ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އުފެއްދެވި ހަތިޔާރު އެޅި ޖަމާއަތް ކަމަށް ވާ ވާގްނާ ގްރޫޕުގެ މިހާރުގެ ކޮމާންޑަރު، ޔެވްގެނީ ޕްރޮގޯޒިން އެފްރިކާގައި ހުރި ކަމަށް ބުނެ އާ ވީޑިއޯއެއް އާންމުކޮށްފިއެވެ.

އެ ވީޑިއޯ އަކި އެފްރިކާގައި ނަގާފައި ވާ ވީޑިއޯއެއްކަން ބައިނަލްއަގުވާމީ ސޯސްތަކުން ކަށަވަރު ކުރެވިފައި ނުވާ އިރު އޭނާ ބުނީ، "ދުނިޔޭގެ ހުރިހާ ކަނކޮޅުތަކެއްގައި ރަޝިއާ ފަހުރުވެރިކޮށް، އަދި މިހާރަށް ވުރެ އެފްރިކާ މިނިވަން ކުރަން" ގޮސް ހުރި ކަމަށެވެ.

އަސްކަރީ ހެދުމުގައި ރައިފަލެއް ހިފައިގެން، ހުސްކޮށް އޮތް ސަހަރާއެއްގައި ހުރެ ޕްރިގޯޒިން ބުނެފައި ވަނީ، އެފްރިކާގެ ފިިނިހޫނުމިން ހުރީ 50 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ކަމަށާއި ހުރިހާކަމެއް ހުރީ ހިތްހަމަ ޖެހޭ ގޮތަށް ކަމަށެވެ. އަދި މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށާއި ދުނިޔޭގެ ހުރިހާ ކަނކޮޅުތަކެއްގައި ރަޝިއާ ފަހުރުވެރިކޮށް، އަދި މިހާރަށް ވުރެ އެފްރިކާ މިނިވަން ކުރަން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ރަޝިއާގެ މޮސްކޯ ހިފަން ޕްރޮގޯޒިން އާއި އޭނާގެ ފައުޖީން މަސައްކަތް ކުރުމަށް ފަހު އެ ހިޔާލު ދޫކޮށްލައި ބެލަރޫސް އަށް ފައިބައިގެން ދިޔަ ފަހުން މިއީ އާންމުކޮށް އޭނާ ފެންނަ އަސްކަރީ ހެދުމުގައި ފެނުނު ފުރަތަމަ ފަހަރެވެ. އެފްރިކާގައި ވާގްނާގެ ގިނަ އަދަދެއްގެ މެންބަރުން މިހާރުވެސް ހަރަކާތްތެރިވަމުން ދާ އިރު، މާލީ އާއި ސެންޓްރަލް އެފްރިކާގައި ވެސް އެ ޖަމާއަތުގެ ހަނގުރާމަވެރިން ހަރަކާތްތެރި ވެއެވެ.

އޭނާ އެފްރިކާގައި ހުރިކަން ހާމަކޮށް އާންމު ކުރި ވީޑިއޯގައި އިތުރަށް ބުނީ، އޭނާގެ ޖަމާއަތާ ގުޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައި ވާ ކަމަށާއި، އެކިއެކި ރޭންކްތަކަށް ހަނގުރާމަވެރިން ރެކްރޫޓު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށެވެ.

ވާގްނާއިން ހަނގުރާމައިގެ ޖަރީމާތައް އެފްރިކާގައި ހިންގާ ކަމަށް އދ އިން ތުހުމަތު ކޮށްފައި ވާ އިރު، އެ ޖަމާއަތް އެފްރިކާގައި ހަރަކާތްތެރިވުމުގައި ވިޔަފާރިއާއި މާލީ މަންފާތައް ހޯދުންވެސް ހިމެނޭ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އދ ގެ އިތުރުން އެމެރިކާއިން ވެސް ވަނީ އެޖަމާއަތުން ރަނުގެ ވިޔަފާރިވެސް ކުރަމުން ދާ ކަމަށް ތުހުމަތު ކޮށް އެލާޓް ކޮށްފައެވެ.

ވީޑިއޯގައި ޕްރިގޯޒިން އިތުރަށް ބުނީ، އެފްރިކާގައި ތިބި އައިސިސްގެ ހަނގުރާމަވެރިންނާއި އެހެނިހެން ކުށްވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ އިތުރުން، ތަފާތު އެކި މައުދަންތަކާއި މިނަރަލްސް ހޯދުމުގެ މަސައްކަތްވެސް ކުރަމުން ދާ ކަމަށެވެ.

"އިންސާފާއި އުފާވެރިކަން އެފްރިކާގެ ރައްތިރުންނަށް، އަނެއްކޮށްޅުން އައިސިސް އާއި އަލްގައިދާގެ ހަނގުރާމަވެރިންގެ އިތުރުން ގޭންގްތައް އޮޕަރޭޓް ކުރާ ބަންދިތުންނަށް މިއީ ނަރަކައަކަށް ހަދާނަން"
ޕްރިގޯޒިން

ބޭންޑިޓް ނުވަތަ ބަންޑިތުންނަކީ، އެމީހުންގެ މައްޗަށް ގާނޫނެއް ނުހިނގާ ވަގުން ނުވަތަ އެކިއެކި ގޭންގްތަކަށް ނިސްބަތްވާ ފޭރި އުޅޭ މީހުންނެވެ.

