"ކާކަށް އިއްވަން ތިހާ ބާރަށް ތިގޮވަނީ."

"މިސްކު ކޮބާ؟ "

އަހަރެންގެ އަޑަށް ވެރިވެގެން ދިޔައީ ބަރުކަމެވެ. ނަމަވެސް އަހަރެންނަށް ކޮށްފައިވާ އަސަރަކުން ކުޑަވެސް ރަހުމެއް ތޮލާލަކަށް ނުކުރިއެވެ. ތޮލާލު ދޫކޮށްލީ މައި ނޭވައެކެވެ. ނޭފަތް ދަމާލަމުން އައިސް ތޮލާލު އޭނަ އަތުތެރެއަށް އަހަރެން ދަމައިގެންފިއެވެ. ރޮއެގަންނަމުން އަހަރެން ތޮލާލު މޭގައި ދެއަތް ވިއްދީ ތޮލާލު ދުރުކޮށްލާށެވެ.

"މިސްކު ދެކެ ސުދާ ހަގީގަތުގަވެސް ލޯބި ވޭތޯ ޔަގީން ކޮށްލަން މިގެނައީ. ބޭނުންތަ އަހަރުމެންގެ ދަރިފުޅު ދެކެލަން."

ތޮލާލު އުޅެން ފެށިގޮތުން ތޮލާލުގެ މަގުސަދަކީ ކޮބައިކަން އަހަންނަށް ވިސްނެން ނެގީ ކުނޑަ ހިނދުކޮޅެކެވެ. އަހަރެންނަކީ އޭނަގެ ދޮންބެގެ އަނބިމީހާކަން ތޮލާލު ހަނދާން ކުރާކަށް ބޭނުމެއް ނުވިއެވެ.

"އާދޭސްކޮށްފަ މިބުނީ ފުރަތަމަ މިސްކު މަށަށް ދައްކާ. ތޮލާ ބުނި ކޮންމެ ކަމެއް އަހަރެން ކުރާނަން. ހިތްބަލި ކުއްޖެއް އެއީ. ބިރުން ގޮސް އެފަކީރު މަރުވެދާނެ. ނަޒީފް ކައިރިން ވަރިވަންވެސް އަހަރެން ތައްޔާރު."

ގިސްލާ ރޮމުން އަހަރެން މަސައްކަތް ކުރަމުން ދިޔައީ ތޮލާލަށް ވިސްނައި ދެވޭތޯއެވެ. ތޮލާލު ރުއްސައި ލެވޭތޯއެވެ. ނަމަވެސް ތޮލާލު ފެށީ ހޭށެވެ.

"މަމީ މޮޔައެއް ކަމަށްތަ ތި ހީކުރީ. މިސްކު އެއޮތީ އަހަރެން ބޭއްވި ތާނުގަ ނިދާފަ. އޭނައަށް ހޭލެވުމުގެ ކުރިން އޭނަ ކައިރިއަށް ދާން ބޭނުމިއްޔާ ބޭކާރު ވާހަކަ ގިނަ ނުކުރޭ."

ތޮލާލުގެ ވާހަކައިން އަހަރެންގެ ނިތައް ރޫ އަރުވާލެވުނެވެ.

"ނިދާފައޭ. ކުޅޭ ހިތުން ދުވެދުވެ ހުރި ކުއްޖަކު ކަލޭ ބުނާއިރަށް ނިދާނެތަ.؟ ރަނގަޅަށް ވަންޏާ އެކުއްޖާ ހޭނެތިފަ އޮންނާނީ. މަށަށް ދައްކަބަލަ މިސްކު. ހުވާކޮށްފަ މިބުނީ އަހަރެން އަޅަކަށް ވެގެން އުޅޭނަން ބުނިހާ ދުވަހަކު. އެކަމަކު މިވަގުތު ތިހެން ނަހަދާ. ފުރަތަމަ މިސްކު އޮތް ތަނަަކަށް އަހަރެން ގެންގޮސްދީ. ހެޔޮނުވާނެ. ބިރުން އެފަކީރު...."

"ދޭ ހޯދަން.. އެންމެން ގޮވައިގެން އައިސް ހޯދިޔަސް މަ ނުބުނާނަން އޭނަ އޮތްތަނެއް. ވަރިހަމަ ދޮންބެ އައިސް މަ މަރާލިއަސް. ބަނދެފަ އޮންނާނީވެސް. ބިރުން މަރުވިޔަސް އަޑެއްވެސް އޭނައަށް ބޭރުކޮށެއް ނުލެވޭނެ. އެހެންވީމަ ސުދާއަށް އޮތީ މަ ބޭނުން ގޮތެއް ހެދިގެން ހުރުން. އޭނަ މާގިނަ އިރަކު ނޯންނާނެދޯ ނިދާފައެއް."

