މިއަދު ރަޝިއާގެ ޓްވާރަށް ޕްރައިވެޓް ޖެޓެއް ވެއްޓި އެއިން ދަތުރު ކުރި 10 މީހުން މަރުވެފައި ވާ ކަމަށް ރިޕޯޓް ކޮށްފައި ވަނިކޮށް އެ 10 މީހުންގެ ތެރޭގައި ހަތިޔާރު އެޅި ވާގްނާ ޖަމާއަތުގެ ކޮމާންޑަރު ޔެވްގެނީ ޕްރިގޯޒިން ހިމެނޭ ކަމަށް ރަޝިއާގެ ނޫސް އިދާރާތަކުން ބުނެފިއެވެ.

ރަޝިއާގެ ޓާސް ނިއުސް އެޖެންސީން ޓާސްގެ އިތުރުން އެގައުމުގެ ސިވިލް އޭވިއޭޝަން ރެގިއުޅޭޓަރު، ރޮސަވިއާޓްސިއާއިން ވެސް ބުނެފައި ވަނީ ބޯޓުގެ ޕަސެންޖާ މެނިފެސްޓުގައި ޕްރިގޯޒިންގެ ނަން ހިމެނޭ ކަމަށެވެ.

އެމްބްރިއާ ބްރޭންޑްގެ ޖެތް މޮސްކޯއިން އެސްޓީ ޕީޓާސްބާގަށް ދާން ނައްޓާލީ 3 ކްރޫއިންނާއި 7 ޕަސެންޖަރުންނާއެކު ކަމަށާއި، ބޯޑަށް އެރި މީހުންގެ ލިސްޓުގައި ޕްރިގޯޒިންގެ ނަން އޮތް ނަމަވެސް އޭނާ އެރިކަން އަދި ޔަގިން ނުކުރެވޭ ކަމަށް ވެސް އިދާރާތަކުން ބުނެފައި ވެއެވެ.

ބައެއް ނޫސްވެރިންނާ ހަވާލާދީ އިންޓަނޭޝަނަލް މީޑިއާގައި ބުނެފައި ވަނީ އެ ހާދިސާއާ ގުޅޭގޮތުން ވާހަކަ ދައްކަން ޕްރިގޯޒިންގެ ތަރުޖަމާން ވާހަކަ ދައްކަން ދެކޮޅު ހަދާ ކަމަށާއި، އެ ޖެޓް، ރަޝިއާގެ ދިފާއީ ސިސްޓަމްތަކުން ވައްޓާލީތޯ ނުވަތަ ވެއްޓުނީތޯވެސް އަދި ޔަގީން ނުވާ ކަމަށެވެ. ހަމަ އެއާއެކު އެ ޖެޓް އުދުހެމުން ދިޔަ ގަޑީގައި އެސަރަހައްދުން އެހެން ޖެޓެއްވެސް އުދުހެމުން ދިޔަ ކަމަށާއި، އެ ޖެޓް އަނބުރާ ޕީޓަސްބާގަށް ޖައްސާފައި ވާ ކަަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ޕްރިގޯޒިން އަކީ ރަޝިއާގެ ރައީސް ވަލްޑިމިއާ ޕުޓިންގެ ވެރިކަން ވައްޓާލުމަށް ހަތިޔާރާއެކު މޮސްކޯއަށް ވަނުމަށް މަސައްކަތް ކުރި، ޕުޓިން އުފެއްދެވި މީހެކެވެ. 10 އަހަރުގެ ދިގު ވެރިކަމުގައި އާރާއި ބާރުގައި ހުންނެވި ޕުޓިންނަށް، އެހާދިސާއަކީ ލަދުވެތި ހަދިސާއެއްގެ ގޮތުގައި ހުޅަނގުން ސިފަކޮށްފައި ވާ އިރު، ޕްރިގޯޒިން އަކީ ގައުމުގެ ޣައްދާރެއް ކަަމަށާއި ހައްގު އަދަބު ދެއްވާނެ ކަމަށް އޭރު ޕުޓިން ވިދާޅުވެފައި ވެއެވެ. ނަމަވެސް ފަހުން އޭނާ މޮސްކޯއަށް ނާރާ އަނބުރާލައި ދާން އެއްބަސް ވުމުން، މައާފު ދެއްވި ކަމަށް ވެސް ޕުޓިން ވިދާޅުވިއެވެ.

އެ ހާދިސާއަށް ދުވަސްކޮޅެއް ވި ފަހުން، ޕުޓިން ވަނީ ވާގްނާ ގްރޫޕަށް އާ ވެރިއެއް ކަނޑައަޅާ، އެނަން ޕްރިގޯޒިން އާއި އޭނާއަށް ތަބާވާ އިސް ކޮމާންޑަރުންނަށް ހުށަހަޅުއްވާފައެވެ. ނަމަވެސް އެ ހުށަހެޅުމާ ޕްރިގޯޒިން ރުހުނު ކަމަކަމަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.