ފުވައްމުލަކު ސިޓީގައި ހުރި އެމްޑީޕީގެ ކެމްޕެއިން ސާމާނަށް ބަޔަކު ގެއްލުން ދީފިއެވެ.

ފުވައްމުލަކު ދިނގުވާޑު އަވަށުގައި ޖަހާފައިވާ ކެމްޕެއިން ބެނާތަކާ ދިދަތައް ހަލާކު ކޮށްލާފައި ވާއިރު ދިގުވާޑު އަވަށުގައި ހަރުކޮށްފައި ހުރި ބައެއް ތަކެއްޗަށްވެސް ވަނީ ގެއްލުން ދީފައެވެ.

މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައި ވާއިރު 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ފުވައްމުލަކު އެކި ސަރަހައްދުތަކުގައި ހުރި ޕޯސްޓަރު ތަކާއި ބެނާތަކަށް ގެއްލުން ދީފައިވާ މައްސަލަ މިއަދު ހެނދުނު ހުށަހަޅާފައި ވާކަމަށެވެ.

އިތުރަށް ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރިގަދަވެފައިވާ މި ދުވަސްވަރު ކެމްޕެއިން ޖަގަހަތަކާއި ކެމްޕެއިން ސާމާންތަކަށް ގެއްލުން ދޭ މައްސަލަ އަންނަނި ފެންމަތިވަމުންނެވެ.