މާދަމާ އޮންނަ އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އިންޒާރުދެމުންދާ މައްސަލަ ލިބިފައިވާ ކަމަށާއި، އެ މައްސަލަތައް ތަހްގީގުކުރަމުންދާ ކަމަށް، ފުލުހުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ގުޅިގެން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިންތިހާބާ ގުޅޭ ކަންކަމުގެ ފުލުހުންގެ ކޮމާންޑަރު ޗީފް ސުޕްރިޓެންޑެންޓު އަހްމަދު ޝާކިރު ވިދާޅުވީ، ކަންބޮޑުވާ ވަރުގެ އެއްވެސް މައްސަލައެއް ހުށަހެޅިފައި ނުވާ ކަމަށާއި، އެކަމަކު ހަތް މައްސަލައެއް މިހާތަނަށް ހުށަހެޅި ހައްލުކުރެވިފައިވާ ކަމަށެވެ.
ނަމަވެސް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި ކެންޑިޑޭޓުންނަށް އިންޒާރުދީފައިވާ މައްސަލަ ހުށަހަޅާފައިވާތީ އެ މައްސަލަތައް އަދިވެސް ތަހްގީގުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިފަދަ ހުރިހާ ހާލަތެއްގަ ވެސް ފުލުހުންނަށް މައްސަލަ އެއް ހުށަހަޅަން ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރޭގައި މި ކަމެއް (އިންޒާރުގެ މައްސަލަތައް) ވީހާ ވެސް އަވަހަކަށް ރިޕޯޓުކުރުމަކީ މުހިންމުކަމެއް، އަދި އަމުދުން ސޯޝަލް މީޑިއާގައި ކަމެއް ހިނގާ ހިނދުގަ އަޅުގަނޑުމެންނަށް މިކަންކަން ސަމާލުކަމަށް އަންނަ އިރުގަ ލަސްވޭ،" ސޯޝަލް މީޑިއާގައި ހިނގާ މިފަދަ މައްސަލަތަކުގެ މައުލޫމާތު ހޯދަން ވަގުތު ނަގާކަން ފާހަގަކުރައްވައި ޝާކިރު ވިދާޅުވިއެވެ.
މި ޕްރެސް ކޮންފަރެންސްގައި ޝާކިރު ވަނީ ކެންޑިޑޭޓުންނާއި އާންމުންގެ ކިބައިން ބައެއް ކަންކަން ކުރެއްވުމަށް އިލްތިމާސްކުރައްވައިފައެވެ. އެ ކަންކަމަކީ:
- ވޯޓުލުން ފެށިގެން ގޮސް ނަތީޖާ އިއުލާނުކުރުމާ ހަމައަށް ދިމާވާ ކަންކަމުގައި ސުލްހަ މަސަލަސްކަން އިސްކުރުމަށް
- ވޯޓުލާން އަންނަ އިރު އައިޑީކާޑު ނުވަތަ ލައިސެންސް ކާޑު ފަދަ މުހިންމު ލިޔުމެއް ގެނައުމަށް
- ހަމައެކަނި މުހިންމު ތަކެތި ކަމަށްވާ ކާކުކަން އަންގައިދޭ ލިޔުމާއި ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ގެނައުމަށް
ޝާކިރު ވިދާޅުވީ، އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަންދޫބުންނާ ގުޅިގެން ހުރިހާ ކަމެއް ވެސް ފުރިހަމަ އަށް ކުރެވުނު ކަމަށާއި، އެގޮތުން ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށްޓަކައި ކެންޑިޑޭޓުންގެ ފަރާތުން ބޭއްވި ހިނގާލުންތަކާއި ހަރަކާތްތައް އިންތިޒާމްކުރުމަށްޓަކައި މަންދޫބުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށެވެ.
އޭނާ ވަނީ، ފުލުހުންނާ ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށާއި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އާންމުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ކިބައިން އިލްތިމާސްކުރައްވައިފައެވެ. އަދި ދިމާވާ ހާލަތެއްގެ ސަބަބުން ފުލުހުން ހަރަކާތްތެރިވާން ޖެހިއްޖެ ނަމަ ހަރަކާތްތެރިވާނެ ކަމަށް ޝާކިރު ވިދާޅުވިއެވެ.