ތޮލާލު ހަމަ ރަނގަޅަށް ވެސް އަހަރެން ބިރުގަންނަވާލައިފިއެވެ. އަހަރެން ކުރިހާ އާދޭހާ ރުއި ރުއިމަށް ތޮލާލު ދިނީ ބީރުކަންފަތެކެވެ. ތޮލާލު ހައްދާލެވޭތޯ އަހަރެން ކުރި މަސައްކަތްވެސް ވީ ބޭކާރެވެ. މިސްކު ވީ ހާލެއް ނޭނގި އަހަރެން ބެދިގެން ދިޔައީ ހަތަރު އުދަރެސް މެދުގައެވެ. ތޮލާލު ހެދިހާ ގޮތެއް ހެދިގެން އަހަރެންނަށް ޖެހުނީ ރޮއެރޮއެ ހުންނާށެވެ. ތޮލާލަށް ހަމަލަދީ ހިރި ނުލެވޭ ވަރުކޮށްލަން އެތަށް ފަހަރަކު އަހަރެން ބޭނުންވިއެވެ. ނަމަވެސް އެހެން ހަދައިފިނަމަ ކަނު އަދިރީގައި މިސްކު ވީ ލތަނެއް އަހަރެން ހޯދާނީ ކިހިނެއް ހެއްޔެވެ.؟ އަހަރެންގެ ފުރާނަފަދަ ލޯބިވާ ދަރިފުޅުވީ ކޮންހާލަކު ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ.

އަހަރެންގެ އިއްޒަތާ އިއްފަތް ދެވަނަ ފަހަރު ވެއްޔާ މޮޑެވިގެން ހިނގައްޖެއެވެ. ތޮލާލު އަހަރެން ދޫކޮށްލީ އޭނަ ހިތްފުރޭވަރު ވުމުންނެވެ. އެތަށް އަނިޔާއެއް ދީ އަހަރެން ރޭޕް ކުރުމަށް ފަހުގައެވެ. ހަޔާތުގައި އެތަށް ހިތްދަތި ތަޖުރިބާއެއް އަހަންނަށް އޭގެ ކުރިންވެސް އޮތީ ކުރެވިފައެވެ. އެތަށް ވޭނަކާ ކެކުޅުމެއް އަހަރެން ތަހައްމަލު ކުރީމެވެ. ނަމަވެސް އެރެއަށް ވުރެން ހިތްދަތި ދެވަނަ ވަގުތެއް އަހަރެން ތަޖުރިބާ ނުކުރަމެވެ.

"ކޮބާ މަގޭ ދަރި؟"

ހިތާ ފުރާނައިގަ ލެވުނުހާ ޒަހަމްތަކެއްގައި ފަރުދާ އޮޅާލަމުން އަހަރެން ސުވާލު ކުރީމެވެ.

"ދެންވެސް މަ ބުނީމަ އަންނަން ލަސް ނުކުރާތީ."

އަހަރެންގެ މޫނަށް އިނގިލި ދިއްކޮށްލިއިރު ތޮލާލު ހުރީ ކުރެވުނު ކަންތަކާ މެދު ހިތްހަމަ ޖެހުނު ވަރުން އާ ޖޯޝަކާ ހިތްވަރެއް ލިބިފައެވެ. އަހަރެން އިހްތިޔާރުކުރީ ހަނުހުރުމެވެ. ތޮލާލު ހިނގައިގަތުމުން އޭނަގެ ފަހަތުން އަހަރެންވެސް ހިނގައިގަތީމެވެ. ފޯނުން އަލިކުރަމުން ގަސްތައް ފޭކުރަމުން މާ ދުރު ނޫން ހިސާބަކަށް ގޮސް ތޮލާލު ހުއްޓުނީ މިސްކު ފައިބުޑުގައެވެ. ތޮލާލު ބުނިހެން މިސްކު އޮތީ ފުން ނިންޖަކަށް ގެނބިފައެވެ. ހަތަރެސްފައި ފުރަގަހަށްލައި ބަދެލާފައި އޮތް މިސްކު ފެނުމުން ރޮމުން އަހަރެން މިސްކު ގައިގަ އޮޅުލައިގަތީމެވެ. އަހަރެންގެ ހިލަން ވުމުން ލޯ ހުޅުވާލައިފަ މިސްކު ދެންވެސް ވަރުދެރަ ގޮތަކަށް ލޯ މަރާލިއެވެ.

