ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި، މީހުންގެ ޖޫރިމަނާ ކުޑަކުރަން އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.

ކެޔޮދޫގައި ވެލާތަކެއް ފަޅާލި ހަތް މީހުންގެ ތެރެއިން ކޮންމެ މީހަކު 198،000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެހެންކަމުން ހަތް މީހުން ޖުމްލަ 1،386،000 ރުފިޔާއިން އީޕީއޭއަށް ދައްކަން ޖެހެއެވެ.

އީޕީއޭ އިން މިއަދު ބުނީ، އެ މީހުންގެ ޖޫރިމަނާ އިސްލާހުކުރުމަށް ނިންމީ، ތަބީއީ ގޮތުގައި ހިމާޔަތްކުރެވިގައިވާ ދިރޭ އެއްޗަކަށް ގޯނާކޮށްފި ނަމަ، ޖޫރިމަނާކުރެވޭނީ 30،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ކަމަށް ގަވާއިދުގައި ބަޔާންކުރި ނަމަވެސް، ގޯނާކުރި އަދަދަށް ބަލައި ޖޫރިމަނާކުރެވޭ އަދަދު އިތުރުކުރުމުގެ އުސޫލެއް ކަނޑައަޅާފައިވާތީ، ގަވާއިދުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ބޮޑުކޮށް ޖޫރިމަނާ ނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ލަފާދީފައިވާތީ ކަމަށެވެ.

މިގޮތުން އޭޖީގެ ލަފާއަށް އެދުނީ، ޖޫރިމަނާއާ ގުޅިގެން އެ މީހުންގެ ފަރާތުން އެންވަޔަރަމެންޓް މިނިސްޓްރީއަށް ފޮނުވި ސިޓީތަކާ ގުޅިގެން، އެ ޖޫރިމަނާ އިސްލާހުކުރުމަށް މިނިސްޓްރީން އެ އޭޖެންސީއަށް އެންގުމުން ކަމަށާއި އެހެން ކަމުން ކޮންމެ މީހަކު 33،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އަދި އެ ޖޫރިމަނާއަށްވާ ފައިސާ އިއްޔެ އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ އޭޖެންސީއަށް ދެއްކުމަށް ވަނީ އަންގާފައެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަޔާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތް ކޮށްފައެވެ. ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެއަށް ގޯނާ ކުރުން ވަނީ މަނާކޮށްފައެވެ. އެއީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި ވެލާ ހިފައި އެ ކައި ހަދާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން 2016 ވަނަ އަހަރު ކޮށްފައިވާ އިއުލާނެއްގައި ވާ ގޮތުން ވެލާ ކަހަނބު ހިފައި، ގޯނާކޮށް، ގެންގުޅެ ނުވަތަ ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. އެއާ ހިލާފުވާ ފަރާތްތަކުން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އަދަބު ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

ރާއްޖޭގައި އުޅޭ ދިރޭ ތަކެތީގެ ތެރެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ތަކެތީގެ "ރެޑްލިސްޓް" އެއް އެކުލަވައިލުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފަށާފައިވާ އިރު، ވެލައާއި ކަހަނބު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑުވެފައިވާ ކަމަށް ފުރަތަމަ ދިރާސާގައި ވަނީ ބުނެފައެވެ. އެގޮތުން މިހާތަނަށް ދިރާސާ ހަދާ ނިމިފައި ވަނީ ވެލާ ކަހަނބުގެ ފަސް ބާވަތެއްގެ އެސެސްމަންޓެވެ. އެއީ ބޯބޮޑުވެލާ، ވާވޮށިވެލާ، މުސިންބީ، ކަހަނބު އަދި އާދައިގެ ވެލައެވެ.

ރާއްޖޭގެ ނުވަ އަތޮޅެއްގައި އާދައިގެ ވެލާ ވިހައި، އާލާވާ ކަމަށް ރިކޯޑް ކޮށްފައި ވާއިރު، މި ބާވަތް އެންމެ ގިނައިން ފެންނަނީ ބ، ކ، ތ އަދި ލ. އަތޮޅުންނެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކުން މި ބާވަތުގެ 1،170 ވެލާ ފެނިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.