ދަރީންނަށް ތައުލީމު ދިނުމަކީ ގައުމުގެ މުސްތަގްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިރާސީ އަހަރު 2025 ފެށުމުގެ އުފަލުގައި ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވައި ފޮނުއްވި ހިތާބުގައެވެ.
ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަން ވެސް އެ ހިތާބުގައި ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ވަސީލަތްތަކާ ޖާގައިގެ ގޮތުން ފަހި ސްކޫލް މާހައުލުތައް ގާއިމުކޮށް ދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުސަތުތައް ހޯދައި ދީ، ތައުލީމީ ދާއިރާގެ ހުރިހާ ހިދުމަތްތެރީންނަށް ވެސް ރަނގަޅު މަގުތައް ފަހިކޮށްދީ، ބެލެނިވެރީން ފަހުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލް ކުރެވޭނެ ހުރިހާ އަމާޒަކަށް ވާސިލުވުމަށް ސަރުކާރުން ހިންމަތް ކުރާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީ ވިޔަ ނުދީ ތައުލީމު ދިނުމުގެ ހައްގު ހަމަހަމަކަމާއެކު ފޯރުކޮށް ދިނުމަށް ސަރުކާރުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އެމަނިކުފާނު ދެއްވާފައި ވެއެވެ.
މީގެ އިތުރުން ތައުލީމީ ދާއިރާ ކުރިއެރުވުމަށް އެންމެ ގުޅިގެން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވަނީ ބާރުއަޅުއްވާފައެވެ. އަދި މި ފެށުނު ދިރާސީ އާ އަހަރު، ރައްޔިތުން އެއް ރޫޙެއްގައި ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށް ދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ. ހަމައެއާއެކު ގައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައި ވެސް ކުދީން ހާސިލްކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްގީ ކުރުމުގައި އެއްބާރުލުން ދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބު ނިންމަވާލައްވަމުން ވެސް އެމަނިކުފާނު އިލްތިމާސް ކުރައްވާފައި ވަނީ މުދައްރިސުންނާއި، ތަޢުލީމީ ދާއިރާގެ ހިދުމަތްތެރީން ކަމަށް ކަމޭ ހީކުރެއްވުމާއެކު، އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށެވެ. އަދި ބެލެނިވެރީންގެ އަރިހުން އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ ލޮބުވެތި ދަރީންނަށް ރަނގަޅު ތައުލީމާއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއް ވެސް ފަރުވާކުޑަ ނުކުރެއްވުމަށެވެ. އަދި ދަރިވަރުންނަށް ދެއްވި ނަސޭހަތަކީ، ކިޔެވުމަށް ހާއްސަކޮށް އުމުރުގައި ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ، ބަސްއަހާ ހެޔޮލަފާ ދަރީންތަކެއް ކަމުގައި ވުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ވެސް ތަހުނިޔާ ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ވެސް ތަހުނިޔާ އަދާކުރެއްވުމަށްފަހު ދަރިވަރުންނަށާއި، ބެލެނިވެރީންނަށް، އަދި ހީވާގި މުދައްރިސުންނަށާއި، ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް މިއީ ބާއްޖަވެރި، ފާގަތި އަހަރެއް ކަމުގައި މާތް ﷲ މިންވަރު ކުރެއްވުމަށް އެދި ދުއާ ދަންނަވާފައި ވެއެވެ.