ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުން ބަލައިގަނެ އެ ނިންމުމަށް އިހްތިރާމްކުރުމަށް، ހިއުމަން ރައިޓްސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިފަދައިން އިލްތިމާސްކުރީ، މިއަދު ނިމުނު އިންތިހާބުގެ ވަގުތީ ނަތީޖާ އިން ޕީއެންސީގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވާ ދަނޑިވަޅެއްގައެވެ.

އެ ކޮމިޝަނުން ވަނީ ގިނަ ރައްޔިތުން ބައިވެރިވެ ނިންމާ ނިންމުން ބަލައިގަތުމަށާއި، އެ ނިންމުމަށް އިހްތިރާމުކޮށް ސިޔާސީ މަސްރަހު ހަލަބޮލިނުވާނެ ހެން ކަންކަން ކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ފަހުގެ ނަތީޖާތަކުން ދައްކާ ގޮތުގައި މުއިއްޒަށް ލިބިވަޑައިގެންފައި ވަނީ 97،538 ވޯޓުންނެވެ. ރައީސަށް ލިބިވަޑައިގަތީ 83،279 ވޯޓެވެ. އެހެންކަމުން މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގައި ރައީސްގެ މައްޗަށް ކުރި ހޯއްދަވައިފައެވެ. ނަމަވެސް 50 ޕަސެންޓު ވޯޓު ލިބިވަޑައިގެންފައި ނުވާތީ، ރައީސަށް އިތުރު ދައުރެއް ކަށަވަރުވާނެތޯ، ނުވަތަ މުއިއްޒު ވެރިކަމަށް ވަޑައިގަންނަވާނެތޯ ޔަގީންވާނީ މި މަހުގެ ފަހު ދުވަހު އޮންނަ ދެވަނަ ބުރުންނެވެ.