އާބަކޯއިން މުޖްތަމައުގެ އެކި ފަރުދުންނަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ދަނޑުވެރިކަން ހުޅުމާލޭގައި އިތުރުކުރުމަށް ހިންގޭ މަޝްރޫގެ ދެވަނަ ބުރުން ބިން ހޯދުމަށް ހުށަހަޅަން ފުރުސަތު ހުޅުވާލައިފިއެވެ.

އާބަންކޯއިން ބުނީ، އެ ކޯޕަރޭޝަންގެ މަގްސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއި އެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުމެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން 673.28 އަކަފޫޓްގެ 12 ލޮޓް، 5 އަހަރުގެ ދުވަހަށް ކުއްޔަށްދޭ އުސޫލުން ދެވިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

މި ކަމަށް އެދި ހުށަހެޅޭނީ، ހުޅުމާލޭގައި ދިރިއުޅެމުންދާ 18 އަހަރުވެފައިވާ ދިވެހި ރައްޔިތުންނަށް ކަމަށާއި އަދި އާބަންފާމިންގެ އެހެން ޔުނިޓް އެއް މީގެ ކުރިން ލިބިފައިވާ ފާރާތަކަށް ވެގެން ނުވާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

މި މަޝްރޫއު 3 ކެޓަގަރީއަކަށް، ކޮންމެ 3 މީހުންގެ ގްރޫޕަކަށް ލޮޓެއް ލިބޭ އުސޫލުން ކަމަށް އާބަންކޯއިން ވަނީ ފާހަގަކޮށްފައެވެ. އާބަންކޯއިން ބުނީ، ފުރަތަމަ ކެޓަގަރީ ފަރުމާކޮށްފައިވަނީ އަންހެނުން ބާރުވެރިކުރުވުމަށް ކަމަށާއި އެގޮތުން ދޫކުރެވޭ ޔުނިޓް ތަކުގެ 50 ޕަސެންޓު އަންހެނުންނަށް ހާއްސަ ކޮށްފައިވާ ކަމަށެވެ.

ދެވަނަ ކެޓަގަރީއަކީ ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާއިރު މި ކެޓަގަރީއަށް 25 ޕަސެންޓު ހާއްސަކޮށްފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ. އަދި ތިން ވަނަ ކެޓަގަރީ އަކީ އާންމުކޮށް ހުޅުވާލެވޭ ކެޓަގަރީ ކަމަށާއި މި ކެޓަގަރީއަށް 25 ޕަސެންޓު ހާއްސަކޮށްފައިވާ ކަމަށް އާބަންކޯއިން ވަނީ ބުނެއެވެ.

އާބަންކޯއިން ބުނީ، މި ޔުނިޓްތަކުން ތަފާތު ހިދުމަތްތައް ލިބިގެންދާނެ ކަމަށާއި މީގެ ތެރޭގައި ގަސްކާނާ ފިހާރަ، ހައިޑްރަޕޮނިކް ސިސްޓަމް ފަދަ ދަނޑުވެރިކަމަށް ބޭނުނަވާ ހުރިހާ ވަސީލަތެއް ލިބިގެންދާނެ ކަމަށެވެ.

އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކުން އާބަންކޯ ވެބްސައިޓް މެދުވެރިކޮށް ފޯމް ނަގައި ފޯރްމް އާއެކު ސެޕްޓެމްބަރު 28، 2023 ވަނަ ދުވަހު އާބަންކޯ ހެޑްއޮފީސް އަށް ފޯމް ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާކަމަށް އާބަންކޯއިން ބުނެއެވެ.