އައްޑޫގައި ގާއިމް ކޮށްފައިވާ ކުނިން ހަކަތަ އުފައްދާ ޕްލާންޓް ހިންގުން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފިއެވެ.

މިއަދު ހެނދުނު އައްޑޫ ސިޓީ ހިތަދޫގައި ތަރައްގީ ކޮށްފައިވާ ޕްލާންޓް ސައިޓްގައި ބޭއްވި ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ އެތަން ހިންގުމަކީ ޓެކްނިކަލް ކަމެއް ކަމުން އެކަމާ ބެހޭ ތަމްރީންތަކާއި އަދި އެހީތެރިކަން ބޭރުގެ ފަރާތްތަކުން ހޯދާނެ ކަމަށެވެ. ކުނިން ހަކަތަ އުފައްދާ ޕްލާންޓް ހިންގުމަށް މިވަގުތަށް ބޭނުންވާ މުވައްޒަފުންވެސް ހަމަވެފައިވާކަން ފާހަގަކުރައްވައި ސިރާޖް ވިދާޅުވީ އެތަނުގައި މަސައްކަތް ކުރާނީ މައިގަނޑު ގޮތެއްގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާނުން ކަމަށެވެ.

އައްޑޫގައި ގައިމު ކޮށްފައިވާ މި ޕްލާންޓަކީ ދެކުނުގެ އަތޮޅުތައް ކަމަށްވާ ހުވަދު އަަތޮޅު ފުވައްމުލައްގެ އިތުރުން އައްޑޫސިޓީގައި އުފެދޭ ކުނި ޖަމާކޮށް ކުނި އަންދައިގެން ހަކަތަ އުފައްދާ ނިޒާމެކެވެ.

ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް އަމާޒުކޮށްގެން ގާއިމްކުރާ މި ފެސިލިޓީއަށް ބޭނުންވާ "ވޭސްޓް ޓު އެނާޖީ ޕްލާންޓް" ޑިޒައިންކޮށް އުފައްދާފައި ވަނީ ރާއްޖެއިން ބޭރުންނެވެ. މި ޕްލާންޓްއިން ދުވާލަކު 50 ޓަނުގެ ކުނި އަންދައި 1.5 މެގަވޮޓްގެ ކަރަންޓު އުފައްދޭއިރު މިހާރު ފެސިލިޓީ ވަނީ ފެނަކަ ގްރިޑާ ގުޅޭލައިފައެވެ. މިތަނުން އުފައްދާ ކަރަންޓްގެ ތެރެއިން 1 މެގަވޮޓްގެ ކަރަންޓު އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑަށް ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 500 ކިލޯވޮޓް ބޭނުންކުރާނީ ފެސިލިޓީގެ ބޭނުންތަކަށެވެ.

ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ލޮޓަސް ކުންވަ ޖޮއިންޓް ވެންޗާއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ ރާއްޖޭގައި ގްރީން ފަންޑުން ހަރަދުކޮށްގެން ހިންގާ ފުރަތަމަ މަޝްރޫއެވެ.