ރަޝިއާގެ ވެރިރަށް މޮސްކޯއިން އެސްޓީ ޕީޓާސްބާގަށް ދަތުރު ކުރަނިކޮށް ވައިގެ ތެރޭގައި ގޮވައިގެން ޖެޓު ވެއްޓުމުގެ ހާދިސާގައި މަރުވީ ހަނގުރާމަވެރި ޖަމާއަތް، ވާގްނާގެ ބޮސް ޔެވްގެނީ ޕްރިގޯޒިން ކަމަށް ރަޝިއާއިން ބުނެފިއެވެ.
އެގައުމުގެ އިދާރާތަކުން މިކަން ހާމަ ކޮށްފައި މިވަނީ، ވެއްޓުނު ބޯޓަށް ޕްރިގޯޒިން އެރި ކަމާ މެދު ހުޅަނގުން ޒުވާލު އުފައްދަމުން ދަނިކޮށް އެ ބޯޓުން ދަތުރު ކުރި މީހުންގެ ޖެނެޓިކް ޓެސްޓްތައް ހެދުމަށް ފަހުއެވެ.
ރަޝިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، ވެއްޓުނު ޖެޓުގައި ޕްރިގޯޒިންގެ އިތުރުން، އެ ޖަމާއަތުގެ އެންމެ އިސް 6 ލެފްޓިނަންޓުން ތިބި ކަމަށެވެ. ދެން ތިބި 3 މީހުންނަކީ ޕައިލެޓުންނާއި ކްރޫއިންނެވެ.
ބޯޓު ވައިގެ ތެރޭގައި ގޮނަ ޖެހުނު ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވަ އިރު އެމެރިކާއިން ބުނެފައި ވަނީ، ބޯޓަށް މިސައިލް ހަމަލާއެއް އެރިކަން ފާހަގަ ވާ އެއްވެސް ހިންޓެއް ނުވަތަ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. ހުޅަނގުގެ ބައެއް ގައުމުތަކުން ބުނީ، ބޯޓު ގޮވިކަމަށް ބެލެވެނީ، އެ ބޯޓުގައި އޮތް ބޮމެއް ގޮވައިގެން ނުވަތަ ރަޝިއާގެ ރޭވުންތެރި ހަމަލާއަކުން ކަމަށެވެ. ގިނަ ގައުމުތަކުން ބުނެފައި ވަނީ، ޕްރިގޯޒިން އަކީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ 'ބްލެކް ލިސްޓު' ގައި އޮތް މީހެއް ކަމަށާއި އޭނާ މަރާލުމަކީ ޕުޓިން ބޭނުންފުޅުވާ ކަމެއް ކަމަށެވެ.
ޕުޓިންގެ ލިސްޓަށް ޕްރިގޯޒިން އެރީ، މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ބަރުހަތިޔާރާއެކު ޕްރިގޯޒިން މޮސްކޯ ހިފަން އުޅުމުންނެވެ. އެ ދުވަހު އޭނާ މައިދާން ދޫކޮށްފައި ދިޔުމުން ޕުޓިން ވަނީ، 2 ހުށަހެޅުމެއް ޕްރިގޯޒިން އަށް ދީފައެވެ. އެއް ހުށަހެޅުމަކީ ވާގްނާގެ ހުރިހާ ފައުޖީން ރަޝިއާގެ އަސްކަރިއްޔާގެ ކޮމާންޑުގެ ދަށުގައި މަސައްކަތް ކުރުމުގެ. ދެވަނަ ހުށަހެޅުމަކީ، ރަޝިއާ ދޫކޮށް ފައިބައިގެން ދިޔުމެވެ. ޕްރިގޯޒިން ނިންމީ ރަޝިއާ ދޫކޮށް ދާށެވެ.
ބޯޓު ވެއްޓުމުގެ ހާދިސާގައި ޕްރިގޯޒިން އާ އެކު މަރުވި މީހުންގެ ތެރޭގައި ޕްރިގޯޒިންގެ 2 ވަނައަށް އެންމެ އިސް ކޮމާންޑަރު ޑިމިޓްރީ އަޓްކިން އާއި ވާގްނާގެ ލޮގިސްޓިކްސް ކަންކަން ރާވާ މާސްޓާމައިންޑް ވެލަރީ ޗެކަލޯވް ހިމެނެއެވެ.