އެއް އިރެއްގައި ރަޝިއާގެ ރައީސް ވަލްޑިމިއާ ޕުޓިންގެ ގާތް މީހެއްގެ ގޮތުގައި ހުރި ހަނގުރާމަ ވެރިޔާ ޔެވްގެނީ ޕްރިގޯޒިން މަރާލަން އެއްވެސް އޯޑަރެއް ނުދޭ ކަމަށް ރަޝިއާއިން ބުނެފިއެވެ.

ޕުޓިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، ޕްރިގޯޒިންގެ މަރާއި ރައީސް ޕުޓިން އާ ގުޅުވުމަށް ހުޅަނގުން ހަބަރު ފަތުރާ ކަމަށާއި އެއީ ވަކި މަގުސަދެއްގައި ހުޅަނގުން ކުރާ ކަމެއް ކަމަށެވެ. އަދި ވެއްޓުނު ޖެޓުގައި ޕްރިގޯޒިން އާ އެކު ތިބި 9 މީހުންގެ ހަށިގަނޑާއި ބޯޓުގެ ރެކޯޑަރު މިހާރު ހޯދިފައި ވާ ކަމަށާއި މީހުން ދެނެގަތުމަށްޓަކައި މޮލިކިއުލާ ޖެނެޓިކް ޓެސްޓުތައް ހަދަމުން ދާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ހުސްވި ޖޫން 24 ގައި މޮސްކޯއަށް އަރަ ހިފަން ޕްރިގޯޒިން ހިންގި 24 ގަޑިއިރުގެ ބަޣާވާތަށް ފަހު އޭރު ޕުޓިން ވިދާޅުވެފައި ވަނީ އެއީ ޚާއިނެއް ކަމަށައި މައާފު ކުރުމެއް ނެތް ކަމަށެވެ. ނަމަވެސް އޭނާ މޮސްކޯއަށް ނާރާ މައިދާން ދޫކޮށް ބެލަރޫސް އަށް ދިޔުމާއެކު، އޭނާ އާއި ވާގްނާގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންގޮސް ވަނީ މައާފު ދީފައެވެ. އޭގެ ފަހުން، ޕްރިގޯޒިން ހިމެނޭހެން ވާގްނާގެ އިސް ކޮމާންޑަރުންނާ ޕުޓިން ބައްދަލު ކުރައްވައި އެމީހުން ރަޝިއާގެ އާންމު ސިފައިންނާ ގުޅުމަށް ނުވަތަ ބެލަރޫސްގައި ގާއިމު ވުމަށް ދައުވަތު ދެއްވިއެވެ. އަދި ވާގްނާގެ އާ ބޮހެއްގެ ގޮތުގައި، ކުރީގެ އޮފިސަރެއްގެ ނަންވެސް ހުށަހެޅުއްވިއެވެ.

މިއިން އެއްވެސް ހުށަހެޅުއްވުމެއް ޕްރިގޯޒިން ގަބޫލުކުރިކަން ހާމަކޮށްފައި ނުވި ނަމަވެސް އޭނާ ވަނީ ބެލަރޫސްގައި ގާއިމުވެފައެވެ. އެއީ އެ ހުށަހެޅުމުގެ ތެރެއިން ޕްރިގޯޒިން ބަލައިގަތް ހަމައެކަނި ހުށަހެޅުން ކަމަށް ބެލެވޭއިރު، އޭނާ ވަނީ، ބެލަރޫސްގެ ކޭމްޕްތަކުގައި އޭރު ތަމްރީންވެސް ފަށާ، ޕޮލަންޑާއި ބެލަރޫސް ގުޅޭ ބޮޑަރު ސަރަހައްދަށް ވެސް ސިފައިންނާއެކު ގޮސްފައެވެ.

އޭގެ ދުވަސްތަކެއްގެ ފަހުން، އޭނާ ދެކުނު އެފްރިކާގައި ހުރި ކަމަށް ބުނެ ވީޑިއޯއެއް އާންމު ކުރިތާ 2 ދުވަސް ފަހުން، ޖެޓް ވެއްޓި މަރުވެފައި ވާއިރު ޕުޓިން ވިދާޅުވެފައި ވަނީ، ޕްރިގޯޒިން އަކީ ކުޅަދާނަ މީހެއް ކަމަށާއި ނަމަވެސް ސީރިއަސް ގިނަ މިސްޓޭކްތަކެއް ވެސް ހަދާފައި ވާ ކަމަށެވެ.