ސިވިލް ސާވިސްގައި މަސައްކަތް ކުރާ ޑިޕްލޮމާ ލެވެލްގެ މުދައްރިސުން ބެޗްލާސް ޑިގްރީ ފުރިހަމަ ކުރުމުން، 2 އަހަރު މަޑުކުރުމަކާ ނުލައި ޕަބްލިކް ސާވިސް ރޭންކު 7 އަށް ބަދަލުވާ ގޮތް ހަދައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ މި ބަދަލު ގެނެސްފައި ވަނީ ކިޔަަވައިދޭ މުދައްރިސުންނަކީ ތައުލީމީ ގޮތުން ފެންވަރު ރަނގަޅު ބަޔަކަށް ހެދުމަށްޓަކައި، ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަކީ، އެންމެ ދަށްވެގެން ޑިގްރީ ލެވަލްއަށް ތައުލީމް ހާސިލް ކޮށްފައިވާ ފަރާތްތަކަށް ހެދުމުގެ މަގްސަދު ހާސިލް ކުރުމަށް ކަމަށެވެ.

އެ ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓްރީއަށް ފިނުވި ސިޓީއެއްގައި ބުނެފައި ވަނީ، ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސާވިސް ރޭންކް 5 (ޑިޕްލޮމާ ލެވަލް)ގެ ޓީޗަރުންގެ މަގާމުތައް ސްކޫލް ސްޓާފް ރިކުއާމަންޓްގައި ހިމެނުމަށާއި، އަދި އެފަދަ ޓީޗަރުން ޑިގްރީ ހާސިލް ކުރުމުން ޕަބްލިކް ސާވިސް ރޭކް 7 (ބެޗްލާސް ޑިގްރީ ލެވަލް) ގެ މަގާމަށް ހަމަޖެއްސުމުގެ ގޮތުން އެ ކޮމިޝަނުން މިންގަނޑެއް ކަނަޑައަޅާއި ފާސްކޮށްފައިވާ ކަމަށެވެ. ވީމާ އެ މިންގަނޑު އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ސިވިލް ސާވިސްގެ ސްކޫލްތަކާ ހިއްސާ ކުރުމަށާއި އެ މިންގަނޑާ އެއްގޮތަށް ސްކޫލްގެ ސްޓާފް ރިކުއާމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ފާސްކޮށް އެ ކޮމިޝަނަށް ހުށަހެޅުމަށް އެ ސިތީގައި ވަނީ އަންގާފިއެވެ.

އަދި ރިކުއާމަންޓް ފާސްވުމުން އެ މިންގަނޑުގެ ތެރެއިން އުފައްދަން ޖެހޭ މަގާމުތައް އުފެއްދުމަށް ކޮމިޝަނަށް ހުށަހަޅައި މަގާމުތައް އުފެއްދުމުން މި ހިނގަމުންދާ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންޓާނަލީ އިއުލާންކޮށް ޓީޗަރުންގެ މަގާމު ބަދަލުކުރުމުގެ މަސައްކަތް ސްކޫލަތްކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެދިފައެވެ.