އަންނަ މަހުގެ ފުރަތަމަ ދުވަހުގެރޭ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ ކޯލިޝަންގެ ބޮޑު ކެމްޕެއިން ޖަލްސާ ބާއްވާނެ ކަމުގެ އިޝާރާތެއް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގެ ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދެއްވައިފިއެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި މާރިޔާ ތުހުމަތުކުރެއްވި ގޮތުގައި، މާލެ ސިޓީ ކައުންސިލުން ގެންދަނީ ރައީސްގެ ކެމްޕެއިނަށް ހުރަސް އަޅަމުންނެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ޖަލްސާ އެއް ބޭއްވުމަށް ހުއްދަ ހޯދުމަށް އެދި ދެ ފަހަރެއްގެ މަތިން ކައުންސިލްގައި އެދިފައިވީ ނަމަވެސް، އެކަމަށް ކައުންސިލުން ހުރަސް އަޅާފައިވާ ކަމަށެވެ.

އެކަމަށް އިޝާރާތްކުރައްވައި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ފެށްޓެވުމުގެ ކުރިން މާރިޔާ ވިދާޅުވީ، ނޫސްތަކުގައި އެ ވާހަކަ ގެނައުމުގެ ސަބަބުން އަންނަ މަހުގެ ފުރަތަމަ ދުވަހުގެރޭ ޖަލްސާ ބޭއްވުމުގެ ފުރުސަތު ލިބިގެން ހިނގައްޖެ ކަމަށެވެ. އެހެންކަމުން ބެލެވެނީ އެ ދުވަހުގެރޭ ރައީސްގެ ކެމްޕެއިންގެ ޖަލްސާ އޮންނާނެ ކަމަށެވެ. ނަމަވެސް ބޮޑު ޖަލްސާގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރައީސްގެ ކެމްޕެއިންގެ ބޮޑު ޖަލްސާ މާލޭގައި އަންނަ މަހުގެ ފުރަތަމަ ދުވަހު ބާއްވާނެ ކަމަށް މާރިޔާ އިޝާރާތްކުރެއްވި ނަމަވެސް، ކައުންސިލުން މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ފޮނުވި ސިޓީގައިވާ ގޮތުން ރައީސްގެ ކެމްޕެއިން ޖަލްސާ ބޭއްވުމަށް އެ ޕާޓީ އަށް އާޓިފިޝަލް ބީޗު ސަރަހައްދު ދޫކޮށްފައި ވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ހެނދުނު 9 އިން ފެށިގެން ދަންވަރު 12 ގެ ނިޔަލަށެވެ.

ނަމަވެސް އެ ހުއްދަ ދޫކުރި ފަހުން އެމްޑީޕީގެ އެދުމަށް ސިޓީ ކައުންސިލުން ވަނީ ކާނިވާ ސަރަހައްދު އަންނަ މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 9 އިން ފެށިގެން ހަތްވަނަ ދުވަހުގެރޭ ދަންވަރު 12 ޖެހުމާ ހަމައަށް އެ ޕާޓީ އަށް އިއްޔެ ދޫކޮށްފައެވެ. އެހެންކަމުން އާޓިފިޝަލް ބީޗުގައި ރައީސްގެ ކެމްޕެއިން ޖަލްސާ ބޭއްވުމުގެ ހުއްދަ ކެންސަލްކުރެވިފައިވާ ކަން ބަޔާންކޮށް، ކައުންސިލުން ފޮނުވި ސިޓީގައި ވަނީ، ކާނިވާ ސަރަހައްދުގައި ހުންނަ ގަސްތަކަށާއި ތަކެއްޗަށް ގެއްލުން ނުދިނުމަށާއި، ޖަލްސާ ނިމުމުން އެ ސަރަހައްދު ސާފުކުރުމަށް އަންގައިފައެވެ.

މާރިޔާ އިޝާރާތްކުރެއްވި ދުވަހަކީ ފާހަގަކުރެވޭ ގޮތުގައި، ރިޔާސީ ބަހުސް ބާއްވާނެ ކަމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިއުލާނުކުރި ދުވަހެވެ.