"މަ ދިނީ ބިސްކޯދެއް. ކާލި ގޮތަށް ވާތާވެގެން ދެމިއްޖެ. ހާސްނުވެބަލަ އިރުއެރުމުގެ ކުރިން ހުންނާނީ ހަމަޖެހިފަ."

ތޮލާލު ސިގަރެޓެއް ރޯކޮށްލަމުން ބުނެލިއެވެ.

"ކަލޭ ހަނދާން ކުރާތި.. ތިކުރި ކަންތަކުގެ ހިތި މާތްކަލާނގެ ކަލެއަށް ދައްކަވާނެ. އަހަރެންގެ ބަދުދުޢާއިން ކަލޭ ދުވަހަކުވެސް ސަލާމަތެއް ނުވާނެ."

އަހަރެންގެ ހިތަށް ކޮށްފައިވާ އަސަރުން ތޮލާލަށް ރައްދު ދިނީމެވެ. ޖަވާބުގައި ތޮލާލު ދެކޮޑު އަރުވާލީ ހާސްކަމެއްނެތިއެވެ.

"މިހާރުވެސް މަ އުޅެނީ ވަކި އުފަލަކު ނޫން. ކަލޭމެން އެންމެން ތި ތިބެނީ ދޮންބެ ވަރެއް ނެތިފަ. މަށަށް ލިބެނީ ކޮންއެއްޗެއްތަ.؟ ފޭރެން މިޖެހެނީ."

ތޮލާލުގެ ވާހަކަ އަޑުއަހަން އިތުރަށް އަހަރެން މަޑެއް ނުކުރަމެވެ. މިސްކުގެ އަތްފައި މޮހާލާ ނަގާ އަހަރެންގެ މޭގައި ބޮނޑިކޮށްގެން ވަލުން ނުކުތުމަށް އަވަސްވެގަތީމެވެ. އަހަރެންގެ ފަހަތުން އަންނާކަށް ތޮލާލު ނޫޅެއެވެ. އޭނަ ބޭނުންވާ ކަންތައް ވުމުން އޭނަ ހިނގައިގަތީ އަހަންނާ ދުރަށެވެ. އަހަންނަށް ވަލުން ނުކުމެވުނީ އަތިރި ފަރާތަށެވެ. އަހަރެންގެ ލޮލުގެ ކުރިމަތިން ތުނޑި އޮތީ ހާމައަށް ފެންނާށެވެ. ރޯކޮށްފައި ހުރި ބޮޑު އަލިފާން ގަނޑުގެ އިތުރުން މިހާރު އެންމެން މޫދަށް އެރިގެންވެސް އެއުޅެނީ އަލިފާން ދަރުފައި ތަކެއް ރޯކޮއްގެނެވެ. ވަލުން ނުކުމެގެން ތުނޑިމަތިން ހިނގާލާފައި ތޮލާލު އެމީހުންނާއި ދިމާލަށް ދިޔަތަން އަހަރެން ދުށީމެވެ. ތޮލާލު ފެނުމާއި އެކު ފާތިމާ ދުވެފައި އައިސް ތޮލާލުގެ ގައިގާ ހިފީވެސް އަހަރެން ބަލަން ހުއްޓައެވެ. ފާތިމާ ކީ ނުކީ އެއްޗެއް އަހަރެންނަކަށް ނޭނގެއެވެ. ދެން ފެނުނީ ތޮލާލު މޫދާ ދިމާލަށް ދުއްވައި ގަތް ތަނެެވެ. ކުރިއަށް ހިނގައިގަންނަން އަހަރެންވެސް މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންގެ ހިތްވަރު އެލި ކަކުލު ހުޅުން ބާރު ދޫވެގެން ހުރިތަނަށް އަހަންނަށް ތިރިވެވެވުނެވެ. ހިތަށް ކުރަމުން ދިޔަ ކެތްކުރަން ދަތި އަސަރެއްގެ ބޮޑުކަމުން އަޑުން އަޑުނަގާ އަހަރެންނަށް ރޮއެގަނެވިއްޖެއެވެ. އެއްވެސް ކުށެއްނެތި އަހަރެންނަށް މިލިބެނީ ކޮން ކުށެއްގެ ސަޒާއެއްތޯ ހިތާ ހިތުން ސުވާލު ކޮށްލެވުނެވެ. އުފަލާ ހިތްހަމަ ޖެހުން އަހަންނަށް މިދުނިޔެއިން ލިބުން ހައްގު ނުވަނީ ހެއްޔެވެ. އޭރު ކުރެވުނީ ކުށެކެވެ. ފާފައެކެވެ. އަހަރެން ތައުބާވީމެވެ. އެ ކުށްތައް ތަކުރާރު ނުކުރާނެކަމަށް ﷲ ގަންދީ ހުވާކުރީމެވެ. ނަމަވެސް ދަރިއެއްގެ ރައްކާތެރި ކަމަށްވުރެނަ އަގުހުރި ދެވަނަ އެއްޗެއް މަޔަކަށް އޮވެދާނެ ހެއްޔެވެ.؟

