ތ. ކަނޑޫދޫ ސްކޫލްގެ ޓީޗަރަކު އެ ސްކޫލްގެ ދަރިވަރެއްގެ އިނގިލީގައި ހިފައި ހުޅުން ނައްޓާލި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިހެން ބުނެފައި ވަނީ މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.
އެގޮތުން މިއަދު ހެނދުނު 10:55 ހާއިރު އެ ސްކޫލްގެ ބިދޭސީ ޓީޗަރަކު އެ ސްކޫލްގެ ދަރިވަރެއްގެ އިނގިލީގައި ހިފައި އަނބުރާލައި ހުޅުން ނައްޓާލި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށް ވެއެވެ.
އަދި އަނިޔާ ލިބުނު ކުއްޖާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާއިރު މިހާތަނަށް މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.