ހަތިޔާރު އެޅި ޖަމާއަތް، ވާގްނާގެ ބޮސް ޔެވްގެނީ ޕްރިގޯޒިން އިން ޖެޓެއް ވެއްޓި އޭނާވެސް މަރުވެފައި ވާ އިރު އެކަމުގެ ތުހުމަތު ހުޅަނގުން އެޅުވީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ އިސްތަށިފުޅުގައެވެ.
ޕްރިގޯޒިން އަކީ، ކުރިން ޕުޓިން އަށް ފަރީއްކޮޅު އަރުވާ ޝެފަކަށް އުޅެ ފަހުން 2014 ގައި ރަޝިއާއިން ކްރިމިއާ ހިފި އިރު، ޕުޓިން ރެކްރޫޓު ކުރެއްވި މީހެކެވެ. އޭރުން ސުރެ ފެށިގެން ޕުޓިންގެ އޯޑަރަށް ކަންކަން ހިންގަމުން، ހަނގުރާމަތައް ކުރަމުން ގެންދިޔަ ޕްރިގޯޒިން ވަނީ ޔޫކްރައިން ހަނގުރާމައިގައި ވެސް އިސް ދައުރެއް އަދާކޮށްފައެވެ.
ހަނގުރާމަ ވެރި ބޮޑު ޖަމާއަތެއްގެ ގޮތުގައި ފަހުގެ ޒަމާނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުން ދިޔަ ވާގްނާ ޖަމާއަތުގެ ބާރު ގަދަވެ، އެއީ ރަޝިއާ އަށް ވެސް އޮތް ނުރައްކަމެއް ކަމަށް ބެލެވި އެލާމް އަޅަމުން ދަނިކޮށް، ވާގްނާއިން ހިފި ލުހާންސް ރަޝިއާ ސިފައިންނާ ހަވާލުކޮށް، ބެރެކްސް އަށް ނުވަތަ ވާގްނާ ކޭމްޕަށް އަނބުރާ ދިޔަ މަގުމަތީގައި ރަޝިއާ ސިފައިން އޭނާ އަށާއި އޭނާގެ ޖަމާއަތަށް އަމާޒު ކޮށް ހަމަލާ ދިން މައްސަލައިގައި އޭނާ ވަނީ މޮސްކޯ ހިފަން ދިމާކޮށްފައެވެ.
މިދިޔަ ޖޫން މަހު ހިނގި އެ ހާދިސާގައި ބަރުހަތިޔާރާއެކު އެ ޖަމާއަތުގެ 500 އެއްހާ ސިފައިން ރަޝިއާގެ ރިސްޓޯވް އަށް ވަދެ އެތަން ހިފާ، މޮސްކޯއަށް މިސްރާބު ޖަހަން 24 ގަޑިއިރު ނުގަނައެވެ. ނަމަވެސް އޭނާ މޮސްކޯއަށް ނާރާ ފައިގެން ދިޔަ ނަމަވެސް އޭނާގެ އެ އަމަލަކީ ޕުޓިން އަށް ބަރުދާސްތު ކުރެވޭ ވަރަށް ވުރެ ލަދުވެތި ކަމެކެވެ.
ރަޝިއާގެ ކޮންމެ ކަމެއް އަދި ކޮންމެ ހަރަކާތެއް ހިނގަނީ ޕުޓިންގެ ބާރާއި އާރުގައި ކަމަށް ވާއިރު އެ ހާދިސާއާ ގުޅިގެން ހުޅަނގުން ވަނީ ޕުޓިންގެ ސިޔާސަތާއި ޕުޓިން އަށް ރަޝިއާ ހިމާޔަތް ކުރެވިދާނެ ކަމާމެދު ގިނަ ސުވާލުތައްވެސް އުފައްދާފައެވެ.
ޕްރިގޯޒިން، މޮސްކޯ ދޫކޮށް ބެލަރޫސް އަށް ގޮސް އެތާނގައި އެ ޖަމާއަތުގެ ތަމްރީންތައް ފަށާ، ޕޮލަންޑު ބޯޑަރާ ގާތަށް ޖެހެމުން ދާން ފެށުމުން ޕޮލަންޑުން އެތައްހާސް ސިފައިންނާއި ބަރުހަތިޔާރު ބޯޑަރަށް ފޮނުވައި ތައްޔާރީ ހާލަތަށް ގެނެސްގެން ތިއްބާ، ދެން ފެނުނީ ޕްރިގޯޒިން ދެކުނު އެފްރިކާއިންެނެވެ. އޭނާ އެތާހުރެ އާންމު ކުރި ވީޑިއޯއެއްގައި ރަޝިއާގެ ނަން މުޅި ދުނިޔޭގައި ފަހުރުވެރި ކުރާނެ ކަމަށާއި އެފްރިކާ އިތުރަށް މިނިވަން ކުރާނެ ކަމަށް ބުނެފައި ވެއެވެ. އަދި އެފްރިކާގައި ހަރަކާތްތެރިވާ އައިސިސް އާއި އަލްގައިދާ އާއި އެނޫންވެސް ވަކި ޖަމާއަތްތައް ހަދައިގެން އުޅޭ ހަނގުރާމަވެރިންނާއި ގޭންގް ލީޑަރުން ނައްތާލާނެ ކަމަށް ވެސް ބުންޏެވެ.