އެތައްއިރަކު އަހަރެން ރުއީމެވެ. ނަމަވެސް ރޮއެރޮއެ ގައިން ވަރު ހުސްވި އިރުވެސް އަހަރެންގެ ހިތަށް ކުޑަވެސް ލުއިކަމެއް ނުލިބުނެވެ. މިސްކު ހޭވެރިކަމަށް ގެނެވޭތޯ އަހަރެން ކުރިހާ މަސަކަތް ވެސް ވީ ބޭކާރެވެ. އެންމެ ފަހުން ދަރިފުޅު މޭގައި ލައްކޮށްލައިގެން އަހަރެން ދޮންވެލިގަނޑު މަތީ އޮށޯވެލީމެވެ. ނަޒީފްއާއި ހަތަރު ކަޅި ހަމަކުރާނެހައި ހިތްވަރެއް އަހަރެން ގަޔަކު ނެތެވެ. އެރޭ ހިނގާދިޔަ ހުރިހާކަމެއް އޭރު ތޫފާނެއްހެން އަހަރެންގެ ހިތާ ސިކުނޑީގައި ވަނީ ވަކިހިއްޕާލާފައެވެ. ލޯ ހުޅުވާލައިގެން އަހަންނަށް އޮވެވުނީ އިރުކޮޅަކުއެވެ. ދެންވީ ގޮތެއް ހުދު އަހަންނަށްވެސް ނޭނގުނެވެ.

ހޭވެރިކަން އަހަރެންނަށްވީ އަހަރެންގެ މޫނުގައި މީހަކު ޖަހާލުމުންނެވެ. ތެދުވެ އިށީނދެލައިގެން އިން މިސްކު ފެނުމުން އަހަރެންނަށް އަވަސް އަވަހަށް ތެދުވެވުނެވެ. ހެޔޮހާލުގައި މިސްކު ފެނުމުން އަހަރެންނަށް ލިބުނު އުފާވެރިކަން ބަޔާން ކުރަންވެސް ދައްޗެވެ.

"މަންމާ ޕޮލިސް."

އަހަރެންނަށް ސުވާލެއް ކޮށްނުލެވި އުޅެނިކޮށް މިސްކު އަތުން އިޝާރާތް ކޮށްލިއެވެ. އަހަރެންގެ ނިތަށް ރޫ އަރުވާލެވުނެވެ. މިސްކު އިޝާރާތް ކޮށްލީ ތުނޑިއަށެވެ. ތުނޑިއަށް އެއްވެފައި އޮތްހާ މީހުން ފެނުމުން އަހަރެންނަށް ދެލޯ ކުޑަކޮށްލަމުން ބަލާލެވުނެވެ. ރަށުން ގިނަ ޑިންގީތަކެއް އައިސް ތުނޑިއަށް ބީއްސާލާފައި އޮތްއިރު ފުލުހުންގެ އިތުރުން ރަށުގެ ގިނަ ބަޔަކު އައިސް ތިބީ އެދޮންވެލި ފިނޮޅުމަތީގައެވެ. އަލިގަދަ ލައިޓްތަށް ގެނެސް މޫދަށް އަލިއަޅުވައިގެން އެތަށް ބަޔަކު އަޑިއަށް ފީނައި ކޮންމެވެސް ކަންތައް ގަނޑެއް ކުރާތަން ފެނުމުން ބޭއިހްތިޔާރުގާ އަހަރެންނަށް ކޮޅަށް ތެދުވެވުނެއެވެ. އެމީހުން ގެއްލިގެން އެހޯދަނީ އަހަރެންނާއި މިސްކު ބާއޭ ހިތަށް އެރުމުން ޖަވާބުވެސް ލިބުނީ އަހަރެންގެ ހިތުންނެވެ. އަހަރެން ވީތަނެއް އެކަކަށް ނޭނގުނު ނަަމަވެސް ފާތިމާއަށް އެނގޭނެއެވެ.

"ހިނގާބަލަ އަވަހަށް. ކުއްޖެއް މޫދަށް ގެއްލުނީ ކަންނޭނގެ. "

މިސްކު އަހަރެން އަތުގައި ހިފާ ދަމާފައި ގެންދަން ފެށިއެވެ. އެމީހުންނާ ގާތަށް ދެވުނު ވަރަކަށް އަހަރެންނަށް މަންޒަރު ސާފުކޮށް ފެންނަމުން ދިޔައެވެ. އެކަކު އަނިކެއްގެ ގައިގައި ތަތްވެގެން އާއިލާގެ އަންހެނުންތައް ދަރިންތައް ގޮވައިގެން ތިބީ ރޯށެވެ. އާޝިއާގެ ކޮނޑުގައި ބޯ އަޅައިގެން އޮތް ފާތިމާގެ ގައިގަ ވަރެއް ނެތެވެ. ހޭވެރިކަން ނެތް ޒާހިޔާގެ ބޯ ކޮޅުގައި ރޯން ޒާހިޔާގެ މަންމައާއި އާއިލާ މީހުން ތިއްބެވެ. އެމީހުން އައީ ކޮން އިރަކު ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެންމެންގެ ތެރެއިން ދެން އަހަރެންގެ ލޮލުގައި އަޅައިގަތީ ރާޅުޖަހާ ފަށުގައި އިށީ ދެގެން އިން ތޮލާލެވެ. ބޮލުގައި ދެއަތް އަޅައިގެން އިން ތޮލާލު ދިޔައީ ރޮމުންނެވެ. ނަޒީފް އޭރުވެސް އޮތީ މޫދުގައެވެ. ޒާހިޔާއާއި ތޮލާލުގެ ހާލު ފެނުމުން އަހަރެންގެ ހަނދާނާ ކުޅެލީ މީކްއެވެ. ކުދިން ތަކުގެ ތެރެއަަށް އަހަރެންނަށް ދޫކޮށްލެވުނީ ފުން ނަޒަރެކެވެ. އަހަރެންނަށް ހީވީ ހަމަ ރަނގަޅަށެވެ. އެތަނުގައި މީކް ފެންނާކަށް ނެތެވެ. އެކަން ޔަގީން ކުރަން ބޭނުންވީ ވަރު ބޮޑުކަމުން ބާރަށް ހިނގާފައި ގޮސް އަހަރެން ޓެންޓަށް ވަނީމެވެ. މިސްކު ހޯދަން އަހަރެން ޓެންޓަށް ވަތްއިރު ގަދަ ނިދީގައި އޮތް މީކްގެ ތަންމަތި މިހާރު އެހުރީ ފަޅަށެވެ. ލައިޓްތަށް ދިއްލައިގެން އެންމެން މޫދުން ހޯދަމުން ދިޔައީ މީކްކަން އެނގުނު ހިނދު އަހަރެންގެ ހަތަރެސް ފައިން ދިޔައީ ހީބިހި ނަގައިގެނެވެ. އަހަންނަށް ޝަހާދު ކިޔާލެވުނީ ގަތް ބިރެއްގެ ބޮޑުކަމުންނެވެ. އޭގެ އިރުކޮޅެއް ކުރިން އަހަރެންނަށް ދިމާވި އެ ހިތްދަތި ވަގުތު ކޮޅުވެސް އަހަރެންގެ ހަދާނުން ނެތުނު ކަހަލައެވެ.

ހޭނާރާ ގިނައިރު ވާން ފެށުމުން ޒާހިޔާ ގޮވައިގެން ފަރުވާ ދިނުމަށް ޑިންގީއެއްގައި އެއްބަޔަކު ފުރިއެވެ. އަހަރެން ފެނުމުން ހިތްވަރު ކޮށްފައި އައިސް ކަންތައް ވީ ގޮތް ރޮމުން އަހަރެންނަށް ކިޔައިދިނީ ފާތިމާއެވެ. އަހަރެން ވަލަށް ވަތްތާ އިރުކޮޅެއް ފަހުން އަހަރެންނާއި މިސްކު ނުފެނިގެން ނަޒީފް ޓެންޓަށް ވަތް އިރު މީކް ފެންނާކަށް ނެތެވެ. ހޭލެވިގެން ނުކުތީ ކޮންއިރަކު ކަމެއް އެކަކަށްވެސް ނޭނގެއެވެ. މޫދަށް އެރުނީ ކޮން ދިމާލަކުންކަން ފެނުނު މީހަކުވެސް ނެތެވެ.

ޒާހިޔާއަކީ އުޅުމެއް ހުރި އަންހެނެއް ނޫނެވެ. ނަމަވެސް ޒާހިޔާ އޭނަގެ ދަރިފުޅު ދެކެ ލޯބިވެއެވެ. އެދަރިއަށް ކަމެއް ވުމަކަށް ނޭދެއެވެ. ބޭރުގައި އޮތް ކަމުގައި ވިޔަސް ދަރިފުޅު އޮތް ގޮތެއް ބަލަން ޒާހިޔާ ދެފަހަރު ދިޔަތަން އަހަރެން ވެސް ދުށީމެވެ. އެހެން މީހުންނަށް އެވަރު ސަމާލުކަމެއް ނުދެވުނީ ވެސް ޒާހިޔާ ފާރައަށް ހުއްޓައި މީކްއަށް ކަމެއް ނުވާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ވެދާނެއެވެ.

ވަގުތު ހުއްޓުމެއް ނެތި ދިޔައީ ކުރިއަށެވެ. މިނެޓަކަށް ފަހު މިނެޓެކެވެ. ގަނޑިން ދަންވަރު 2 ޖެހީއެވެ. މީކް ގެއްލުނުތާ 4 ގަޑީރު ވެގެން ހިނގައްޖެއެވެ. ރަށުގެ ރައްޔިތުން ނުކުމެ ކުރަމުން ދިޔަ މަސައްކަތަށް ހުއްޓުމެއް އައި އެންމެ ހިނދުކޮޅެއްވެސް ފާއިތުވެ ނުދެއެވެ. ނަމަވެސް މީކްގެ ހިލަމެއް އޭރުވެސް ނުވެއެވެ. ހިކި ފަތެއްގައި ރޯވި އަލިފާން ގަނޑެއްހެން އެ ހިތްދަތި ޚަބަރު އޭރު އޮތީ މުޅި ރާއްޖެއަށް ފެތުރިފައެވެ. ގިނަ މީހުން ކޮމެންޓުތަކުގައި ގޮވަމުން ދިޔައީ އެއްޗިއްސެވެ. ދަންވަރެއް ފަތިހެއް ނުބަލާ ކުޑަކުދިން ގޮވައިގެން ފަޅުރައްތަކަށް ދާން މައިންބަފައިން ޖެހިލުން ނުވާތީ ހައިރާން ވާ ވާހަކައެވެ. ދަރިން ބެލުމުގައި ފަރުވާ ކުޑަ ވާހަކައެވެ. ދަރިފުޅު ނިންދަވައިގެން މާ ދުރަށް ނުގޮސް އެދަރިފުޅުގެ ފާރައަށް އެދަރިފުޅުގެ މަންމަ އޮތްކަން ދެނަހުރި މީހަކު ނެތެވެ. ހޭލެވިގެން ނުކުމެ އެންމެ އަޑެއްވެސް ލައްވާލިނަމަ އެއަޑު ޒާހިޔާގެ ކަންފަތަށް ފޯރީހެވެ.

އެންމެންގެ މެދަށް ވެރިވެފައި އޮތް ހިތާމައިގެ ހިމޭންކަން ކިލަނބު ކޮށްލީ މާ ދުރުން އައި ހަޅޭކެއްގެ އަޑަށެވެ. އެހެން މީހުންނާއި އެކު އަހަރެންނަށް ވެސް އެދިމާލަށް ބަލާލެވުނެވެ. އޭރު އެމީހާ މީކް ނަގާ ފެނުން މައްޗަށް ހިއްލާލަނީއެވެ. އެދިމާލަށް އެންމެ ފުރަތަމަ ދުއްވައިގަތީ ތޮލާލެވެ. އެންމެންގެ އަޑު ގުގުމައިގަތެވެ. އެމަންޒަރު ބަލަން ނުކެރިގެން ރޮމުން އަހަރެންނަށް ވެސް އެނބުރެވުނީ އަނެއް ފަރާތަށެވެ. މީކް އެއްގަމަށް ގެނައީ ތޮލާލުގެ އަތްމަތީގައެވެ. އޭރު ޑޮކްޓަރގެ އިތުރުން ނަރުހަކުވެސް އައިސް ހުރުމާއެކު ވަގުތުން ފަރުވާ ފެށިއްޖެއެވެ. ލޮނުތަށް ބޭރުކޮށް ނޭވާ ލައްވަން މަސައްކަތް ކުރުވަމުން ދިޔައިރު ރުއިމުގެ އަޑުން މާހައުލު ވަނީ ގުގުމާލާފައެވެ. މީކް ފުރާނަ ނެތްކަން އެންމެ ފުރަތަމަވެސް ޑޮކްޓަރަށް އެނގުނެވެ. ނަމަވެސް އެ ޚަބަރު އާއިލާއަށް ޑޮކްޓަރ ދިނީ އެތަށް އިރަކު މަސައްކަތް ކުރުމަށް ފަހުގައެވެ. ހިތަށް ކުޅަދާނަ ނުވެގެން އެންމެ ފުރަތަމަ ޚަބަރު ހުސްވެ ދެމުނީ ފާތިމާއެވެ. ނަޒީފް ދެކަކުލުގައި މޫނު ޖަހައިގެން ރޮމުން ދިޔައިރު ތޮލާލު އޮތީ މީކް ގައިގަ އޮޅުލައިގަނެގެންނެވެ. އަހަރުމެން ދަތުރު ދިޔައީ ހިތްއުފާކޮށްލާ މަޖާ ކޮށްލުމަށެވެ. އެހެނަސް ކަންތައް ވެގެން ދިޔައީ މުޅި އާއިލާ ރޮއްވާލުމަށްފަހު ހިތްދަތި ނިމި ދިއުމަކުން އަހަރުމެންގެ އާއިލާއިން ތުއްތު ފުރާނައެއް ގެއްލިގެންނެވެ.

