13 ފަޅުވެރިންނާ އެކު ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.

ފުލުހުން ބުނީ، މާލޭން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް ދަރަވަންދު އާ ދިމާ ބޭރުން އަޑިއަށް ދާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:40 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ދޯނީގައި ތިބީ ދިވެއްސަކާއި 12 ބިދޭސީ ފަޅުވެރިން ކަމަށާއި، 13 މީހުން ވެސް އެ ސަރަހައްދަށް ދިޔަ ފުލުހުންގެ ލޯންޗަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ އެންމެންގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް ދޯންޏާ ބެހޭ މާ ބޮޑު ތަފްސީލެއް ފުލުހުން ނުދެއެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ އިދާރާ އިން ވަނީ މެދުރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް، ރޭ މެންދަމު 2 އިން ހެނދުނު 8 އަށް ހުދު ސަމާލު ނެރެފައެވެ.