އައިޑީ ކާޑު އާ ކޮށް އެއާ ހަވާލުނުވެ ހުރި ފަރާތްތަކަށް އައިޑީ ކާޑު މާދަމާ ދޫކުރާނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފިއެވެ.
ޑީއެންއާރް އިން އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، 18 އަހަރުން މަތީގެ ގިނަ އަދަދެއްގެ ދިވެހިރައްޔިތުންގެ އައިޑެންޓިޓީ ކާޑުތައް ނިމިފައިވާ ކަމަށާއި އެފަރާތްތަކުން ކާޑާ ހަވާލުނުވެ އެބަހުރި ކަމަށެވެ. މާދަމާ އަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ވިޔަސް މާދަމާ މެންދުރު ފަހު 2:30 އިން ފެށިގެން ރޭގަނޑު 8:00 އާ ދެމެދު، ނިމިފައި ހުރި އައިޑީ ކާޑުތައް ދޫކުރާނެ ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން ވަނީ މުއްދަތް ހަމަވެފައި ވުމުން އައިޑީ ކާޑް އާ ކުރުމަށް ހުށަހަޅާފައެވެ. ގިނަ ބަޔަކު އައިޑީކާޑް އާ ކުރަން ހުށަހަޅާފައި މިވަނީ އިންތިހާބުގައި ވޯޓުލުމަށް ޑިޖިޓަލް އައިޑީ ކާޑު ބޭނުން ނުކުރެވޭނެ ކަމަށް ބުނެ ވޯޓު ލާން ބޭނުން ކުރެވޭ 4 ޑޮކިއުމަންޓްގެ މައުލޫމާތު އީސީން އާންމު ކުރުމާ އެކުގައެވެ. އެގޮތުން ވޯޓު ލުމަށް ބޭނުން ކުރެވޭނީ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، މުއްދަތު ހަމަނުވާ ދިވެހި ޕާސްޕޯޓާއި، މުއްދަތު ހަމަނުވާ ޕާސްޕޯޓު ކާޑު އަދި މުއްދަތު ހަމަނުވާ ޑްރައިވިން ލައިސަންސެވެ.
އެ ހަތަރު ޑޮކިއުމަންޓުން ކުރެ، ކޮންމެވެސް އެއް ޑޮކިއުމަންޓެއްގެ އަސްލު ގެންދަން ޖެހޭނެ ކަމަށާއި އެ ނޫން އެހެން އެއްވެސް އެއްޗެއް، ވޯޓުލާ މަރުކަޒުން ގަބޫލު ނުކުރާނެ ކަމަށް އީސީން ބުނެފައި ވެއެވެ. އަދި އެ ޑޮކިއުމަންޓް ތަކުގެ މުއްދަތު ހަމަވެފައިވާ ނަމަ، އަވަހަށް އާ ކުރުމަށް ވެސް ވަނީ ބުނެފައެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވާއިރު މި އަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ރިޔާސީ އިންތިހާބު ބޭއްވެވުމަށް ނިންމަވާފައި ވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބޭއްވުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު 30 ގައެވެ.