިވަޑައެއް ނުގަންނަވައެވެ. ވައިކުޑާގައި އައި ބަޔަކު ލައިގެން "ހަމަޖައްސަން" ލަވަޖަހަމުން ދިޔަ އިރު، އެތާނގައި ހިނގަމުން ދިޔައީ މުޅިން އެހެން އެޖެންޑާއެއް ކަމެއްވެސް ގާސިމަކަށް އެނގިވަޑައެއް ނުގަންނަވައެވެ. ކެމްޕެއިން ބަޖެޓް ހަދާ، ބަޖެޓްގެ ވަތްގަނޑު ހަވާލު ކުރި މީހާ އިންތިހާބަށް 3 ދުވަހަށް ވެފައި ވަނިކޮށް ފިލީމައި ވީ ގޮތް ރެއަކާލީ އިރު ވަގުތު ފާއިތުވެއްޖެއެވެ. އެކައުންޓް ކްލޯސް ކޮށް ފައިސާ ދޫކުރުން ހުއްޓާލަން ގާސިމް އެންގެވި އިރު ބައެއް އަތޮޅުތަކުގައި ގާސިމްގެ ޓީމުތަކުން "ޓިނުކޮޅުކޮޅާއި، ސިމެންތިއާއި، އެނޫންވެސް ބައެއް ކުދިކުދި ޒަރޫރީ ކަންކަން ކޮށްދިނުމާއެކު ފައިސާގެ އެހީ ދޭން" އޮތީ ލިސްޓުތައް ހަދާފައެވެ. ނަމަވެސް އެޓީމުތަކަށް ދެން މަޖުބޫރިވީ، އެ ލިސްޓުގައި ހިމެނޭ މީހުންނަށް ގުޅާ، އެކަންކަން ހަމަޖެހެން ނެތް ވާހަކަ ބުނާށެވެ.

ނަތީޖާއަކީ ކޮބާތޯއެވެ. ބައެއް ރަށްރަށުގައި ހުރި ޖޭޕީގެ ޖަގަހަތަކުގައި ތަޅު އަޅުވައި އެތާ އުޅުނު ކުދިން ކޮޅު ޕީޕީއެމް އާއި އިދިކޮޅު އެމްޑީޕީއާ ދިމާއަށް ދީލާލީއެވެ. ގިނަ ކުދިން ދިޔައީ ޕީޕީއެމް ފަޅިއަށެވެ.

އެމްއެންޕީގެ ރައީސް ނާޒިމް ކުރެއްވި މަސައްކަތް ތަފާތެވެ. ދޮރުން ދޮރަށް ހިންގަވާ، ރަށްރަށަށް ވަޑައިގެން މީހުންނާ ބައްދަލުކުރައްވާ ހެއްދެވިއެވެ. ނަމަވެސް ނާޒިމް އުފުއްލަވަން ޖެހިވަޑައިގެންފައި އޮތް 'ބާޣީ" ލަގަބާއި، ޕާޓީގެ ހަރާކާތްތަކުގައި އުޅުނު ގިނަ އެކްޓިވިސްޓުންނަކީ މުސާރަވެރިންގެ ގޮތަށް އުޅުނު މީހުން ކަމުން އޭނާއަށް ވެސް ބޮނޑިލިބުނީއެވެ. އެމީހުންގެ ތެރޭގައި ގިނައީ އެތެރެފުށް ޕިންކް، ބޭރުން ގަދަ ނޫ ކުލައިގެ ޓީޝާޓުގައި އުޅުނު ޕީޕީއެމްގެ ފިކުރުގެ މީހުންނެވެ.

