ޕީއެސްއެމް އާއި އެމްއެންޔޫ ގުޅިގެން ބާއްވަން ނިންމާފައިވާ ރިޔާސީ ބަހުސް ކެންސަލްކޮށް، ސަންގް ޓީވީއާ ބައިވެރިވެގެން ސަންގުގެ ބަހުސް ގެނެސްދޭން ޕީއެސްއެމް އިން ނިންމައިފިއެވެ.
ޕީއެސްއެމް އިން ބަހުސް ކެންސަލް ކުރީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ކޯލިޝަންގެ ބޮޑު ކެމްޕެއިން ޖަލްސާއެއް ބާއްވާތީ ރިޔާސީ ބަހުސް ބާއްވާ ތާރީހު ބަދަލު ކޮށްދޭން އެ ޕާޓީގެ ފަރާތުން އެދިފައިވާ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން ޕީއެސްއެމްއިން ބުނީ މި އަންނަ ހުކުރު ދުވަހުގެ ރޭ 9 އިން 11 އަށް ބޭއްވުމަށް ހަމަޖެއްސި ރިޔާސީ ބަހުސްގައި އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭ ގޮތަށް ބަހުސް ބޭއްވުމަކީ ޕީއެސްއެމް އިން އަމާޒު ކުރި ކަމެއް ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބާ ގުޅިގެން ކެންޑިޑޭޓުން ބައިވެރި ވެވަޑައިގަންނަވާ ތަފާތު ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން ދާތީ އެ ދުވަހު ބާއްވަން ތައްޔާރު ވަމުންދިޔަ ޕީއެސްއެމްގެ ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެ ވަަޑައިނުގެންނެވޭ ކަމަށެވެ.
ޕީއެސްއެމްއިން އެހެން ބުނި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި ހުރިހާ ކެންޑިޑޭޓުން އޮތީ ޕީއެސްއެން ބަހުސްގައި ބައިވެރި ވެވަޑައިގަންނަވާ ގޮތަށެވެ.
ޕީއެސްއެމް އިން އިތުރަށް ބުނީ ބައެއް ކެންޑިޑޭޓުންނަށް ބައިބެރި ވެވަޑައިގަނެވެން ނެތުމުންނާއި އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވުމުން ޕީއެސްއެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވާނެކަމެއް ކަމަށާއި އެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ ޕީއެސްއެމުން ގަސްތުކުރަނީ ސަންގު ޓިވީން ބާއްވާ ބަހުސްގައި ޕާޓްނާ ވެގެން ކުރިއަށް ދިޔުމަށް ކަމަށެވެ.
އެ ބަހުސްގައި ވެސް ރައީސް ސޯލިހު ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ބަހުސް ތާވަލު ކޮށްފައިވާ އަންނަ ހުކުރު ދުވަހުގެ ރެއަކީ އެ ޕާޓީން މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާ ރޭ ކަމަށެވެ. އެ ދުވަހު ބަހުސް ބާއްވާނަމަ ރައީސަށް ބައިވެރިވަޑައި ނުގަންނެވޭތީ، ބަހުސް ރީޝެޑިއުލް ކުރެވޭތޯ އެމްއެންޔޫއާ ވާހަކަ ދައްކައިގެން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އެމްޑީޕީގެ މާލޭގެ ބޮޑު ޖަލްސާ އަކީ 1 ސެޕްޓެމްބަރަށް މާ ކުރިން ރާވާފައި އޮތް އިވެންޓެއް ކަމަށެވެ. އަދި ރައީސް ސޯލިހަށް އެންމެ މުހިއްމީ ރައްޔިތުން ގާތަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދެއްކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން އެދޭ ގޮތަށް ބަހުސްގެ ތާރީހު ބަދަލުކޮށްފިނަމަ އެހެން ކެންޑިޑޭޓުންނަށް ކުރިމަތިވާނެ ދަތިތަކާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން މާރިޔާ ވަނީ އެކަމުގައި އެމްޑީޕީން ކުރާނެ ކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ.