ފޯރިއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ އުރީދޫ މަސްރޭސް 2023 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ 4 ސިޓީ ކަމަށްވާ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ގައެވެ. ކޮންމެ ސިޓީ އަކުން 1 ވަނަ 2 ވަނަ 3 ވަނަ އާއި އެންމެ މޮޅު އަންހެން އަދި ފިރިހެން ކެޔޮޅުގެ އިތުރުން އެންމެ ބަރު މަސް ބޭނި ފަރާތްތައް ވަނީ މި މުބާރާތުގައި ހޮވާފައެވެ.

މުޅި މުބާރާތުގައި ޖުމްލަ 74 ޓީމުން ވާދަކޮށް މަސްރޭހުގެ ރެކޯޑުތައް މުގުރާލާފައިވާ ކަމަށާއި މަސްވެރިންގެ ކުޅަދާނަ ހުނަރު މި މުބާރާތުގެ ތެރެއިން ފެނިފައިވާ ކަމަށާއި މިއަހަރުގެ މަސްރޭސް ވެގެން ދިޔައީ ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތް ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.

އެގޮތުން އުރީދޫ މަސްރޭސް 2022 ގައި ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުން ގެ ރެކޯޑު މުގުރާލާ މި އަހަރުގެ މުބާރާތުގައި މޮޅުވި ޓީމު ތަކުގެ ތެރެއިން ފުވައްމުލައް ސިޓީ އިން ޓީމް ރީފް ރައިޑާސް ވަނީ 1326.45 ޕޮއިންޓް ހޯދާފައެވެ. ހަމައެއާއެކު ކުޅުދުއްފުށި ސިޓީއިން ބުޅިކެނޑި ޓީމުން 1214.25 ޕޮއިންޓް ހޯދައިފައިވާއިރު މާލި ސިޓީއިން މުބާރާތް ކާމިޔާބު ކުރީ ސޮނީ ފިޝިން ޓީމުން 860 ޕޮއިންޓް ހޯދައިގެންނެވެ.

އުރީދޫ މަސްރޭސް 2022 / ފޮޓޯ: އުރީދޫ

އުރީދޫ މަސްރޭސް 2023 ގައި ތާރީހީ ބޭނުންތައް:

މިއަހަރުގެ މަސްރޭހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ތަފާސް ހިސާބަކީ މުޅިން އަލަށް ހިބަރު ބާނާފައިވާ ކަމެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގެ ޗެމްޕިއަން ޓީމް ބުޅި ކެނޑި އާއި ރަނަރަޕް ޓީމް ލައްޓި ވަނީ ޖުމްލަ 3 ހިބަރު ބާނާ ތާރީހު ހަދާފައިވެއެވެ. މިއީ ރާއްޖޭގެ ކަނޑުގެ ބަޔޯޑައިވާސިޓީ މުއްސަނދިކަމާއި ބައިވެރިވާ ޓީމުތަކުގެ ހުނަރު ދައްކުވައިދޭ ކާމިޔާބީއެއް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މަސްރޭހުގެ ތާރީހުގެ ތެރެއަށް ވަދެގެން ދާ ދެވަނަ ކަމަކީ ކައްޓެޅީ ގެ ނަމުން ނަން ދީފައިވާ ޕްރޮމެތިއަން އެސްކޯލާ ބޭނުމެވެ. ކަނޑުގެ އެންމެ އަޑީގައި ދިރިއުޅޭ މި މަސް ބޭނުމަށް ގޮންޖެހުންތަކެއް ކުރިމަތިވާއިރު ކައްޓެޅި މަސް ބާނާފައިވަނީ ދެ ޗެމްޕިއަން ޓީމް ކަމަށްވާ އައްޑޫ ސިޓީގެ ޓީމް ފެހުރިހި އާއި ފުވައްމުލައް ސިޓީގެ ޓީމް ރީފް ރައިޑާސް އިންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަރަމުން އަންނަ ތަފާތު ކަނޑުގެ ދިރުންތައް މި ނާދިރު ބޭނުންތަކުން ދައްކުވައިދޭ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މަސްރޭސް 2023 ގެ އެންމެ ބަރު މަސްތައް:

