ދައުލަތުގެ މީޑިއާ ޕީއެސްއެމާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ބައިވެރިވެވަޑައިގެންނެވޭނެ ކަމުގެ ޔަގީންކަމެއް، އެމަނިކުފާނުގެ ކެމްޕެއިން ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަކަށް ނުދެއްވުނެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހު ރިޔާސީ ބަހުސް ބާއްވާ ގޮތަށް ތާވަލުކޮށް، ޕީއެސްއެމުން ވަނީ ހުރިހާ ކެންޑިޑޭޓުންނަށް ދައުވަތު ފޮނުވާފައެވެ.

މިކަމާ ގުޅިގެން މިއަދު ނޫސްވެރިޔަކު ސުވާލުކުރުމުން މާރިޔާ ވިދާޅުވީ، ރައީސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުންފިލުވަން ކަމަށާއި، އެގޮތުން މާލޭގައި ވެސް ހަރަކާތްތައް ކުރިއަށް ގެންދަނީ އެ ބޭނުމުގައި ކަމަށެވެ.

އެހެންކަމުން، ރައީސަށް ބަހުސްގައި ބައިވެރިވެވަޑައިގެންނެވުމާ މެދު އެއްޗެއް ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމަނިކުފާނުގެ އެ ޕްރޮގްރާމްގެ (ކެމްޕެއިންގެ) ތެރެއިން ރައްޔިތުންގެ ގާތަށް ވަޑައިގަތުން ހަމަގައިމު ވެސް އެންމެ މުހިންމުވާނީ، ރައްޔިތުންނާ ވާހަކަފުޅު ދެއްކެވުން އެންމެ މުހިންމު ކަމަށް ދެކެވަޑައިގަންނަވާނީ، އެކަން ކުރައްވާފަ ވަގުތު އޮތް ކަމަށް ވަންޏާ ތި ތަންތަނަށް ވެސް (ބަހުސަށް) ވަގުތު އޮތް މިންވަރަކުން ފުރުސަތު ދެއްވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މާރިޔާ ވިދާޅުވިއެވެ.

ޕީއެސްއެމުން ކުރި އިއުލާނުގައި ބުނީ، އަންނަ މަހުގެ ފުރަތަމަ ދުވަހުގެރޭ 9 ޖަހާއިރު ބަހުސް އޮންނާނެ ކަމަށެވެ.

އެ ބަހުސްގައި ކެންޑިޑޭޓުންގެ ތަސައްވަރާއި ސިޔާސަތުތަކާއި ކުރިއަށް އޮތް ފަސް އަހަރާ މެދު ކެންޑިޑޭޓުންގެ އުންމީދުތައް ހުރި ނެތް ގޮތް ހާމަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.