ސަރުކާރުން ދޫކުރާ ފްލެޓްތައް ލިބޭ ފަރާތްތަކުން އެތަން ކުއްޔަށް ދީގެން އާމްދަނީއެއް ހޯދަން ބޭނުންވާނަމަ ކޮންޓްރޯލް އަގެއްގައި ކުއްޔަށް ދީގެން އާމްދަނީ ހޯދެނޭ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާ ޕާސަންކަންވެސް ކުރައްވަމުން ގެންދަވާ ފައްޔާޒް މިގޮތަށް ވިދާޅުވެފައި ވަނީ ރޭ ހުލުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ސަރުކާރުން ސަބްސިޑައިޒް ކޮށްގެން ލުއި ގޮތަކަށް ދޭ ފްލެޓްތަކުގައި ފްލެޓް ލިބުނު މީހުން ނޫން އެހެން ބަޔަކު އުޅޭ ނަމަ، އެކަން ކޮންމެވެސް މިންގަނޑެއްގެ ތެރޭގައި ކުރެވޭނެ ގޮތް ހެދުމުގެ ވިސްނުން ގެންގުޅުއްވާކަމަށާއި އެކަން ކުރާނެ ކޮންޓްރޯލްޑް އުސޫލެއް ގާއިމް ކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އަދި ސަރުކާރުން އެގޮތަށް ސަބްސިޑައިޒް ކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދެމުން ދަނީ ބަޔަކު މުއްސަނދިވުމަށް ނޫން ކަމަށް ފާހަގަ ކުރައްވަމުން ފައްޔާޒް ވިދާޅުވީ، ހެޔޮ އަގުގައި ފްލެޓް ދެނީ ދަތި ހާލުގައި އުޅޭ މީހުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ނަމަވެސް އެމީހުން އާމްދަނީ ހޯދަން އެ ފްލެޓް ބޭނުން ކުރަން ބޭނުންވާ ނަމަ، އެ ފުރުސަތު ވެސް އޮންނަންވާނެ ކަމަށެވެ. "އެކަމުގައި ކޮންމެވެސް ކޮންޓްރޯލް ނިޒާމެއް އޮންނަން ޖެހޭ" ފައްޔާޒް ވިދާޅުވިއެވެ. ދެވަނަ ދައުރަކަށް ރައީސް ހޮވިވަޑައިގެންފިނަމަ އެ ނިންމުން ނިންމާނީ ރައްޔިތުންނާ މަޝްވަރާކޮށް، އެންމެނަށް ވެސް ފައިދާވާނެ ގޮތަށް ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

"ވިސްނުމުގައި އެބައޮތް ސަރުކާރުން ސަބްސިޑައިޒްކޮށްގެން ސަރުކާރުން ކުޑަ ލުއި ގޮތަށް ދޫކުރާ ފްލެޓްތަކުގައި އެ ދިން ފަރާތް ނޫން އެހެން ބަޔަކު ދިރިއުޅޭ ކަމުގައި ވަންޏާ، ކުއްޔަށް ދޭ ކަމުގައި ވަންޏާ ކޮންމެވެސް މިންގަނޑެއްގެ ތެރޭގައި ކުއްޔަށް ދެވޭނެ ގޮތަށް ސިޔާސަތުތައް ބަދަލުކުރުން،"
ފައްޔާޒް

މީގެ އިތުރުން ހުޅުމާލެ އަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭތަނެއް ކަމަށް ވާއިރު، ހުޅުމާލެއިން ގިނަ އަދަދެއްގެ ވޯޓު ރައީސަށް ލިބިވަޑައިގަންނަވާނެ ކަމަށާއި ހުޅުމާލެ އަށް ވޯޓުލާ އެންމެންގެ މެޖޯރިޓީ ރައީސް ސޯލިހަށް ހޯދުމަށް އެންމެން މަސައްކަތް ކުރުމަށް ފައްޔާޒް ވަނީ ގޮވާލައްވާފައެވެ.

ފައްޔާޒް މިގޮތަށް ވިދާޅުވެފައި ވާއިރު ސަރުކާރުން އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދޫކުރާ ކަމަށް ބުނެ އާންމުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަބަޔަކު ގަބޫލު ކުރާ ގޮތުގައި ސަރުކާރުން ފްލެޓް ދެނީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް ކަމަށްވާއިރު ސަރުކާރުން ދޭ ފްލެޓް ބޮޑު އަގުގައި އެހެން ފަރާތަކަށް ދޫ ކުރުމަކީ ބަލައިގަނެވޭނެ ކަަމެއް ނޫން ކަމަށެވެ.