ކ. ހިންމަފުށީ ފުޓްބޯޅަ ދަނޑުގައި ފެންސާއި ލައިޓިން ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރު ވެފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

ހިންމަފުށީ ފުޓްބޯޅަ ދަނޑުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިރު، މި މަޝްރޫއުގެ ދަށުން 100،000 އަކަފޫޓުގެ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ވަށާ ފެންސެއް ޖެހުމާއި އަދި ލައިޓިން ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.

1،319 މީހުންގެ އާބާދީއެއް ދިރިއުޅޭ ހިންމަފުށީގައި ބިނާކުރެވޭ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެއްކޮށް ނިމުމާއެކު ރަށު ރައްޔިތުންނަށް ހާއްސަކޮށް ޒުވާނުންނަށް އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކާއި ފަސޭހަތައް ލިބިގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ހިންމަފުށީ ފުޓްބޯޅަ ދަނޑުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި މަޝްރޫއުތައް ނުފެށި ނުވަތަ ހުއްޓިފައި ހުރިކަން ފާހަގަކޮށް އެމްޓީސީސީއިން ބުނީ މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ހައްލު ގެނައުމުގެ ގޮތުން ގިނަ މަޝްރޫއުތަކެއް އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ކަމަށެވެެ.

ވޭތުވެދިޔަ 44 އަހަރު ދުވަހުގެ ތެރޭގައި އެމްޓީސީސީއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީ އަދި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.