ހިތްއުފާކޮށްލަން ކުރި ދަތުރު ނިންމާލުމަށްފަހު އަހަރެމެން ރަށަށް އައީ މީކްގެ ފުރާނަ ނެތް މަސްގަނޑު ހިފައިގެނެވެ. އޭރު ޒާހިޔާ ހުރީ އައިސް ބަނދަރު މަތީގައެވެ. މީކް ފެނުމާއެކު އެ މައިމީހާގެ ހިތް ކުދިކުދި ވި ކަހަލައެވެ. އަޑުން އަޑުނަގާ ރޮމުން މީކް ގައިގަ އޮޅުލައިގަތީ މޮޔައަކު ފަދައިންނެވެ. އެ ހިތްދަތި މަންޒަރު ދެކެން ހުރި ކޮންމެ މީހެއްގެ ލޮލުން ފައިބަމުން ދިޔައީ ކަރުނައެވެ. ޒާހިޔާއަށް ހިތްވަރެއް ދެވޭތޯ އެތަށް ބަޔަކު މަސައްކަތް ކުރިއެވެ. ނަމަވެސް މަޔަކަށް ކެތްވާނީ ވެސް ވަކި ވަރަކަށް ނޫން ހެއްޔެވެ.؟ ބަޔަކު އިނގިލި ދިއްކުރި ނަމަވެސް ޒާހިޔާއަށް ވުރެން ބޮޑަށް އެދަރިފުޅު ދެކެ ލޯބިވި އިތުރު މީހަކު ނުހުންނާނެތާއެވެ!. އެދަރިފުޅު ހުމެއް އައިސްދާނެތީ ބިރުން އުޅުނު މައިމީހާގެ އުނގުތެރޭގައި އޭރު އޮތީ އެދަރިފުޅުގެ ފުރާނަނެތް މަސްގަނޑެވެ.

މީހުން ބުނާތީ އަހަރެން އަޑުއަހަމެވެ. ދުނިޔެއަކީ އިމްތިހާނުގެ ގޯއްޗެކެވެ. ކެތްތެރިވާން ނޭނގުނު އަޅަކަށް އޮތީ ދެދުނިޔޭގެ އަބާއްޖަވެރިކަމެވެ. ﷲ ގެ ނިޔާފުޅަށް ރުހި ގަބޫލުވުން ނޫން ގޮތެއް އަހަރެމެންނަކަށް ނެތެވެ. އިރުއަރާ 9 ޖަހައި ބޮޑުވި އިރު މީކް ހިނަވާ ކަފުންކޮށް ވަޅުލައިފިއެވެ. އަހަރުމެންނާއި އެކު ޒާހިޔާ ގެއަށް ފޮނުވަން ޒާހިޔާގެ މައިންބަފައިން ބޭނުމެއް ނުވިއެވެ. އެހެންކަމުން ޒާހިޔާ ގޮވައިގެން އެމީހުން ދިޔައީ އެމީހުންގެ ގެއަށެވެ.

"ތިއޮތީ އޮތްހާ މީހުން. ކަލޭމެން ތިބީ ނިދާފަތަ އެކުއްޖާ ގޮސް މޫދަށް އެރުނު އިރު. އަލިފާނެއް ފެނެއް ވަކިނުވާ ވަރު ކުޑަ ކުއްޖެއް އެއީ. ކަލޭމެން އެންމެންގެ ކުރިމަތިން ގޮސް މޫދަށް އެރި ނިމިގެން އެދިޔައީ.."