އިންތިހާބަށްޓަކައި ދެބޭފުޅުން ވެވަޑައިގަންނަވަމުން ގެންދެވި ވައުދުތަކަކީވެސް ނުހޮވުމަށް ދިމާވި އެއް ސަބަބެވެ. އުފުލައި ނުލެވޭވަރުގެ ބޮޑެތި ވައުދުތަކެވެ. އެކަން އެގޮތަށް ކުރެއްވީ، އެ ބޭފުޅުންނަށް ވެސް އެބޭފުޅުން ނުހޮވޭކަން އެނގިވަޑައިގަންނަވާތީ ކަމަށްވެސް މިހާރު ޔަގީން ކުރެވެއެވެ.

އެމްއެންޕީގެ ދަފްތަރުގައި 9،838 މީހަކު ތިބި އިރު، ނިމިދިޔަ އިންތިހާބުގައި ނާޒިމަށް ލިބިވަޑައިގަތީ 1،896 ވޯޓެވެ. ލައްވާލީ ފުލުން 2 ވަނައިގައެވެ. ގާސިމަށް ލިބިވަޑައިގަތީ 5،545 ވޯޓެވެ. ލައްވާލީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ކެންޑިޑޭޓު އުމަރު ނަސީރަށް ވުރެވެސް ފަހަތުންނެވެ.

ދެބޭފުޅުންގެ ޖުމްލަ އެއްކޮށްލީމައި ބާތިލް ވޯޓުގެ ގޮތުގައި ހިމެނިގެން ދިޔަ 4،835 ވޯޓާ އަޅާ ބަލާއިރު ގިނައީ އެންމެ 2.606 ވޯޓެވެ.

މިވަރުންވެސް ހަމަ މި ބޭފުޅުން އިންތިހާބަށް ކުރިމަތިލައްވަން ޖެހޭތޯއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިފައި ވާއިރު، އެންމެ ގިނަ ވޯޓު ހޯއްދެވި 2 ކެންޑިޑޭޓުން ކުރެ ކެންޑިޑޭޓަކަށްވެސް ސާފު މެޖޯރިޓީ ލިބިވަޑައިގެންފައި ނުވުމުން ދެވަނަ ބުރެއް އޮންނާނެއެވެ. މިމަހުގެ 30 ވާ ހޮނިހުރު ދުވަހަށް ދެވަނަ ބުރުގެ ވޯޓުލުން ތާވަލު ކޮށްފައި ވާ އިރު، އިއްޔެގެ ނަތީޖާއިން ދެވަނަ ބުރު ކާމިޔާބު ކުރެއްވުން އެންމެ ގާތީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ ވަނީ ވޯޓުލީ މީހުންގެ 46.06 ޕަސެންޓާއެކު 101،635 ވޯޓު ހޯއްދަވާފައެވެ. އިންތިހާބުވާން ބޭނުންވަނީ 50 ޕަސެންޓާއި 1 ވޯޓު ކަމުން ދެން މުއިއްޒު ހޯއްދަވަން ޖެހިވަޑައިގަންނަވާނީ 3.94 ޕަސެންޓް ނުވަތަ ގާތްގަނޑަކަށް 10 ވަރަކަށް ހާސް ވޯޓެވެ. ދެވަނަ އަށް ދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 39.05 ޕަސެންޓެވެ. އެއީ 86،161 ވޯޓެވެ. އެހެން ކަމުން އޭނާ 24 ހާހަށް ވުރެ ގިނަ ވޯޓު ހޯއްދަވަން ޖެހިވަޑައިގަންނަވާނެއެވެ.

މި އަދަދުތަކަށް ބަލާއިރު، އިއްޔެގެ އިންތިހާބުން 15،539 ވޯޓާއެކު 3 ވަނަ ހޯއްދެވި އިލްޔާސްގެ ހުރިހާ ވޯޓެއް އިބްރާހިމް މުހައްމައްދު ސޯލިހަށް ލިބުނަސް އަދި ނުހޮވޭނެއެވެ.

އެހެން ކަމާއެކު އަންނަ ރިޔާސީ ދައުރު ކާމިޔާބު ކުރެއްވުމާ އެންމެ ގާތީ މުއިއްޒު ކަމުގައި ފާހަގަކޮށް ނިންމާލަމެވެ.