ގައުމު ބިނާކުރުމުގެ އެންމެ މުހިއްމު އެއް ރޯލެއް ކުޅޭ ބަޔަކީ މުދައްރިސުންކަން ޔަގީނެވެ. މުދައްރިސުން ނުވަތަ އެދުރުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ކުރަން ފަސޭހަކަމަކަމަށް ނުވެދާނެއެވެ. މުދައްރިސުންނަކީ ހަފްތާގެ ހުރިހައި ދުވަހެއްގެ ގިނަ ވަގުތު އުނގަންނާ ދިނުމުގެ ތަފާތު ކަންކަމުގައި ހޭދަކުރާ ބަޔަކަށްވާ އިރު އެމީހުންގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަވެގެން ދަނީ މި އަގުހުރި މަސައްކަތުގައެވެ.
މިއީވެސް އެފަދަ ބުރަ މަސައްކަތްކުރަމުން އަންނަ މުދައްރިސެއްގެ ވާހަކައެވެ. އާމިނަތު އަލީ، އިރުވައިވިލާ، ގއ. ދާންދޫއަކީ ވެސް މި ބޮޑު ޒިންމާ އަދާކުރަމުން ދާ ހީވާގި މުދައްރިސެކެވެ. ދުވަހުގެ ބޮޑު ބައި ކިޔަވައިދިނުމާ، ދަރިވަރުންގެ ކުރިއެރުމަށްޓަކައި ހޭދަކުރަމުން އަންނައިރު އޭނާއަކީ ދާންދޫ ސްކޫލުގެ ގުރުއާން ޓީޗަރެވެ. ޑިޕްލޮމާ އިން ގުރުއާން އެންޑް އިސްލާމް އިން ޓީޗިން ނިންމުމަށްފަހު މިހާރު ބެޗްލާ އޮފް ޓީޗިން ގުރުއާން ފަހު ސެމިސްޓާގައި ކިޔަވަމުން ދާ އާންތު ބުނީ ކުދިންނަށް އުނގަންނައި ދިނުމުގެ މަސައްކަތަކީ އަބަދުވެސް ވަރަށް ޝައުގުވެރިވި އަދި ކުރާ ހިތްވާ މަސައްކަތެއް ކަމަށެވެ.
2018 ވަނަ އަހަރު ދާންދޫ ސްކޫލުގައި ޓީޗަރަކަށް އުޅުމަށްފަހު ދިރިއުޅުން އައްޑޫ ސިޓީ އަށް ބަދަލުކުރަން ޖެހުމާއި ގުޅިގެން ދާންދޫ ސްކޫލާ ވަކިވާން ޖެހުނު ނަމަވެސް ކިޔަވައިދިނުމާއި ދުރަށް ދިއުމަކީ އާންތު އަށް ކުރެވުނު ކަމަކަށް ނުވިއެވެ. އައްޑޫ ސިޓީ މީދޫ ޝަމްސުއްދީން ސްކޫލުގައި ކިޔަވައިދިނުމުގެ ފުރުސަތު އާންތުއަށް ލިބިގެން ދިއުމަކީ އިތުރު ކަންތައްތައް ތަޖުރިބާކޮށްލަން ލިބުނު ފުރުސަތެއްގެ ގޮތުގައި އޭނާ ދެކެއެވެ. އެ ސްކޫލުގައި ހޭދަވި 03 މަސް ދުވަހަށްފަހު 2020 ވަނަ އަހަރު އަނެއްކާވެސް އޭނާ ގުޅުނީ ދާންދޫ ސްކޫލާއެވެ. ދިރިއުޅުމުގައި ދިމާވި ގޮންޖެހުންތަކާއެކުވެސް އާންތު ދެއްކީ ދަރިވަރުންނަށް ނަމޫނާއެވެ. ހޯދީ ބެލެނެވެރިންގެ ރުހުމާއި ލޯތްބެވެ.
