ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީ ހުޅުދޫގެ އާ ބަނދަރު ހުޅުއްވައި ދެއްވައިފިއެވެ.
އެ ބަނދަރު ރައީސް ސޯލިހު ހުޅުވައިދެއްވީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ.
ރައީސް މިއަދު ހުޅުއްވައިދެއްވި ބަނދަރަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުމާއި އެއްގަމުތޮއްޓާއި ބޭރުތޮށިޖެހުމާއި ލޭންޑިން ކްރާފްޓްތަކަށް ބޭނުން ކުރެވޭނެ ރޭމްޕެއް ވަނީ ހަދާފައެވެ. އަދި ނެރުބައްތިއާއި ބަނދަރު ބައްތި ޖަހައި ޕޭވްމެންޓް ހެދުމުގެ އިތުރުން މިމަޝްރޫއުގެ ތެރެއިން ބަނދަރުގެ ބޭރުން މޫދަށް އެރެން ހާއްސަ ސަރަހައްދެއްވެސް ވަނީ ހަދާފައެވެ.
ރައީސް މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ ސިޓީގެ ހުޅުދޫގެ އިތުރުން މީދޫއަށް ވަނީ ވަޑައިގެންފައެވެ. އަދި މިއަދު ރައީސް ސޯލިހު މަރަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު މިރޭ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އެ ސިޓީގެ ހުޅުދޫއަށެވެ.