އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ޖުމްލަ 285،219 ވޯޓު ކަރުދާސްކޮޅު ޗާޕުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީ އިން ބުނީ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓުނެގުމަށްޓަކައި ތައްޔާރު ކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕް ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޗާޕްހާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ 138،196 އަންހެނުންނާ 144،199 ފިރިހެނުންނެވެ.

މިއިންތިހާބުުގައި ބޭރުގެ އޮބްރާޒަވަރުންގެ ގޮތުގައި 143 ފަރާތެއް އަދި މޮނިޓަރުންގެ ގޮތުގައި 22 ފަރާތެއް ވަޑައިގަންނަވާނެއެވެ. ބޭރުން ގެންނަ އޮބްޒާވަރުން ރާއްޖޭގެ ހަ ސަރަހައްދެއްގަ ހަރަކާތްތެރިވާ އިރު އެ ސަރަހައްދުތަކަކީ ހއ، ރ، ލ، ފުވައްމުަލު ސިޓީ، އައްޑޫ ސިޓީ އަދި މާލެއެވެ.

މި މަހުގެ 9 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުން އޮންނާނީ އިންތިހާބު ބާއްވާތާ ހަތް ދުވަހުގެ ތެރޭގައެވެ. އަދިދެވަނަ ބުރަކަށް ދާންޖެހިއްޖެ ނަމަ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 30، 2023 ވާ ހޮނިހިރު ދުވަހުއެވެ.