ޖާހް ކޮންސްޓްރަކްޝަންގެ ފަރާތުން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ "ދަ ގާޑަންސް" އެޕާޓްމަންޓްތަކުގެ މަސައްކަތް އަންނަ ޖެނުއަރީ މަހަށް ނިންމުމަށް އިންޑިޕެންޑަންޓް ކޮންސަލްޓަންޓެއް ހޯދުމަށް ނިންމާ އެ މަސައްކަތް ކުރަމުންދާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ އެ ހައުސިން ޔުނިޓްތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައި ވާއިރު، އެކަމުގެ ސަބަބުން އެޕާޓްމަންޓްތައް ގަނެފައިވާ ފަރާތްތަކަށްވާ ގެއްލުންތައް ކުޑަކޮށް ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އާބަންކޯއިން މިހާރު ޖާހް ކޮންސްޓްރަކްޝަންއާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެ އެޕާޓްމަންޓްތަކުގެ މަސައްކަތްތައް އެންމެ ރަނގަޅަށް ކުރުމަށްޓަކައި ނުނިމި ހުރި މަސައްކަތްތައް އިތުރަށް ދެނެގަނެ، މަސައްކަތްތައް ނިންމުމަށް ލަފާ ހޯދުމަށް އިންޑިޕެންޑަންޓް ކޮންސަލްޓަންޓެއް ހޯދަމުން ދާއިރު އެކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި، ދަ ގާޑަންސް އިން އެޕާޓްމަންޓްތައް ގަނެފައިވާ ކަސްޓަމަރުންނަށް ވެސް ގެއްލުން ކުޑަކޮށް، ޕްރޮޖެކްޓް ނިންމުން ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން އިތުރަށް ބުނީ އިންޑިޕެންޑަންޓް ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތް އަގުކުރުމާއި އެ މަސައްކަތް ކުރާނެ ގޮތެއް ކަނޑައެޅުން ހިމެނޭ ކަމަށެވެ. އަދި މި ހޯދުންތަކަށް ބިނާކޮށް ކޮންސަލްޓަންޓް ދެއްވާ ލަފާގެ މަތިން އާ ކޮންޓްރަކްޓަރަކާއި މަސައްކަތް ހަވާލު ކުރާނެ ކަމަށާއި އެ މަސައްކަތް ކުރަމުން ދާއިރު، ދަ ގާޑަންސް ގެ ކަސްޓަމަރުންނާއި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ދަ ގާޑަންސްގެ ކަސްޓަމަރުންނަށް ބަދަލު ދިނުމުގައި ޒިންމާ ނަގާނީ ޖާހް އިންވެސްޓްމަންޓުންކަން ފާހަގަކޮށް އާބަންކޯއިން ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން އެޕާޓްމަންޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ މުއާމަލާތްތައް ބަލާ، ދެ ފަރާތައްވެސް ގެއްލުން ނުވާނެހެން އަންނަ ޖެނުއަރީ މަހު މަސައްކަތް ނިންމާލުން ކަމަށެވެ.