ވާގްނާ އެފްރިކާއިން ފެނުމުގެ ކުރިން، ރަޝިއާގެ ޕީޓާސްބާގްގައި އޮތް އެފްރިކާ- ރަޝިއާ ސަމިޓުގެ ހަވާސާގައި ސެންޓްރަލް އެފްރިކާގެ އެމްބެސެޑަރު ފްރެޑީ މަޕައޮކާ އާ ބައްދަލު ކުރަނިކޮށް ނަގާފައި ވާ ފޮޓޯއެއްވެސް އާންމުވެފައި ވެއެވެ. އެއީ މޮސްކޯއަށް އަރަން އުޅުމަށް ފަހު ގެއްލުނު ފަހުން އޭނާ ރަޝިއާއިން ފެނުނު ފުރަތަމަ ފަހަރެވެ. އޭގެ ކުރިން، އެ ހާދިސާއަށް ފަހު ރަޝިއަގެ ރައީސް ވާގްނާގެ އިސްކޮމާންޑަރުންނާ ބައްދަލު ކުރެއްވި އިރުވެސް ޕްރިގޯޒިން ހުރިކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް ފޮޓޯއެއް އާންމުވެފައެއް ނުވެއެވެ.

2014 ގައި ރަޝިއާއިން ކްރިމިއާ ހިފި އިރު ކުރީ ސަފުގައި ހަނގުރާމަ ކުރަނ، ޕުޓިން އުފެއްދެވި ވާގްނާ އަކީ އެންމެ ޒަމާނީ ހަތިޔާރާއި ތަމްރީނު ލިބިފައި ތިބި ރަޝީއާ ސިފައިންގެ ތެރޭގައި ކުރިން އުޅެފައި ވާ މީހުން ހިމެނޭ ބޮޑު ޖަމާއަތެކެވެ. އޭގެ ތެރޭގައި އެކިއެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުން ދާ ގައިދީންވެސް ހިމެނޭ އިރު އެމީހުން އެ ޖަމާއަތަށް ވައްދާފައި ވަނީ އެ ޖަމާއަތުން ކަނޑައަޅާ މިޝަން ނުވަތަ ހަނގުރާމަތަކުގައި ބައިވެރިވެ ސަލާމަތުން މިޝަން ނިންމާ އާދެވިއްޖެ ނަމަ އެމީހެއްގެ ހުކުމެ ބާކީ މައާފު ކޮށްދޭން ރަޝިއާ ސަރުކާރުން އެއްބަސްވެގެންނެވެ.

އެގޮތުން ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރާ ހަނގުރާމައިގައިވެސް ވާގްނާގެ ދައުރު ބޮޑު އިރު އެ ޖަމާއަތަށް ނިސްބަތްވާ އެތައް ހާސް ފައުޖީންނެއް ހަނގުރާމައިގައި ބައިވެރިވިއެވެ. ގިނަ ބަޔަކު މަރުވި ނަމަވެސް ސަލާމަތުން އެނބުރި އެމީހުންގެ މަގާމުތަކަށް ދެވުނު މީހުންވެސް ގިނައެވެ. އެ ޖަމާއަތުން މޮސްކޯ ހިފަން ދިމާ ކުރީ، ޔޫކްރައިންގެ ޔޫކްރައިންގެ ސަރަހައްދުތައް ހިފުމަށް ފަހު އެތަންތަން ރަޝިއާ ސިފައިންނާ ހަވާލުކޮށް އެނބުރި ދިޔަ މަގުމަތީގައި އެމީހުންނަށް އަމާޒުކޮށް ރަޝިއާ ސިފައިން މިސައިލާއި ބަޑިން ހަމަލާ ދިނުމުގެ އިތުރުން ވަޅުލާފައި ހުރި މައިންތަކުގެ މައްޗަށް އެރި އެ ޖަމާއަތުގެ ގިނަ ބަޔަކު މަރުވުމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

މޮސްކޯ ހިފަން ދިމާކޮށް ކުރިއަށް ގެންދިޔަ 24 ގަޑިއިރުގެ އޮޕަރޭޝަންގައި އެ ޖަމާއަތުގެ 5000 އަށް ވުރެ ގިނަ ފައުޖީން ބައިވެރިވި އިރު އެމީހުން ފުރަތަމަ ހިފީ، ޔޫކްރައިން އަށް ހަމަލާދިނުމުގެ މައިމަރުކަޒެއްގެ ގޮތުގައި ދެކުނު ބިތުގައި އޮންނަ ރޮސްޓޯވްއެވެ. އެތަނުން ދުއްވާފައި ގޮސް މޮސްކޯގެ ރަށްބޭރުން 200 މޭލާ ހިސާބުގައި މަޑުކޮށްގެން ތިބެފައި އަނބުރާ ބެލަރޫސް އަށް ދިޔައީ، ޕުޓިންގެ އެދިވަޑައިގަތުމާ އެއްގޮތަށް އެގައުމުގެ ރައީސް އާއި ޕްރިގޯޒިން އާ ދެމެދު ވާހަކަ ދައްކާ، އެ ޖަމާއަތުގެ މީހުންނަށް އެގައުމުގައި ރައްކާތެރިކަން ލިބޭނެކަން ކަށަވަރު ކުރުމަށް ފަހުއެވެ.