އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ހިއްކާފައިވާ ސަރަހަައްދުތަކުގެ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަސައްކަތް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ކާމިޔާބު ކަމާއެކު އޮގަސްޓު މަހުގައި ނިންމާފައެވެ.

އެގޮތުން އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫ ފޭދޫގައި 76 ހެކްޓަރު ބިމާއި އަދި ހިތަދޫގައި 80 ހެކްޓަރު ބިން ވަނީ ހިއްކާފައެވެ. މީގެ އިތުރުން ރިސޯޓް އައިލެންޑްގެ ގޮތުގައި ތަރައްގީ ކުރާ 3 ރަށަށް 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އެގޮތުން ހިއްކާފައި ވަނީ އެއިން ކޮންމެ ރަށަކަށް 8.3 ހެކްޓަރުގެ ބިމެވެ. އަދި ހަންކެޑޭގައި 4.72 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

އައްޑޫ ސިޓީގެ ދެ ސަރަހައްދަކުން ހިއްކާފައިވާ ތިން ރަށަކަށް ކިޔާނެ ނަންތައް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފައި ވާއިރު ހިތަދޫ އުތުރު ފަޅުން ހިއްކި ރަށަށް ދީފައިވާ ނަމަކީ 'ދޮންދީނި ހެރަ' އެވެ. ހިތަދޫން ހިއްކި އަނެއް ރަށަށް ދީފައިވާ ނަމަކީ 'ބޮލިހެރަ' އެވެ. އަދި މީދޫ ފަޅުތެރެއިން ހިއްކި ރަށަށް ކިޔަނީ 'ދޮންހެރަ' އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގައި އައްޑޫ ތިން ރަށެއްގެ ބިން ހިއްކުމުގެ އިތުރުން ރިސޯޓު ހިންގަން މުޅިން އަލަށް ފަސް ރަށެއް ހިއްކުމަށް ވެސް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވާ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުއަކީ މާޗް 27، 2022 ގައި ނެދަލޭންޑްސްގެ އޫޑް ޑްރެޖިންއާ ހަވާލުކޮށްގެން، އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެެވެ.