ރަޝިއާގެ ޓޭންކްތަކައި އަސްކަރީ މަގާމުތައް ހަލާކު ކޮށްލުމަށް އެމެރިކާއިން ޔޫކްރައިން އަށް ދޭ އަބްރަމްސް ޓޭންކުތަކާއެކު ޔޫރޭނިއަމް ދަގުއި ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ހުންނަ އުންޑަ ދޭން ނިންމައިފިއެވެ.
މި ފަދަ އުންޑަތަކަކީ އާންމުކޮށް ހަނގުރާމައިގައި ބޭނުން ކުރާ ޓޭންކްތައް ގޮއްވާލާ ވަރުގެ ބާރު ހުންނަ އުންޑަތަކެއް ކަމަށް ވާއިރު، އެމެރިކާގެ މި ފިޔަވަޅާއެކު ރަޝިއާއިން ވަނީ ރުޅިގަދަވެފައެވެ.
އެމެރިކާއިން އެ ހަތިޔާރު ޔޫކްރައިން އަށް ދޭނެކަން އިއުލާން ކޮށްފައި ވާއިރު އެއީ އެމެރިކާއިން ޔޫކްރައިން އަށް ދޭ 1 ބިލިއަން އެމެރިކަ ޑޮލަރުގެ އެހީގެ ޕެކޭޖުގައި ހިމެނޭ އެއްބައެވެ. ޔޫރޭނިއަން ދަގުއިން މުއްސަނދިކޮށްފައި ވަ މިއުންޑައާއެކު އެގައުމުން ފޮނުވާ އެބްރަމްސް ޓޭންކްތަކަކީ 175 މިލިއަން ޑޮލަރުގެ ޕެކޭޖުގައި ހިމެނޭ ބައެކެވެ.
ދަގުއިން މުއްސަނދި ކޮށްފައިވާ މި ހަތިޔާރަކީ ނިއުކްލިއާ ހަތިޔާރެއްގައި ހުންނަ ގާބިލުކަން ލިބިފައި ވާ ހަތިޔާރެއް ނޫން ނަމަވެސް އެއީ އަމާޒުވާ ތަނެއްގެ ގޮތުން ނުވަތަ އެއްޗެއްގެ ގޮތުން ބޮޑު ގެއްލުމެއް ދޭ ހަތިޔާރެކެވެ. ހަނގުރާމަތަކުގައި ބޭނުން ކުރާ ޓޭންކްތަކާއި އެނޫންވެސް ވެހިކަލްތަކުގެ ބޭރުގައި ލާ ޕްލޭޓް ފަށަލައެއްގެ ގޮތުގައި ވެސް ދަގުއި ބޭނުން ކުރާ އިރު އެމެރިކާއިން ފޮނުވަ އަބްރަމްސް ޓޭންކްތަކަކީ އެ ގޮތަށް ލޭޔަރު ލައިގެން ވަރުގަދަކޮށް ފަރުވާކޮށްފައި ހުންނަ ޓޭންކްތަކެއްވެސް މެއެވެ.
އިދާރާތަކުން ބުނާގޮތުން އަމެރިކާގެ ޓޭންކްތައް މިއަހަރު ނިމުމުގެ ކުރިން ޔޫކްރައިން އަށް ލިބޭނެއެވެ.
މިފަދަ ހަތިޔާރު އިނގިރޭސިވިލާތުން ޔޫކްރައިން އަށް ދޭން އިއުލާން ކުރުމުންވެސް މީގެ ކުރިން ރަޝިއާއިން ރުޅިއައިސްފައި ވެއެވެ. އެއާއެކު ބުނެފައި ވަނީ އެ ހަތިޔާރަކީ ނިއުކްލިއާ މާއްދާއެއް ހުންނަ ހަތިޔާރު ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ. ނަމަވެސް ޔޫކޭއިން އޭރު ބުނެފައި ވަނީ، އެފަދަ ހަތިޔާރަކީ ހަނގުރާމަތަކުގައި ބޭނުން ކުރާތާ އެތައް ދަހަރަ [ޑިކޭޑެއް] ވެފައި ވާ ހަތިޔާރު ކަމަށާއި ރަޝިއާއިން ފަތުރަނީ ނުބައި މައުލޫމާތު ކަމަށެވެ.