މީކް ވަޅުލުމަށްފަހު އަހަރުމެނަށް އައިސް ގޭގެ ދޮރާ އަރާ ހަމަކުރެވުނީ ޒާހިޔާގެ ބޮޑުދައިތަ ރަކީބާގެ ކުރިމައްޗަށެވެ. އައިސްފައި ހުރި ރުޅިން ރަކީބާ އަހަރުމެނަށް ހަޅޭލަވައިގެންފިއެވެ. ރަކީބާ އެއްޗެހި ކިޔަން ދޫކޮށްލުމަށްފަހު ނަޒީފް އެންމެން ގޭތެރެއަށް ވައްދައި ގޭގެ ދޮރު ލައްޕައިފިއެވެ. ގެއަށް ވަދެވުމާއިއެކު ރޮމުން އެމީހަކު ގޮސް ވަނީ އެމީހެއްގެ ކޮޓަރިއަކަށެވެ. ފާތިމާ ސޯފާގައި ބައިންދަމުން ނަޒީފް ކައިރީ އިށީނީ ފާތިމާ ގައިގާ ލައްކޮށްލަމުންނެވެ. އެތަށް އިރަކު ރޮއެފައި ފާތިމާ ގަބުވެފައި އިންނަތާ އޭރު ކިތަންމެ އިރެކެވެ.

އަހަރެންގެ ގައިގާ މިސްކު ލައްކޮށްގެން ގޮސް އަހަރެންވެސް ކޮޓަރިއަށް ވަނީމެެވެ. ކަންތައް ވެގެން ދިޔަގޮތުން މިސްކުއަށް އެކަނި ފެންވަރަން ވަންނާކަށް ނުކެރުނެވެ. މިސްކު ފެންވަރުވައިގެން ގެނެސް ހެނދުން ލައްވައިދޭން ޖެހުނީވެސް އަހަރެންނެވެ. އެހުރިހާ ކަމެއް ވެގެން ދިޔައިރު މިސްކު އެންމެ ހިނދުކޮޅަކަށްވެސް އަހަރެންގެ ހެދުމު ފަސްބައިން ދޫކޮށްނުލައެވެ. ފެންވަރާލުމުން ލަހެއް ނުވެ މިސްކުއަށް ނިދިއްޖެއެވެ. ފެންވަރައި ތާހިރުވެގެން އައިސް އަހަރެން އެރީ ނަމާދަށެވެ. ހިތްވަރާއި އެކުވެސް އަހަރެންނަށް ކުރެވުނީ އެންމެ ރަކުއަތެކެވެ. ސަޖިދައަށް ތިރިވެވުމާއިއެކު ކެތްތެރިކަން ކޮޅުންލައި އަހަރެންގެ ބަޑިފަޅައިގެން ދިޔައެވެ. އެރޭ މީކްއާއި މެދު ކަންތައްވެގެން ދިޔަގޮތް އެންމެނަށް ވެސް އެނގޭނެއެވެ. ނޭގެނީ އަހަރެންނަށް ލިބުނު އަނިޔާއެވެ. އަހަރެންގެ ހަށިގަނޑުގެ އެތަށް މިތަނުގައި ލެވިފަވާ ޒަހަމްތަށް ނަޒީފަށް ފެނިއްޖެނަމަ އަހަރެން ބޭޒާރު ވާކަށް ގިނަ އިރެއް ނުނަގާނެއެވެ. ކަންތައް ދިމާވިގޮތުން ތޮލާލަށް އޭރު އެއްޗެއް ވިސްނިފައި އޮތުމަކީ ދުރުކަމެއް ނޫނެވެ. މީހަކަށް ދެރައެއް ދީފައި މީހަކަށް ހޯދޭނެ މޮޅެއް ނޯންނާނެއެވެ. ތޮލާލު އަހަރެންނަށް ދިނީ މާފު ހައްގުވާވަރަށް ވުރެން ބޮޑު އަނިޔާއެކެވެ. ނަޒީފަށް ހަގީގަތް ކިޔައިދެން އަހަރެން ބޭނުންވެއެވެ. އަހަރެން ނުބުނެ ހުއްޓައި އަހަރެންގެ ހަށިގަނޑުގައި ލެވިފައިވާ ޒަހަމްތަށް ނަޒީފަށް ފެނިއްޖެނަމަ ވާނީ ކިހިނެއްތޯ ހިތުން ސުވާލު ވެވެމުން ދިޔައެވެ. މަޖުބޫރީ ހާލުގައި ނަމަވެސް ކުރެވުނު ފާފައާއި މެދު ހިތާމާކޮށް ﷲ ގެ ހަސްރަތުން މާފަށް އެދި އަހަރެން ރޮމުން ދިޔައީމެވެ.

"ސުދާ"

އަހަރެންނަށް ހަމަ ހޭވެރިކަންވީ އަހަރެން ކޮނޑުގަ ނަޒީފް އަތް ބާއްވާލުމުންނެވެ. ނަޒީފް ފެނުމުން އަހަރެންނަށް އޮޅުލައިގަނެވުނީ ނަޒީފްގެ ގައިގައެވެ.

- ނުނިމޭ