ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޖުލައި 31، 2017 ގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރަށް އިންސާފު ނުލިބިގެން ރައީސްއިބްރާހިމް މުހައްމަދު ސޯލިހު ރ. މީދޫ ކުރައްވާ ދަތުރުފުޅާ ދިމާކޮށް އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ރައީސް ސޯލިހު މީދޫއަށް ވަޑައިގެންފައިވާއިރު ގާތްގަނޑަކަށް 15 ވަރަކަށް ޒުވާނުން ބޯޑު ހިފައިގެން އިހުތިޖާޖު ވަނީ ބައިވެރިވެފައެވެ.
އިހުތިޖާޖުގެ ބައިވެރިން އަންނަނީ "އިންސާފުގެ ވައުދު ހަނދާންފުޅު ނެތުނީތޯ" އާއި "ޓީޝާޓު ކުށްވެރިކުރި ގޮތަށް މިސަރުކާރުން ވެސް މައްސަލަ ހިންދާލީތަ" ފަދަ ބޯޑު ތައް ހިފައިގެން ޝުއޫރު ފާޅުކުރަމުންނެވެ.
އަނަސްގެ މަރާ ގުޅިގެން މީގެ ކުރިން ރައީސް އެރަށަށް ވަޑައިގެން ވިދާޅުވީ، އަނަސްގެ މަރުގެ ޝަރީއަތުގެ މަރުހަލާތައް ކުރިއަށްދާ ކަމަށާއި ދިވެހި އެއްވެސް ރައްޔިތަކު އެފަދަ ހާއްދިސާއެއް ދެވަނަ ފަހަރަށް ތަކުރާރުވާން ބޭނުން ނުވާނެ ކަމަށެވެ.
ރައީސް ވަނީ 2018 ގެ ކެމްޕެއިނުގައި އަނަސްއަށް އިންސާފު ހޯދައިދޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މި މައްސަލައިގައި މީގެ ކުރިން ފުލުހުން ބުނީ 2017 ވަނަ އަހަރުގެ ޖުލައި މަހު 31 ވަނަ ދުވަހުގެ ރޭ ލިޓެސް ގަރާޖް ތެރޭގައި އަނަސް މަރާލީ އެހެން މީހެއްކަމަށް ހީކޮށް ކަމަށެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ؛
- އަފްރާހު އަބްދުއްރައްޒާގު، މ.ލޮނުމެދުގެ / މާލެ
- ސިމާހު މޫސާ، ދަފްތަރު ނަންބަރު1746 / މާލެ
- އުސްމާން ޝަރީފް، މ.ދިމިޝްގު / މާލެ
- މުހައްމަދު ޝާޒް، ގުލްފާމުގެ / ތ.ކިނިބިދޫ
- ޖުނައިހު އަބްދުﷲ، ނަންނާރިގެ / ލ.ގަންތުނޑީ
- ހަސަން މަހްފޫޒް، ވެސްޓަންވިލާ / ސ.ފޭދޫ
- އަހްމަދު ޒަޔާން، އަސުރުމާގެ / ޅ.ކުރެންދޫ
މި މައްސަލައިގައި ދައުވާ އުފުލި 18 އަހަރުގެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެ 2022 ވަނަ އަހަރު އޮކްޓޮބަރު މަހު ވަނީ ހުކުމްކޮށްފައެވެ.