އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 232 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މިއަދު ފުލުހުން ނައްތާލައިފިއެވެ.

ދޫނިދޫގައި މިތަކެތި ނައްތާލާފައި ވާއިރު ފުލުހުން ބުނީ މިއީ 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެކި މައްސަލަތަކުގައި އަތުލާފައިވާ މަސްތުވާތަކެތި ކަމަށެވެ. އަދި މި ތަކެތީގެ އަގު 368 މިލިއަން ރުފިޔާ އަށްވުރެ މަތިވާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން މިއަދު ނައްތާލާފައި ވަނީ 1،509 މައްސަލައާއި 659 އިންސިޑެންޓުގައި ހިމެނޭ 4،405 އެވިޑެންސްއެވެ.

އޭގެތެރޭގައި ހިމެނެނީ:

  • އެމްޑީއެމްއޭ 1495.97 ގްރާމް
  • މެތް 3،7953.49 ގްރާމް
  • މޯފިން 90،860.86 ގްރާމް
  • ކެނަބިނޯލް 30،266.87 ގްރާމް
  • ކޮކެއިން 17،830.90 ގްރާމް
  • އެލްއެސްޑީ 0.1142 ގްރާމް
  • ސްޓިމިއުލަންޓުގެ އިތުރުން މަނާ ބޭހުގެ 54،145.42 ގްރާމެވެ.

މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލައެވެ.

ފުލުހުން މިއަދު ނައްތާލި މަސްތުވާތަކެތި

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.