ޔޫރޭނިއަމް ދަގުއި ބޭނުން ކުރުމާ ގުޅޭގޮތުން އދ ގެ އެޓޮމިކް ހަކަތައާ ބެހެ އިދާރާއިންވެސް ކަންބޮޑުވުން ފާޅު ކޮށްފައި ވާއިރު، ބުނެފައި ވަނީ، އެފަދަ ބާވަތަކީ އެބޭނުން ކޮށް އޭގައި އަތްލައި ހަދާ މީހުންނަށް ރޭޑިއޭޝަންގެ އަސަރު ފޯރުމުގެ ފުރުސަތު އޮންނަ އެއްޗެއް ކަމަށެވެ.
އެމެރިކާއިން މި ހަތިޔާރު ފޮނުވަން ކުއްލިއަކަށް ނިންމި އިރު މީގެ ކުރިން ބުނެފައި އޮތީ އެފަދަ ހަތިޔާރު ޔޫކްރައިން އަށް ނުދޭނެ ކަމަށެވެ. ނަމަވެސް މިހާރު ފޮނުވަން ނިންމީ، އެމެރިކާއިން ދޭ އަބްރަމްސް ޓޭންކްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭނީ އެ ހަތިޔާރުން ކަމަށް ދެކޭތީ ކަމަށެވެ.
މި ހަތިޔާރުގެ އިތުރުން ހިމާސް މަރުކާގެ މިސައިލްގައި ބޭނުން ކުރާނެ އިތުރު ގޮވާތަކެއްޗާއި، އެންޓި އާމާ ސިސްޓަމާއި ޓެކްޓިކަލް އެއާ ނެވިގޭޝަން ސިސްޓަމްސް ވެސް ދޭން ވަނީ ނިންމާފައެވެ.
މި މައްސަލައާ ގުޅިގެން އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ރަޝިއާގެ އެމްބަސީން ބުނީ، އެއީ ރައްދު ހަމަލާދިނުމުގައި ޔޫކްރައިން ފެއިލްވަމުން ދާކަން އެމެރިކާއިން ގަބޫލުކުރަން ބޭނުން ނުވާތީ ކުރާ ކަމެއް ކަމަށާއި އެއީ އިންސާނިއްޔަތާ ވެސް ހިލާފު ކަމެއް ކަމަށެވެ.
މިދިޔަ ޖޫމްމަހު ޔޫކްރައިން އިން ރައްދު ހަމަލާތައް ފެށިފަހުން ކުރިއެރުން ލިބެމުން ދަނީ ވަރަށް ކުޑަކޮށް އަދި ލަސް ސްޕީޑެއްގައި ކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނި ނަމަވެސް ޔޫކްރައިން އިން ބުނަމުން ދަނީ ރަޝިއާގެ ދެކުނުން ގާއިމުކޮށްފައި އޮންނަ ދިފާއުގެ އެންމެ ކުރީ ލައިން ފޫއަޅުވާލެވިފައި ވާ ކަމަށެވެ.
އިއްޔެ ރަޝިއާއިން ދިން ހަމަލާތަކެއްގައި ޔޫކްރައިންގެ ޑޮނެސްކް ސަރަހައްދުން 16 މީހަކު މަރުވެފައި ވެއެވެ. އަދި ރޭ ޔޫކްރައިން އިން ރަޝިއާގެ ރޮސްޓޯވް އޮން ޑޮން އަށް ދިން ޑްރޯން ހަމަލާތަކެއްގައި އެކަކު ޒަހަމްވެފައި ވެއެވެ.