އައްޑޫ ސިޓީ އެކަނި ތަރައްގީ ކޮށްގެން އެ ސިޓީ އަށް ތަރައްގީ ލިބިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަަމަށާއި ގއ، ގދ އަދި ފުވައްމުލައް ތަރައްގީ ކޮށްގެން ނޫނީ އެ ސަރަހައްދު ތަރައްގީ ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ވަރަށް ގިނަ ސަރުކާރުތަކަށް ފުރުސަތު ދެވިއްޖެ ކަމަށާ، ޕީޕީއެމް އާއި އެމްޑީޕީއަށްވެސް ފުރުސަތު ދެވިއްޖެ ކަމަށެވެ. ޕީޕީއެމް ސަރުކާރަށްވެސް އައްޑޫ ތަރައްްގީ ކުރަން ފުރުސަތު ލިބުނުކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ މި ސިޓިއަށް ވީ ވައުދުތަކުގެ ތެރެއިން އެއްވެސް ވައުދެއް ފުއްދިފައި ނުވާ ކަމަށެވެ.

މީގެކުރީގެ ސަރުކާރުތަކުން އައްޑުއަށް ބޮޑުތަނުން އިހުމާލުވެފައި ވާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެއްވެސް ސަރުކާރަކަށް ތަރަައްގީއޭ ބުނާ މާނައިގައި ތަަރައްގީ ކުރެވުނު ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ދެކުނުގެ ތަރައްގީއާ ގުޅޭ ގޮތުން އެ އަތޮޅު ތަކުގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދެއްކުމަށް ފަހު މުޅި ހުވަދު އަތޮޅު ހިމެނޭ ގޮތަށް ޕްލޭނެއް އެކުލަވާލައްވާފައި ވާކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ތަރައްގީ އަކީ ފެނާއި ނަރުދަމާ، އަދި ބަނދަރާއި މަގު ހެދުން ކަމުގައި ގަބޫލު ނުކުރައްވާ ކަމަށާއި ތަރައްގީ އަކީ ރައްޔިތުންގެ ޖީބަށް ފައިސާ ވަދެ އެ މީހުން ތަނަވަސްކަމާ އެކީ އުޅުން ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު އެ މަންޒަރު ފެންނަމުން ނުދާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އޭނާ މަގާމާ ހަވާލުވެ ވަޑައިގެން މަސައްކަތް ކުރައްވާނީ ރައްޔިތުންނަކީ ފުދުންތެރި ތަނަވަސް ބަޔަކަށް ހެއްދެވުމަށް ކަމަށެވެ.

ރާއްޖޭގެ އިގްތިސޯސީ ހާލަތު ބަދަލުވެގެން ނޫނީ ރައްޔިތުންނަށް ހިތްހަމަޖެހޭ އުފަވެރި ދިރިއުޅުމެއް ނުފެންނާނެކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެ ޕާޓީގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އިގްތިސޯދަށް އެކަނި ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ރަނގަޅު ވެއްޖެ ނަމަ އިޖްތިމާއީ މައްސަލަތައްވެސް ހައްލުވެގެން ދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވަނީ ތަރައްގީ އާއި ތަމައްދުނު ގެނެވޭނީ މިކަންކަމަށް ވިސްނައިގެން ކަމަށާއި އެހެންކަމުން މުޅިން އާ މޫނަކަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.