ލަންޑަނާއި އަބޫދާބީ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
ލަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި، ލަންޑަނާއި އަބޫދާބީގައި ވޯޓުލާން ފަށައިފާ ނުވަނީ އެތަންތަނުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު ނުޖެހޭތީ ކަމަށެވެ.
މިގޮތުން ލަންޑަނުގައި ވޯޓުލާން ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން މެންދުރު 12 ޖަހާއިރު ކަމަށްވާއިރު އަބޫދާބީގައި ވޯޓުލާން ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން 10 ޖަހާއިރުއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު 8 ޖަހާއިރު ފަށާފައިވާއިރު ވޯޓުލާން ފެށުމާއެކު ރިޔާސީ ކެންޑިޑޭޓުން ވެސް ގެންދަވަނީ ވޯޓުލައްވަމުންނެވެ. މިގޮތުން ޖޭޕީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް އަދި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ވޯޓު ލައްވާފައެވެ.
މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ ހެނދުނު 8 އަކުން ހަވީރު 4 ޖަހަންދެނެވެ. ހަތަރެއް ޖަހާ އިރު ވޯޓުލާން ކިއުގައި މީހަކު ނެތްނަމަ ކިއު ބަންދުކުރުމަށް ހަމަޖެހިފައިވާއިރު 4:30 ގައި ވޯޓު ކަރުދާސްތައް ގުނަން ފަށާނެ ކަމަށް އިލެކްޝަންސް ވަނީ ބުނެފައެވެ.
މި އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު އޭގެ ތެރޭގައި 142 ފޮށި ބަހައްޓާފައިވަނީ މާލޭގައެވެ. އެ ފޮށިތަކުގެ ތެރެއިން 61 ފޮއްޓަކީ މާލޭގެ ރައްޔިތުންނަށް ހާއްސަަކުރެވިފައިވާ ފޮށިތަކެވެ. އަދި ބާކީ 81 ފޮއްޓަކީ އަތޮޅު ތެރޭގެ މީހުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުންނަށް ހާއްސަކުރެވިފައިވާ ފޮށިތަކެވެ.
21 ފޮއްޓެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބައްޓާފައިވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވަނީ ހަ ފޮއްޓެވެ. ވިލިމާލޭގައި ހަތް ފޮށި ވަނީ ބަހައްޓާފައެވެ. އަދި ޖަލުތަކުގައި ފަސް ފޮށި ބަހައްޓާފައިވާއިރު ހުޅުލޭގައި ބަހައްޓާފައިވަނީ އެންމެ ފޮއްޓެކެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި 8 ފޮއްޓެއް ބަހައްޓާފައިވާއިރު އެ ފޮށިތައް ބެހެއްޓިފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަމްޕޫރާޢި އިނގިރޭސި ވިލާތުގެ ލަންޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ ހިމެނެއެވެ.