މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ސުލްހަވެރި އިންތިހާބު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ޖަމާލުއްދީން ސުކޫލަށް ވަޑައިގަތުމަށްފަހު ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ މިއީ މިނިވަން އަދި ވަރަށް ސުލްހަވެރި އިންތިހާބެއް ކަމަށާއި އެކަމުގެ ހެއްކަކީ ވޯޓުލާން ހަމަޖެހިފައިވާ ސީދާ ގަޑިއަށް ވޯޓުލާން ފެށުން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މިއީ މީގެ ކުރީގެ އިންތިހާބުތަކުގައި ނުފެންނަ މަންޒަރެއް ކަމަށާއި އެއްވެސް ތަނެއްގައި ހަމަނުޖެހުމެއް ހިނގައިގެން މާބޮޑު ޝަކުވާއެއް އައިސްފައި ނުވާ ކަމަށެވެ. އަދި މި އިންތިހާބުގެ ކެމްޕެއިން ފެށުނީންސުރެ ދަނީ ވަރަށް ހަމަޖެހިގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ދެކިފައި ނުވާ ފަދަ ރަނގަޅު ޑިމޮކްރެޓިކް ހަމަތަކެއްގެ މަތިން ކުރިދާ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންވެސް ވޯޓުލުމުގެ ހައްގު ބޭނުންކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރައީސް ސޯލިހު ވަނީ މި އިންތިހާބުން މޮޅުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބޮޑު ތަފާތަކުން މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީއިން ރިޝްވަތު ބަހަމުންދާ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއިން ފައިސާ ނުބަހާނެ ކަމަށެވެ.