އެންމެ ބަރު މަސް ކެޓަގަރީގައި ވެސް ހިތްގައިމު ތަފާސް ހިސާބުތަކެއް ފެނިގެން ދިޔަ ކަމަށާއި ސީ ގިއާ މޯލްޑިވްސްގެ ހާއްސަ ގިފްޓް ޕެކް ހާސިލްކުރި ހުނަރުވެރި މަސްވެރިން ވަނީ ތަފާތު މަސްތަކެއް ބާނާފައިވާ ކަމަށް އުރީދޫއިން ބުނެއެވެ. އަދި މާލެ ސިޓީ އިން ޓީމް ސޮނީ ފިޝިންގް އިން ވަލީދު 17.54 ކިލޯގްރާމް ބަރުދަނުގައި ހުރި ބޮޑު މުޑަހަންޖެއް ބާނާފައިވާއިރު، ކުޅުދުއްފުށި ސިޓީއިން އެންމެ ބަރު މަސް ބާނާފައިވަނީ ޓީމް ބުޅި ކެނޑިން ހަސަން އަލީ އެވެ. 25.85 ކިލޯގްރާމްގެ އަގުހުރި ހިބަރެއް ބާނާ ހަސަން ވަނީ ކުރިއަށް އޮތް މުބާރާތްތަކަށް ބޮޑު ހިތްވަރެއް ހޯދައިދީފި އެވެ.

މީގެ ކުރިން އުރީދޫން ބޭއްވި މަސްރޭސް މުބާރާތެއްގެ ތެރެއިން / ފޮޓޯ: އުރީދޫ

އައްޑޫ ސިޓީ ގެ ޗެމްޕިއަން ޓީމް، ޓީމް ފެހުރިހިން ނަޖާ 5.5 ކިލޯގެ ބަރުދަނުގައި ހުރި ފާހަގަކޮށްލެވޭ ވާހޫ (ކުރުމަސް) ބާނާފައިވާއިރު، ފުވައްމުލައް ސިޓީ އިން ޓީމް ރީފް ރައިޑާސްގެ އަބްދުالله އިބްރާހިމް 8.05 ކިލޯގްރާމްގެ ރޫބީއަކާ އެކު އެންމެ ދެކުނުގެ ސަރަހައްދުގެ އަގުހުރި މަސްވެރިކަން ފެނިގެންދިޔަ ކަމަށްވެސް އުރީދޫއިން ވަނީ މައުލޫމާތު ދީފައެވެ.

އެންމެ ހުނަރުވެރި އަންހެން އަދި ފިރިހެން ކެޔޮޅު:

މި މުބާރާތުގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މޮޅު ފިރިހެން އަދި އަންހެން ކެޔޮޅު ގެ އަގު ވަޒަން ކޮށްފައިވާއިރު މާލެ ސިޓީން ޓީމް ކްރަންޗީޒްގެ ނައުޝާދު އެންމެ މޮޅު ފިރިހެން ކެޔޮޅު ގެ ލަގަބް ހޯދީ ޖުމްލަ 17 މަސް ބާނައިގެންނެވެ. އަދި އެންމެ މޮޅު އަންހެން ކެޔޮޅު ގެ ޝަރަފު ޑެޓިއުންފިޝިންގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަދި މަސްވެރިކަމަށް ލޯބިކުރާ ފެޒޫ އެވެ. ކުޅުދުއްފުށި ސިޓީން އެންމެ މޮޅު ފިރިހެން މަސްވެރިޔާގެ މަގާމް 16 މަސް ބާނާ ޓީމް ލައްޓީގެ އާދަމް ހިލްމީ ހޯދިއިރު، އެންމެ މޮޅު އަންހެން ކެޔޮޅު މަގާމު ޓީމް ދަމާ ނާގާގެ ޚަދީޖާ މޫސާ ވަނީ ކާމިޔާބުކޮށްފައެވެ. އައްޑޫ ސިޓީން ޖުމްލަ 7 މަސް ބާނާ ޓީމް ހެޕީ މާކެޓުގެ އިބްރާހިމް އަބްދުالله އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވާއިރު އެންމެ މޮޅު އަންހެންކެޔޮޅުގެ މަގާމަށް ހޮވުނީ ޓީމް ފެހިރިހީގެ އަޒްލިފާ އަޒީޒެވެ. އަދި ފުވައްމުލައް ސިޓީން އެންމެ މޮޅު މަސްވެރިޔާގެ މަގާމް އަބްދުالله އިބްރާހިމް ހޯދީ ޖުމްލަ 17 މަސްބާނައިގެންނެވެ. އަދި ފުވައްމުލައް ސިޓީގެ އެންމެ މޮޅު އަންހެން ކެޔޮޅު ކާމިޔާބު ކޮށްފައިވަނީ ޓީމް މޭރި ބޮލް އިން ސަފާ އަދްނާނެވެ.

އުރީދޫއިން ބުނީ އުރީދޫ މަސްރޭސް 2023 އަކީ ހަމައެކަނި މަސްވެރިކަމުގެ މުބާރާތެއް ނޫން ކަމަށާއި އެއީ ރެކޯޑްތައް މުގުރާލައި، މަދުން ނޫނީ ނުބޭނޭ މަސްތަކާއި، ރާއްޖޭގެ މަސްވެރިންގެ އާދަޔާ ހިލާފު ހުނަރުތައް ދައްކާލި މުބާރާތެއް ކަމަށެވެ.