ރާއްޖޭގައި އުފެދުނު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ މައްޗަށް އުފުލާފައިވާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕެސްޓް ހައްޔަރު ކޮށްފައި ވަނީ ފެބްރުއަރީ 13، 2022 ވަނަ ދުވަހުއެވެ.

ޕެސްޓްގެ މައްޗަށް ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އާއި ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމުގެ ދައުވާ އާއި އެކަން ސިއްރުކުރުމުގެ ދައުވާ ކޮށްފައި ވެއެވެ.

މި ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ ޝަރީއަތް ނިމެންދެން ޕެސްޓު ބަންދު ކޮށްފައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ. އެހެންނަމަވެސް މާޗް 23، 2022 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ބައެއް ކަންކަން މުރާޖައާ ކުރުމަށް ފަހު ޕެސްޓަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް ޝަރުތު ތަކަކާއެކު ދެ މަސް ދުވަހަށް ގޭ ބަންދަށް ބަދަލު ކޮށްފައެވެ. މި މައްސަލަ ޕީޖީ އިން ހައި ކޯޓަށް ހުށަހަޅެމުން، ކްރިމިނަލް ކޯޓުން ޕެސްޓް ގެއަށް ބަދަލު ކުރުމަށް ކުރި އަމުރު ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.