އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯގެ ފަހު ބައި އިފްތިތާހު ކުރުމަށް ތަފާތު އިވެންޓެއް ބާއްވަން އެ ޕާޓީއިން ނިންމައިފިއެވެ.

އެމްޑީޕިއިން ބުނީ މާދަމާ ރޭ 8:00ގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ އިވެންޓުގައި އެ ޕާޓީގެ މެނިފެސްޓޯގެ ފަހުބައި ކަމަށްވާ "އިގްތިސޯދީ ބޮޑު ބަދަލު" އިފްތިތާހު ކުރާނެ ކަމަށެވެ. އަދި އެ އިވެންޓަކީ އެ ޕާޓީގެ އެހެން ސިޔާސީ ހަރަކާތްތަކާ މުޅިން ތަފާތު ގޮތަކަށް އާ ކޮންސެޕްޓަކް ބާއްވާ އިވެންޓެއް ކަމަށެވެ.

އެމްޑީޕީއަކީ ހަރުގެ ޖަލްސާތަކުގެ އިތުރުން ކަންމަތީ ބައްދަލުވުންތަކާއި ކެމްޕެއިން ޖަގަހަތައް އެންމެ ފުރަތަމަ ރާއްޖެއަށް ތައާރަފްކުރި ޕާޓީކަން ފާހަގަކޮށް އެ ޕާޓީއިން ބުނީ މާދަމާ ރޭގެ އިވެންޓުވެގެންދާނީ ރާއްޖޭގެ ސިޔާސީ ހަރަކާތްތަކަށް އެމްޑީޕީއިން އަލަށް ތައާރަފް ކުރާ ކަމެއް ކަމަށެވެ. މި އިވެންޓުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ މެނިފެސްޓޯ މައިގަނޑު ފަސް ބަޔަކަށް ބަހާފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ އުފާވެރި ދިރިއުޅުން، އާ ޒުވާނުންގެ ޖީލް، އަމާން މުޖުތަމައު، ހެޔޮ ވެރިކަން އަދި އިގްތިސޯދީ ބޮޑު ބަދަލެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި ރައީސް ސޯލިހް އަދި އެމަނިކުފާނުގެ ރަނިންމޭޓްއަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރައްވަމުންނެވެ. އެގޮތުން ރައިސް ސޯލިހް މިވަގުތު ހުންނެވީ ރ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގައި އެ އަތޮޅު ދުވާފަރުގައެވެ. މާދަމާ ރައީސް ސޯލިހްއަށް އެނބުރި މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.