ކޮލެޖް ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށް ފެރީ އާއި ބަހުގައި ހިލޭ ދަތުރުކުރެވޭނެ ގޮތް އެމްޓީސީސީން ހަދައިފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި އެމްޓީސީސީން ބުނީ، މާލެ ސަރަހައްދުގައި ދަތުރުކުރާ ފެރީ އާއި މާލެ އާއި ރަށްރަށުގައި ދުއްވާ ބަހުގައި ކޮލެޖު ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށް މާދަމާ އިން ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ދަރިވަރުން ތައުލީމް ހާސިލްކުރަމުން ގެންދާ ކޮލެޖު ޔުނިވާސިޓީތަކުން ދަރިވަރުންނަށް ދޫކޮށްފައިވާ ސްޓޫޑެންޓު ކާޑު ދައްކާލައިގެން ހިލޭ ދަތުރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން މީގެ ކުރިން ވަނީ، 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުދިންނަށް ބަހާއި ފެރީގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ. ހަމަ އެއާއެކު ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކާއި، ސްކޫލް ޔުނިފޯމުތަކުގައި ތިބޭ ދަރިވަރުންނަށް ވެސް އެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.