2018 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޕާކިން ސްޓިކާ ޖޫރިމަނާގެ ތެރެއިން ދައުލަތަށް ނުލިބިވާ ފައިސާ މައާފުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް މިގޮތަށް ނިންމެވީ ތަފާތު އެކި ސަބަބުތަކަށް ރިއާޔަތް ކުރުމަށްފަހުގައި ކަަމަށެވެ. އެ ގޮތުން މާލެ ސިޓީގައި އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ޖާގަ ނެތި ސްޓިކާ ޖަހަމުން ދިއުމުގެ ސަބަބުން ޖޫރިމަނާތައް އިތުރުވަމުންދާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް ލިބެމުންދާ ކަމަށާއި ޓްރެފިކް ގަވާއިދާ ހިލާފުވެގެން ޖޫރިމަނާ ކުރާ މިންވަރު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން ދިޔުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ހަމައެއާއެކު ކޮވިޑް 19 އާ ގުޅިގެން މާލީ ގޮތުން އާންމުންގެ ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާއެކު މިފަދަ ޖޫރިމަނާ ފައިސާ ނުދެއްކި އިތުރުވަމުން ދިއުމާއި، މިކަން މިގޮތަށް ހިނގަމުންދާ ކަން އެމަނިކުފާނަށާއި ސަރުކާރަށް ވެސް ގަބޫލު ކުރެވޭތީ ރައްޔިތުންނަށް ލުއި ގޮތެއް ހޯއްދަވައި ދިނުމަށް ރައީސް ސޯލިހް ނިންމެވީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައިސް ސޯލިހް ވަނީ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ތެރޭޣައި ވެސް ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ނުދެއްކި ޒުވާނުން ކަންބޮޑުވުމެއްގައި ތިބި ކަން ފާހަގަ ކުރައްވާއި އެކަމަށް ރަނގަޅު ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޕާކިން ޖޫރިމަނާ ފިޔަވައި ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ދެއްކުމަށް ލުއި ދެވޭނެ ގޮތް ވެސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ވަކި ހާލަތަށް ރިއާޔަތްކޮށް ޖޫރިމަނާގެ ބާވަތަށް ބަލައި ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ޖޫރިމަނާތަކަށް މައާފު ކޮށް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އޭގެ ތެރޭގައި ލައިސަންސް ލިބިފައިވާ މީހާ ދުއްވި އިރު އަތުގައި ލައިސަންސް ނެތި ދުއްވުމާއި ލައިސަންސް ގެއްލިފައިވަނިކޮށް ނުވަތަ މުއްދަތު ހަމަވެފައި ވަނިކޮށް ނުވަތަ ހަލާކުވެފައި ވަނިކޮށް ދުއްވުމާއި އެއްގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުން ނުވަތަ ބޭނުންކުރުން ހިމެނެއެވެ.

މީގެ އިތުރުން ވެސް ޖޫރިމަނާގެ ބާވަތުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކުރުމުން މައާފުކުރެވޭ ކަންކަން ވެސް ހިމެނެއެވެ. އެ ޓްރެއިނިން ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުންދެ ހަފްތާއާއިއެއް މަސްދުވަހަށް ވުރެ ދިގު ނުވާނެ ގޮތަކަށެވެ. މިގޮތަށް މިކަން ކުރުމުގެ ބޭނުމަކީ ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކުން މިފަދަ މައްސަލަތައް ތަކުރާރުވާ މިންވަރު މަދު ކުރުމަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މީގެ ސަބަބުން ޓްރެފިކް ގަވާއިދުތަކަށާއި އިޖްތިމާއީ އެހެން މައްސަލަތަކާ ގުޅޭގޮތުން މީހުން އަހުލުވެރިވާ މިންވަރު އިތުރު ކުރެވޭނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.