ޓީޗަރުންނަކީ އަބަދުވެސް ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތްކުރާ ބަޔަކަށްވާއިރު އާންތު ބުނީ މިކަމަށްޓަކައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ގިނަ ކަމަށެވެ. ސްކޫލުގެ ރަސްމީ 06 ގަޑިއިރުގެ އިތުރުން ލެސަން ޕްލޭންތައް ހެދުމަށް ހޮނިހިރުދުވަސް ވެސް މަސައްކަތްކުރާކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް މިކަން އޭނާ ކުރަނީ ކުރާ ހިތުންނެވެ. "އަބަދުވެސް މަސައްކަތްކުރަނީ ދަރިވަރުން ޝައުގުވެރިވާ ގޮތަށް މައުލޫމާތު ހިއްސާކޮށް ފިލާވަޅު ބުނެދިނުމަށް. ގޭގައި ހުއްޓަސް ސްކޫލުގައި ހުއްޓަސް އަބަދުވެސް ވިސްނެނީ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ހެދޭނެ އިތުރު ޝައުގުވެރި ގޮތްތަކަށް. ޓީޗަރުންގެ ކޮންމެ ވަގުތަކީ ދަރިވަރުންނަށްޓަކައި ހޭދަކުރާ ވަގުތެއް" އުފަލާއެކު އާންތު ބުންޏެވެ. ތަފާތު ގޮތްގޮތަށް ކިޔަވައިދީ އެކި ދުވަހު އެކި ކަހަލަ އުކުޅުތައް ކިޔަވައިދިނުމަށް ބޭނުންކުރާކަން ފާހަގަ ކޮށް އާންތު ބުނީ ފިލާވަޅާ ގުޅޭ އޯޑިއޯ އަދި ޕީޕީޓީ ދެއްކުމަށް އަބަދުވެސް އިސްކަންދޭ ކަމަށެވެ. އަދި އެހެން ގާރީންގެ ކިޔެވުމުގެ އަޑުތައް އިއްވާ، އެ އަޑުތަކަށް ދަރިވަރުން ޝައުގުވެރިކުރުވުމަށް މަސައްކަތް ކުރާއިރު އަރަބި އަކުރު ލިޔުއްވުމަށް އިސްކަންދޭކަމުގައި ބުންޏެވެ.
އާންތުގެ ތަޖުރިބާގެ އަލީގައި ކުރި އާއި މިހާރު ކިޔަވައި ދިނުމުގައި ބޮޑު ބަދަލެއްވަނީ އައިސްފައެވެ. "މިހާރު ކިޔަވައިދޭން ޖެހޭ ދުވަސްތައް މަދުވުމުން ދިއުމަކީ ފޮތް އެއްކޮށް ކަވަރުކުރަން އެޅުނު ހުރަހެއް. ކުރިއާއި އަޅާ ބަލާއިރު މިހާރު ކިޔަވައިދޭ ދުވަސްތައް މަދުކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ". ސެމިސްޓާ ބްރޭކްތަކަށް ގެނައި ބަދަލާއެކު ދިމާވި ގޮންޖެހުންތަކުގެ ވާހަކަ ހިއްސާކުރަމުން އާންތު ބުންޏެވެ. މިއާއި އެކު ސްކޫލުތަކުގެ ތައުލީމު ދިނުމަށް އައި ރަނގަޅު ބަދަލުތައް ފާހަގަކުރަމުން އޭނާ ވަނީ ކިޔަވައިދިނުމުގެ ވައްޓަފާޅީ ބަދަލުކޮށްފައިވާއިރު ދަރިވަރުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިފައިވާކަން ވެސް ފާހަގަކޮށްފައެވެ.
ޓީޗަރުން ދެކޭނެ އެންމެ ބޮޑު އެއް ހުވަފެނަކީ ކިޔަވައިދޭ ދަރިވަރުންނަކީ މުޖުތަމުއަށް ބޭނުންތެރި ބަޔަކަށްވުންކަން ފާހަގަކޮށް އާންތު ބުނީ އެއީ އަބަދުވެސް އުއްމީދުކުރާ އަދި ދެކޭ ހުވަފެންކަމަށެވެ. ކިޔަވައިދޭ އެއްޗެއްގެ ބޭނުން ދަރިވަރުން ރަނގަޅަށް ހިފުމާއެކު އެކަމުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ކުރާ މަންޒަރު ފެނުމަކީ އުފަލެއްކަމުގައި އާންތު ބުންޏެވެ. އަދި މުޖުތަމައުން ޓީޗަރުން ކުރާ މަސައްކަތް އުފަލާއެކު ބަލައިގަނެ، ހެޔޮލަފާ ޖީލެއް ބިނާކުރުމުގައި ޓީޗަރުންނާއި، ބެލެނެވެރިންގެ އިތުރުން މުޅި މުޖްތަމައު ގުޅިގެން މަސައްކަތްކުރުމަކީ އޭނާގެ އެންމެ ބޮޑު އެދުމެވެ.