ދަ ޑިމޮކްރަޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ރިޔާސީ އިންތިހާބުގެ ވޯޓް ލައްވައިފިއެވެ.
އިލްޔާސް ވޯޓު ލައްވާފައި ވަނީ ދާދި ދެންމެއަކު ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި އައްޑޫ ސިޓީ، މާލެ 1 ނަންބަރު ފޮށްޓަށެވެ.
މުޅިން އަލަށް އުފެއްދި ދަ ޑިމޮކްރަޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގަތް ނާކާމިޔާބީއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލެއްވީ ހަމައެކަނި އިލްޔާސް ކަމުން ޕާޓީގެ އެތެރޭގެ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވި މީހުންގެ 94 ޕަސެންޓާއެކު ރިޔާސީ ޓިކެޓު އޭނާ ކަށަވަރު ކުރެއްވީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. އިލްޔާސްގެ ރަނިންގްމޭޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.
ހިނގަމުންދާ މި އިންތިހާބުގައި ފުރަތަމަ ވޯޓު ލެއްވި ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްވެސް ވަނީ ވޯޓް ލައްވާފައެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު 10:30 ގައި ވޯޓު ލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު 8 ޖެހި އިރު ފަށާފައި ވާއިރު މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 21،000 ޒުވާނުން ހިމެނެއެވެ.
މި އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮއްޓެއް ބަހައްޓާފައި ވާއިރު އޭގެ ތެރޭގައި 142 ފޮށި ބަހައްޓާފައި ވަނީ މާލޭގައެވެ. އެ ފޮށިތަކުގެ ތެރެއިން 61 ފޮއްޓަކީ މާލޭގެ ރައްޔިތުންނަށް ހާއްސަަކުރެވިފައިވާ ފޮށިތަކެވެ. އަދި ބާކީ 81 ފޮއްޓަކީ އަތޮޅު ތެރޭގެ މީހުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންނަށް ހާއްސަ ކުރެވިފައި ވާ ފޮށިތަކެވެ.
21 ފޮއްޓެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބައްޓާފައިވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ވަނީ 6 ފޮއްޓެވެ. ވިލިމާލޭގައި 7 ފޮށި ވަނީ ބަހައްޓާފައެވެ. އަދި ޖަލުތަކުގައި 5 ފޮށި ބަހައްޓާފައިވާއިރު ހުޅުލޭގައި ބަހައްޓާފައި ވަނީ 1 ފޮއްޓެކެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި 8 ފޮއްޓެއް ބަހައްޓާފައި ވާއިރު އެ ފޮށިތައް ބަހައްޓާފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަމްޕޫރާޢި އިނގިރޭސިވިލާތުގެ ލަންޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ ގައެވެ.
މި އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރާއިރު އޭގެ ތެރެއިން ފަސް ކެންޑިޑޭޓުންނަކީ ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ ކެންޑިޑޭޓުންނެވެ.