އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އަސްލަމް އައްޑޫއަށް ވަޑައިގެންފައި ވަނީ މިރޭގެ ވަގުތެއްގައެވެ. އަސްލަމްއަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު އެއާޕޯޓަށް ޖަމާވެފައިވާ އިރު ސަލާންކުރަން ދިގު ކިއޫތަކެއް ހަދާފައި ވެއެވެ. އަދި ސަޕޯޓަރުން އަންނަނީ "އެއްބުރުން" ކާމިޔާބު ކުރާނެ ކަމަށް އަޑުގަދަކޮށް ގޮވަމުންނެވެ.

އަސްލަމްގެ އިތުރުން މިއަދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އައްޑޫއަށް ވަޑައިގެންފައެވެ. ރިޔާސީ ކެމްޕެއިންގައި މުއިއްޒު މިއަދު ހަވީރު އައްޑޫ އަށް ވަޑައިގެންފައި ވާއިރު ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބީ އިސްތިގުބާލުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދަށް އެއްވެފައެވެ. އަދި މަރުހަބާ ކިޔަން ނުކުތް ގިނަ އަދަދެއްގެ ސަޕޯޓަރުންނާ މުއިއްޒު ވަނީ ސަލާމް ކުރައްވާފައެވެ.

އަސްލަމްގެ އިތުރުން ރައީސް ސޯލިހު ގެންދަވަނީ ރ. އަދި ބ ގައި ކެމްޕެއިން ކުރައްވަމުންނެވެ. ރައީސް ސޯލިހް ބ. ތުޅާދުއަށް ވަޑައިގަތުމާ ދިމާކޮށް ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި އެ ރަށުން ބަޔަކު ހައްޔަރު ކޮށްފައިވެސް ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކޮށްފައި ވަނީ އިދިކޮޅު ޕާޓީ ޕީޕީއެމްއަށް ނިސްބަތްވާ 4 މީހުންނެވެ. އަދި އެ މީހުން ހައްޔަރު ކޮށްފައި ވަނީ ރައީސްގެ ކެމްޕެއިން ދަތުރުފުޅަށް ހުރަސް އެޅޭފަދަ ހަރަކާތްތަކެއް ހިންގާ މަސްލަހަތު ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.