ރާއްޖޭގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއިން ރިޔާސީ އިންތިހާބުގައި ބޭނުން ކުރުމަށް ރައްޔިތުންގެ ޒާތީ މައުލޫމާތު 'ވަގަށް' ނަގާފައިވާކަމަށް ތުހުމަތުކޮށް އެކަން ތަހުގީގު ކޮށްދިނުމަށް 'ދަ ޑިމޮކްރެޓްސް' އާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

ދަ ޑިމޮކްރެޓްސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް 2 ވަނަ ދައުރެއް ހޯދައިދިނުމަށް އެމްޑީޕީ އިން ތައްޔާރު ކޮށްފައިވާ "ވޯޓު ވިޔުގަ' ސޮފްޓްވެއާގައި ރައްޔިތުންގެ ވަނަވަރާއި ޒާތީ މައުލޫމާތު ހިމެނޭ ކަމަށާއި އެއީ ޑޭޓާ ވަގަށް ނަގާފައިވުން ކަމަށެވެ.

ރައްޔިތުންގެ ޒާތީ މައުލޫމާތާއި ޑޭޓާގެ އެންމެހާ ކަމެއް ބަލަހައްޓަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީ، ޗީފް ޓެކްނޮލޮޖީ އޮފިސަރު އަދި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބެލުމުގެ ދަށުން ކަމުގައި ވީހިނދު މި މައުލޫމާތު ލީކުކޮށްފައި ވާނީ މިތިން ފަރާތުންކުރެ ފަރާތެއްގެ ބައިވެރިވުމާ އެކުގައިކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިގޮތަށް ރައްޔިތުންގެ މައުލޫމާތު ވަގަށް ނެގުމަކީ ގާނޫނުލް އުގޫބާތުގެ 232 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކުށެއްކަން ފާހަގަކޮށް ޑިމޮކްރެޓްސް އިން ވަނީ އެމްޑީޕީ އިން ހަދާފައިވާ "ވޯޓު ވިއުގަ"އިގެ މައްސަލަ ބަލާ، ތަހުގީގުކޮށް ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި އެމްޑީޕީއިން ލީކުކޮށްފައިވާ ވާ މައުލޫމާތުގެ މައްޗަށް އެޕާޓީއަށް އޮތް އެކްސެސް ވަކިކޮށް، ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް އެދިފައެވެ.

މިކަމާ ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ޑިމޮކްރެޓިކް ވެއްޓެއްގައި ޒާތީ ރައްކާތެރިކަމަކީ އަސާސީ ހައްގެއްކަމަށާ ކޮންމެ މީހަކަށް އެމީހަކު ބޭނުންވާގޮތަކަށް ސިޔާސީ ނިންމުންތައް ނިންމުމުގެ އިހްތިޔާރު ލިބި ދޭންޖެހޭނެ ކަމަށެވެ. ދިވެހިންގެ ޒާތީ ހައްގުތަކަށް ވެރިކަން ކުރާ ޕާޓީން އަރައިގެންފައިވުމަކީ ހަމައެކަނި އަސާސީ ހައްގަކަށް އަރައިގަތުން ނޫންކަން ފާހަގަކޮށް އެ ކޯލިޝަނުން ބުނީ މިފަދަ ކަމެއްގެ ތުހުމަތު ކުރެވިއްޖެނަމަ އެކަން ތަހުގީގު ކުރުމަކީ ކޮންމެހެންކުރަން ޖެހޭ ކަމެއް ކަމަށެވެ.