ޕްރިގޯޒިން މޮސްކޯއަށް އަރަން އުޅުނު މައްސަލައިގައި އޭނާ އަކީ ޣައްދާރެއް ކަމަށް ޕުޓިން ކަނޑައެޅުއްވި ނަމަވެސް ފަހުން އޭނާ މައިދާން ދޫކޮށް ދިޔުމުން ވަނީ، ކުރިން ވިދާޅުވި ވާހަކަ އަނބުރާ ގެންދަވާ އޭނާ އާއި ވާގްނާގެ މެންބަރުންގެ މައްޗަށް ދައުވާ ނުކުރާން ނިންމަވާފައެވެ.
ރޭ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސުރުހީތައް ފަވާލީ ވާންގާ އިން ޖެޓެއް ރަޝިއާ އަށް ވެއްޓި މަރުވި 10 މީހުންގެ ތެރޭގައި ޕްރިގޯޒިންވެސް ހިމެނޭ ކަމަށް ބުނެ އާންމު ކުރި ހަބަރެވެ. އެއާއެކު ހުޅަނގުގެ ގައުމުތަކުން، އެގައުމެއްގެ ހިޔާލު ހާމަ ކުރަމުންދިޔައެވެ.
އެގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، ޕްރިގޯޒިން މަރުވިޔަސް އެކަމުގައި އޭނާ ސަޕްރައިޒް ވެ ވަޑައިނުގަންނަވާ ކަމަށާއި، ކަން ހިނގިގޮތް އަދި މުޅިން އެނގިވަޑައިނުގެންނެވި ނަމަވެސް ރަޝިއާގައި ޕުޓިންގެ އަތެއް ނެތި ކަމެއް ނުހިނގާނެ ކަމަށެވެ.
ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީގެ މުޝީރު މައިކޭލޯ ޕޮޑަލިޔަކް ވިދާޅުވީ، ބޯޓު ގޮވުމުގެ ހާދިސާ އަކީ، ކްރެމްލިންއަށް ގައްދާރުވާ ކޮންމެ މީހަކަށް ދިން މެސެޖެއް ކަމަށެވެ.
އެސްޓޯނިއާގެ ބޮޑުވަޒީރު ކަޖާ ކަލާސް ވިދާޅުވީ، ޕުޓިން ގަބޫލު ކުރައްވާ ހަމަތަކާއި އުސޫލުތަކާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހަކު ނައްތާލާނެ ކަމަށެވެ.
ޕޮލަންޑުގެ ހާރިޖީ ވަޒީރު ޒިބިގްނިއު ރައޫ ޕުޓިންގެ ބާރާއި އާރަށް ނުރައްކާ އެއްވެސް މީހަކު ގުދުރަތީ މަރަކުން މަރުނުވާނެ ކަމަށެވެ.
އިނގިރޭސިވިލާތުން ބުނީ، ވެއްޓުނު ބޯޓުގައި ޕްރިގޯޒިން އިން ކަމަށް ރަޝިއާއިން އެހާ އަވަހަށް ބުނުމުން މަންޒަރު ސާފު ކަމަށެވެ.
ޕްރިގޯޒިންގެ މަރާ ގުޅިގެން، ވާގްނާ ގްރޫޕުން މިއަދުވަނީ އެމީހުންގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި އިންޒާރުގެ މެސެޖެއް އާންމުކޮށްފައެވެ. މޫނު ނިވާކޮށްގެން އަސްކަރީ ޔުފޯމްގައި ރައިފައލް ހިފައިގެން ތިބި 3 މީހަކު ބުނެފައި ވަނީ، ވާގްނާ ނުނިމޭ ކަމަށާއި އަދި ފެށުނީ ކަމަށެވެ. އެ މެސެޖުގައި ރަޝިއާ އާ ގުޅުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިއްޔެ ވެއްޓި ގޮވި ޖެޓްގައި ޕްރިގޯޒިން އިން ކަމަށް މެނިފެސްޓުން ދައްކާ ކަމަށް ރަޝިއާގެ ރަސްމީ ނޫސް އިދާރާތަކުން ބުނެފައި ވާ އިރު، އެ ޖެޓް ވެއްޓުނީ، މޮސްކޯއިން އެސްޓީ ޕީޓަސްބާގަށް ދަތުރު ކުރަނިކޮށެވެ. ޖެޓް ވެއްޓެން ދިމާވި ސަބަބު އަދި ރަޝިއާގެ އިދާރާތަކުން ހާމަކޮށްފައި ނުވާ އިރު މައްސަލަ ތަހުގީގު ކުރާ ވާހަކަވެސް ބުނެފައެއް ނުވެއެވެ.
ވާގްނާ ބޮސް ޕްރިގޯޒިން މަރުވި އިރު، މޮސްކޯއަށް އެ ޖަމާއަތުން އަރަން އުޅުނު މައްސަލައިގައި އެ ޖަމާއަތުގެ އިސްވެރިން މޮސްކޯއަށް ހާޒިރުކޮށް ޕުޓިން ވަނީ، ވާގްނާގެ އާ ބޮސް އަކަށް ކުރީގެ ޖެނެރަލެއް ކަމަށް ވާ އެންޑްރޭ ޓްރޮޝޭވްގެ ނަން ހުށަހަޅުއްވާފައެވެ. ނަމަވެސް އޭނާ އަކީ ބޮސް ކަމަށް ޕްރިގޯޒިން ބަލައިގެންފައެއް ނުވެއެވެ.