މިދިޔަ އަހަރު އެމްޓީސީސީއަށް ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސް ކޮށްފިއެވެ.

ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ކޮންމެ ހިއްސާއަށް 2 ރުފިޔާ ބަހަން ނިންމާފައެވެ. މި އަދަދު ބަހަން ފާސްވީ އެ ޖަލްސާގައި ބައިވެރިވި 156 ހިއްސާދާރުންގެ ތެރެއިން 99.5 ޕަސެންޓުގެ ވޯޓުންނެވެ.

އެމްޓީސީސީން ބުނީ، މި ޖަލްސާގައި މުޅިއެކު 156 ހިއްސާދާރުން ބައިވެރިވެފައި ވާ އިރު، އެއީ މުޅިއެކު 5,587,737 ހިއްސާ ކަމަށެވެ. އެއީ ކުންފުނީގެ ރައުސުލްމާލުގެ 69.52 ޕަސެންޓް ހިއްސާދާރުން ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 45 މިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު ފައިދާ އަށް ވުރެ 52 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އެގޮތުން 2023 ވަނަ އަހަރު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ވަނީ 97 މިލިއަން ރުފިޔާ ލިބިފައެވެ.

މިދިޔަ އަހަރު އެމްޓީސީސީއަށް ލިބުނ ފައިދާ ދަށްވެފައި ވަނީ އެ ކުންފުނީގެ ކޮންސްޓްރަކްޝަން އަދި ޑްރެޖިން ދާއިރާގެ އާމްދަނީ 37 ޕަސެންޓަށް ދަށްވުމުންނެވެ. އެ ކުންފުންޏަށް ލިބޭ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 80 ޕަސެންޓަކީ ކޮންސްޓްރަކްޝަން އަދި ޑްރެޖިން ދާއިރާއިން ލިބޭ އާމްދަނީއެވެ.

މިދިޔަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ހިއްސާއަކަށް 2 ރުފިޔާ ބެހުމަށް ފާސްކޮށްފައިވާ އިރު، އެ ޖލްސާގައި މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތަކާއި، 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ. އަދި 2025 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 'ޑެލޮއިޓް ޕާޓްނާސް' އެވެ.