ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން އައްޑޫސިޓީ ހިތަދޫ، ފޭދޫ، މީދޫ އަދި ހުޅުދޫ އަވަށުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމު ކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ވަނީ މި ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ގޯތި ދޫކުރެވޭނީ ދެ މަރުހަލާއަކަށް ބައިކޮށްގެން ކަމަށެވެ. ފުރަތަމަ މަރުހަލާގައި ދޫކުރަނީ އައްޑޫގެ 4 އަވަށަކުން ޖުމްލަ 1000 ގޯއްޗެވެ. މި ގޮތުން ހިތަދޫއިން 500 ގޯތި، ފޭދޫއިން 300 ގޯތި، ހުޅުދޫއިން 100 ގޯތި، އަދި މީދޫއިން 100 ގޯތި ދޫކުރާނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ލިސްޓުގައި ހިމެނޭ އެހެން ފަރާތްތަކަށް ދެވަނަ މަރުހަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ދޫކުރެވޭނީ އަވަށްތަކަށް އިތުރުކުރެވުނު ބިންތަކުގެ ލޭންޑްޔޫޒް ޕްލޭން ހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ. އިތުރަށް ކައުންސިލުން ބުނީ، އެކައުންސިލްގެ އަމާޒަކީ 2024 ޖޫންމަހުގެ ނިޔަލަށް މިހާރު އާންމު ކުރެވިފައި ލިސްޓުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ގޯތި ދޫކޮށް ނިންމުން ކަމަށެވެ.

މީގެ އިތުރަށް އައްޑޫ ސިޓީ ކައުންސިލް ބުނީ ފުރަތަމަ މަރުހަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ 1000 ގޯތި ދޫކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިދާރީ މަސައްކަތްތައް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފުރިހަމަކޮށް ޑިސެމްބަރު މަސް ނިމުމުގެ ކުރިން ގޯތިތައް ލިބެންޖެހޭ ފަރާތް ތަކަށް ހަވާލުކޮށް ނިންމާނެ ކަމަށެވެ.